އިޒްރޭލުގެ ތެލްއަވީވުން ފުރައިގެން ވިއެނާއަށް ދަތުރު ކުރި އޮސްޓްރިއަން އެއާލައިންސްގެ މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ މެސެޖެއް ބޯޓުގެ ފަޅުވެރިންނަށް ލިބުމާއި ގުޅިގެން އެވަގުތު އެންމެ ކައިރީގައި އޮތް ބަލްގޭރިޔާގެ ސޯފިޔާ އެއާޕޯޓްގައި އިމަރޖެންސީ ކޮށް ޖައްސައިފިއެވެ.
ބޯޓުބަލްގޭރިޔާގައި ޖެއްސުމަށްފަހު ހުރިހާ ފަސިންޖަރުން ވަނީ އަވަހަށް ބާލާފައިވާކަމަށް ބަލްގޭރިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ބުނެފައި ވެއެވެ.
ބޯޓުގައި ބޮމެއް އޮތް ކަމުގެ މެސެޖެއް ލިބިފައިވާކަން ރިޕޯޓް ކުރުމާއި އެކު ބަލްގޭރިޔާގެ ޑިފެންސް މިނިސްޓްރީން މިގް-29 ގެ ފައިޓަރ ޖެޓެއް، އޮސްޓްރިއަން އެއާލައިންސްގެ އެއާބަސް ބޯޓު އެސްކޯޓް ކުރަން ފޮނުވާފައި ވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާ މިހާރު ތަހްގީގް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ.
މިހާދިސާ މިހިގީ މިދިޔަ މަހުވެސް ތެލްއަވީވަށް ދަތުރު ކުރި ބޯޓެއްގެ ކޯޕައިލެޓް، ޕައިލެޓަށް ހަމަލާ ދީ ބޯޓު ވައްޓާލަން އުޅުމުގެ ހާދިސާ އެއް ހިނގާފައި ވަނިކޮށެވެ. އެފަހަރު ދެޕައިލެޓުން ތަލާފޮޅަނިކޮށް ފަސިންޖަރުން ވަދެވަނީ ހަމަލާދިން ކޯޕައިލެޓް ބަނދެ ހައްޔަރު ކޮށްފައެވެ. އަދި ބޯޓުވަނީ ސައޫދީއަރޭބިޔާގައި ޖައްސާފައެވެ.
އެހާދިސާއަށްފަހު އިޒްރޭލުން ވަނީ މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތަކަށް ނިސްބަތްވާ ޕައިލެޓުން އެގައުމަށް ދަތުރު ނުކުރެވޭނެ ކަމަށް އަންގާފައިވާ އެންގުން ތަކުރާރު ކޮށްފައެވެ. މިގޮތުން 31 ގައުމެއްގެ ނަން އިޒްރޭލުން ހާމަކުރި ލިސްޓްގައި ވެއެވެ. އެލިސްޓްގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
![]()
