ގާހިރާގެ އެއާރޕޯރޓުން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގް ލިޔުއާން އަށް މަރުހަބާ ވިދާޅުވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީ ސީ އާއި އެމަނިކުފާނުގެ އަނބި ކަނބަލުން އިންތިސާރު އަމީރް އެވެ. 26 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާހިރާގެ ގެތަކާއި ބޮޑެތި މަގުތަކުގައި އަލް ސީ ސީ އާއި ޝީ ޖިންޕިންގެ ފޮޓޯ ފުޅުތަކާއި ދެ ގައުމުގެ ދިދައާއި އަދި މަރުޙަބާގެ ލިއުންތަކާއި ކުލަބޮކިތަކުން ވަނީ އަލިކޮށް ޒީނަތްތެރި ކޮށްފައެވެ. މަގުތަކުގައި ހަރުކޮށްފައިވާ މަރުހަބާގެ ބޯޑު ތަކުގައި މިސްރާއި ޗައިނާގެ ޒަމާންވީ ރަޙްމަތްތެރިކަން ނިވިދިއްލެމުންދާއިރު ނީލަކޯރު ރާޅުބާނި ސިފަކޮށްދެއެވެ.
ސުއޭޒް ކެނަލް ސަރަހައްދުގައި އޮންނަ ޗައިނާގެ އިކޮނޮމިކް ޒޯނުގައި ޗައިނާގެ އިތުރު އިންވެސްމެންޓްތަކަށް މިދިޔަ ބުދަ ދުވަހު ދެ ރައީސުން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ބްރިކްސް މެމްބަރުންގެ ތެރޭގައި ހިމެނޭ މި ދެގައުމުން ސުއޭޒް ކެނަލްގައި ހިމެނޭ މިސްރާއި ޗައިނާގެ އިންޑަސްޓްރިއަލް ޒޯނުގެ ތިންވަނަފޭސް ލޯންޗްކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއި ކުރައްވާފައިކަން އަލް ސީ ސީގެ އޮފިހުންވަނީ ހާމަކޮށްފައެވެ.
ގާހިރާގެ އިރުމަތިން 50 ކިލޯމީޓަރ ދުރުގައި އޮންނަ ހުސްބިމުގައި އަލް ސީ ސީގެ ސަރުކާރުގެ އެޑްމިނިސްޓްރޭޓިވް ކެޕިޓަލްގައި އިމާރާތް ކޮށްދީފައިވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އެންޖިނިއަރިންގ ކޯރޕޮރޭޝަނުންނެވެ. އެ ސަރަހައްދުގެ ވިޔަފާރީގައި ޗައިނާ އިންވެސްޓްމެންޓައް ބޮޑު ހިއްސާއެއް އަދާ ކުރަމުން ގެންދެއެވެ. ޗައިނާ ކަސްޓަމްގެ ހިސާބު ތަކުން ދައްކާގޮތުގައި މިހާރުވެސް ޗައިނާއަކީ އެންމެ ގިނަ މުދާ މިސްރަށް އެކްސްޕޯރޓް ކުރެވޭ ގައުމެވެ. 2026 ވަނައަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 12 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ޗައިނާއިން މިސްރަށް އެތެރެކޮށްފައިވެއެވެ.
އެމެރިކާއިން އީރާނާ އަދި ޗައިނާއާއެކު ވިޔަފާރިއާއި ބޭންކުގެ މުއާމަލާތު ކުރަމުންގެންދާތީ އެމެރިކާއިން މިސްރުގެ ދެވަނައަށް އެންމެ ބޮޑު ބޭންކާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީވެ، މިސްރުގެ މީޑިއާގެ އެޑިޓޯރިއަލްގައި ރައީސް އަލް ސީ ސީ ވަނީ މިސްރުގެ މިނިވަން ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ލިއުއްވާފައެވެ. މުހައްލިލުން ދެކޭގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ރައީސް އަލް ސީ ސީ ބޭއްވެވި ސަމިޓްގެ މަގްސަދަކީވެސް ޗައިނާއާއި އެމެރިކާއަކީވެސް މިސްރަށް ހަމަހަމަ އެކުވެރިން ކަމުގައި ދެއްކުމެވެ. މިދިޔަ އޯގަސްޓް މަހު މިސްރުން ވަނީ ޗައިނާއާއެކު ޗައިނާގެ ބާރުގަދަ ޖޭ-16 މަރުކާގެ ފައިޓަރޖެޓް ވެސް ބޭނުންކޮށްގެން މިލިޓްރީ ތަމްރީނު ތަކެއް ބާއްވާފައެވެ.
އަރަބި އަދި އެފްރިކާ ބައްރުން ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ މިސްރެވެ. އެއީ 1956 ވަނަ އަހަރުގައެވެ. ރައީސް އަލް ސީ ސީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން މިހާތަނަށް ޗައިނާއަށް ރަސްމީ 8 ދަތުރުފުޅު ކުރައްވާފައި ވެއެވެ.
ޝީ ޖިންޕިން މިސްރަށް ކުރައްވާ ދަތުރު ފުޅުގައި މެދުއިރުމަތީގެ އަމިއްލަ ސެކިއުރިޓީއަށް ގޮވާލައްވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އެތައް ޒަމާނަކަށްފަހު މިސްރަށް ކުރައްވަމުންގެންދަވާ ފުރަތަމަ ދަތުރުފުޅުގައި ގާހިރާގެ އިއްތިހާދިއްޔާ ގަނޑުވަރުގައި ރައީސް އަބްދުލް ފައްތާހް ސީ ސީ އާއި ބައްދަލުކުރައްވައި މެދުއިރުމަތީގެ ގައުމުތަކުގައި އަމިއްލަވަންތަ ސެކިއުރިޓީ ނިޒާމެއް ގާއިމްކޮށް ބޭރުގެ ބާރުތަކަށް ޖާގަ ނުދިނުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވައިފިއެވެ. އަދި އެކަމަށްޓަކައި ސަރަހައްދުގެ ގައުމުތަކުން މަޝްވަރާކުރުމަށް ވެސް ބާރުއާޅުއްވާފައިވެއެވެ. ރައީސް ޝީ ޖިންޕިން މިސްރަށް ކުރައްވާދަތުރުފުޅުގެ މަގްސަދަކީ އެމެރިކާއާއި އިސްރާއީލުން އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ޗައިނާއަށް އިތުރަށް މަގު ފަހިކުރުން ކަމުގައި ބެލެވިފައި ވެއެވެ. އިއްތިހާދިއްޔާ ގަނޑުވަރަށް ޝީ ޖިންޕިން ވަޑައިގަތުމުން އަލް ސީ ސީ ބައްދަލު ކުރެއްވީ 21 ބަޑީގެ ސަލާމަކާއެކުގައެވެ.
ދެ ރައީސުންގެ ވާހަކަފުޅުތަކުގެ މައިގަނޑު ނުކުތާއަކަށް ވެފައިއޮތީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމައަށް ހަމަސްދުވަސް ވެގެންދިޔައިރު ސިޔާސީ ހައްލެއް ބޭނުންވެފައިވާ މިންވަރުގެ މައްޗަށް ކަމުގައި އަލް ސީ ސީގެ ތަރުޖަމާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ރައްޔިތުންނާ ބެހޭ ހުރިހާ ކަމެއް ނިންމައި ފައިސަލާ ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ރައްޔިތުންނަށް ލިބިފައިވުމާއެކު ބޭރުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިފައިވާކަންވެސް އަހަރެމެން ގަބޫލު ކުރަން ޖެހޭނެއެވެ. ރައީސް ޖިންޕިން އިތުރަށް ވިދާޅުވިއެވެ.
މިހާރުވެސް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 200 ވަރަކަށް ޗައިނާގެ ކުންފުނި ސުއޭޒް ކެނަލް ސަރަހައްދުގައި ހަރަކާތްތެރި ވަމުންގެންދާއިރު މިސްރާއި ޗައިނާގެ ތިންވަނަ އިންޑަސްޓްރިއަލް ޒޯނެއް އެ ސަރަހައްދުގައި ގާއިމްކުރުމުގެ އެއްބަސްވުމެއް ދެ ގައުމުން އެއްބަސްވެފައިވާކަމަށް އަލް ސީ ސީގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެއްބަސްވުމުގެ އަދަދު މިސްރުން ހާމަކޮށްފައި ނެތަސް ސުއޭޒް ކެނެރަލް ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރަށް ކަށަވަރު ކޮށްދީފައިވެއެވެ. އޭގެ އިތުރުންވެސް ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެހެންނަމަވެސް އެއްބަސްވުންތަކާބެހޭ އެއްވެސް ތަފްސީލެއް މިސްތުން ހާމައެއް ނުކުރެއެވެ.
ޝީ ޖިންޕިންގެ ވާހަކަފުޅުގައި މެދުއިރުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ކަނޑުމަގުން ކުރެވޭ ބައިނަލް އަގްވާމީ ދަތުރުތަކަށާއި އަދި ބޭރުގެ ނުފޫޒުތައް މި ސަރަހައްދަށް އައިސް ހަންފެތުރުމަށް ގެންގުޅޭ ވިސްނުމާއި ސިޔާސަތުތައް ނައްތާލަން އެހީތެރިވެ ދިނުމާއެކު ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ ވަގުތެއްގައިވެސް ޗައިނާއިން އޮންނާނީ ތައްޔާރަށް ކަމުގައި ޔަގީންކޮށްދެއްވިއެވެ. މެދުއިރުމަތީގެ ގައުމުތަކަށް ބެއިޖިންގެ ޝައުގުވެރިކަން އިތުރުވެފައިވަނީ އެމެރިކާއިން ހަދާނެ ނުހަދާނެގޮތެއް ނޭގިގެން އުޅޭއިރު އެ ފުރުސަތުގެ ބޭނުން ކުރުމަށް ކަމުގައި ވޯޝިންގޓަންގައި ހަރަކާތްތެރި ވަމުންގެންދާ މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ މިރެތު މަބްރޫކް އެސޯޝިއޭޓެޑް ޕްރެސްއަށް ކިޔާދީފައި ވެއެވެ. ޗައިނާއިން ދެކޭ ގޮތުގައި މެދުއިރުމަތީގެ ސަރަހައްދަށް ވަދެ ގަތުމުގެ މައިދޮރާއްޓަކީ މިސްރެވެ. މިސްރާއެކު ގުޅުން ބަދަހި ކުރެވުނު ވަރަކަށް އެ މަގު ހުޅުވުން ފަސޭހަވެގެންދާނެކަން ޗައިނާ ގަބޫލު ކުރާކަމުގައިވެސް މަބްރޫކް ބުނެފައި ވެއެވެ.
![]()
