ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންނެވެ.
އެގޮތުން ”Hulhumale Daily Rent Apartment“ (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް އެފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތް ހަދާ ގޮތް (މޯޑަސް އޮޕަރަންޑީ)
އޮޅުވާލައިގެން އިޝްތިހާރުކުރުން: މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރުކުރުން.
އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން: މެސެޖިންގ ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުންވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިންގ ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރުން.
އެޑްވާންސް ފައިސާ އަތުލުން: ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނުން.
ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން: އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން.
ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓައިލުން: ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުވުމާއެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދިނުން
ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް
ތަން ބަލައި ޔަގީންކުރުން: އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގ ފީއެއް ޓްރާންސްފަރ ނުކުރުން.
މިލްކުވެރިކަން ކަށަވަރުކުރުން: ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުން.
އަވަސްއަރުވާލައިގެން ފައިސާ ދައްކަން ބުނާ ބުނުމަށް ފާރަވެރިވުން: ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުން.
އޮންލައިން މުއާމަލާތްތަކަށް ސަމާލުވުން: ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުން.
މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުމަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.
![]()
