ފުރާންސުގެ ރައީސް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައިފި!

Loading

Facebook
Twitter
WhatsApp

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކީ ”ބަލައިނުގަނެވޭނެ“ އަދި ”މޮޔަ“ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައި، ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އަދި މި ހަމަނުޖެހުންތަކަކީ ހިޖުރަކުރުމުގެ ސަބަބުން ހިނގި ކަންކަން ކަމަށް ބުނެ ދައްކާ ވާހަކަތައް މެކްރޮން ވަނީ ދޮގުކުރައްވާފައެވެ.

ޕެރިހާއި ފަރަންސޭސިވިލާތުގެ އެހެން ސިޓީތަކުގައި ހަފުތާ ބަންދުގައި ހިނގި މުޒާހަރާތަކާއި ހަމަނުޖެހުންތަކަށްފަހު، ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން މެކްރޮން ވަނީ ފަރަންސޭސިވިލާތުގެ ނުތަނަވަސް އިޖުތިމާއީ މަސްރަހުގެ ބޭނުން ހިފައިގެން، ބޭރުގެ ލީޑަރުން ސިޔާސީ މަންފާ ހޯއްދަވަން އުޅުއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ދުވަހަކުވެސް ހިނގާފައިނުވާ ހާދިސާތައް ދައްކުވައިދޭ، އޭއައި އިން އުފައްދާފައިވާ ފޮޓޯތައް ހިމެނޭ ގޮތަށް ފަތުރަމުންދާ ކަންކަމުގެ ހަގީގަތް އޮޅޭފަދަ މައުލޫމާތުތަކަކީ، މި ހަމަނުޖެހުންތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފެތުރުމަށް މަގުފަހިވި ކަމެއް ކަމަށެވެ. މީގެއިތުރުން، ފަރަންސޭސިވިލާތަކީ މުސްލިމް ހިޖުރަވެރިންނާއި ހައްދުފަހަނައެޅި އިސްލާމިސްޓުންގެ ބާރުގެ ދަށުވެފައިވާ ގައުމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ މެކްރޮން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ ޓްރަމްޕަށްތޯ ސުވާލު ކުރުމުން، މެކްރޮން ވިދާޅުވީ އެ ފާޑުކިޔުމަކީ އެހެން ފަރާތްތަކުގެ އިތުރުން ޓްރަމްޕަށްވެސް އަމާޒުކުރެވުނު ފާޑުކިޔުމެއް ކަމަށެވެ.

ޓްރަމްޕް ވަނީ މި ހަމަނުޖެހުންތަކުގެ ޒިންމާ ހިޖުރަކުރި މުސްލިމުންގެ ބޮލުގައި އަޅުވައި، ފަރަންސޭސިވިލާތުގެ ބޯޑަރުތައް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. އާދީއްތަ ދުވަހު އޭނާގެ ”ޓްރުތު ސޯޝަލް“ ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ހިޖުރަކުރުމުގެ ސަބަބުން ފަރަންސޭސިވިލާތް ހަލާކުވެފައިވާ ކަމަށާއި، ޔޫރަޕްގެ ގައުމުތަކުން އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މި މުޒާހަރާތައް ފުރަތަމަ ފެށުނީ އިތުރު މުދައްރިސުން ހޯދުމަށާއި ސްކޫލްތަކުގެ ހާލަތު ރަނގަޅުކުރުމަށް ދަރިވަރުން ޑިމާންޑް ކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން މި މުޒާހަރާތައް ފުޅާވެ، ޓްރޭޑް ޔޫނިއަންތަކާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، އިންފްލޭޝަނާއި، އަދި އާންމު ޚިދުމަތްތަކާ މެދު ކަންބޮޑުވާ އާންމު ރައްޔިތުންވެސް މީގެ ތެރެއަށް ވަނީ ގުޅިފައެވެ.

ފަރަންސޭސިވިލާތުގެ ދާޚިލީ ވުޒާރާއިން އަންދާޒާކުރާ ގޮތުގައި މުޅި ގައުމުގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި 550،000 މީހުން ބައިވެރިވިއެވެ. ނަމަވެސް ސީޖީޓީ ޓްރޭޑް ޔޫނިއަނުން ބުނާ ގޮތުގައި އެ އަދަދު އުޅެނީ 800،000 ގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޑިމާންޑްތައް އަމާޒުވެފައިވަނީ ދިރިއުޅުމުގެ ޚަރަދުތަކަށާއި އާންމު ޚިދުމަތްތަކަށެވެ؛ ހިޖުރަކުރުމުގެ މައްސަލައަކަށް ނޫނެވެ. އަދި ޓުރަމްޕު، މުސްލިމުންގެ އަގުވައްޓާލުމަށްކުރާ މަސައްކަތާއި ގުޅިގެންވެސް އެ ގައުމުގެ ރައްޔިތުން ދަނީ ބަހާއި އަމަލުން ނުރުހުން ފާޅުކުރަމުންނެވެ. މުސްލިމުންގެ ދިފާއުގައި ގިނަ ބަޔަކު ދަނީއެ ގައުމުގައި އަޑުއުފުލަމުންނެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން-ނޮއެލް ބަރޯވެސް ވަނީ ހަގީގަތް އޮޅޭފަދަ މައުލޫމާތު ފެތުރުމާ ދެކޮޅަށް ފާޑުވިދާޅުވެފައެވެ. އަދި ސޯޝަލް މީޑިއާގައި މިފަދަ ދޮގު ވާހަކަތައް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި، ކަންބޮޑުވުން ފާޅުކުރާ ގައުމުތަކަށް އެ ވުޒާރާއިން ކަންކަމުގެ ހަގީގަތް ސާފުކޮށްދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް