ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ %100 ހިއްސާ ސަރުކާރަށް ނަގަނީ

Loading

Facebook
Twitter
WhatsApp

ދިރާގުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހޯދައި، އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫތު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށެވެ.
ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން އެ ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ދޫކޮށްފައިވާއިރު އެ ހިއްސާ އަލުން ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ %51 ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެއީ ރައްޔިތުންގެ ވަރަށްބޮޑު ހަރުމުދަލެއް ކަމަށާއި ގަބޫލުކުރާގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދިރާގުގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީވެސް ސަރުކާރަށް މުހިންމު ކުންފުންޏެއް ކަމަށް ރަައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އެމްޑަބްލިޔުއެސްސީއަކީ %100 ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށެވެ.
އަދި އެއީ ރައްޔިތުންނަށް ޚިދުމަތްދިނުމަށާއި އެމްޑަބްލިޔުއެސްސީ އިތުރަށް ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. މިގޮތުން ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިޔުއެސްސީގެ %20 ގެ ޝެއާ ގަނެ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް