ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
މީޑިއާތަކަށް ދެއްވި މި ބަސްދީގަތުމުގައި ރައީސް ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން މާލެއާ ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލައި އަޅަމުންދާ ބުރިޖު މަޝްރޫޢުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން، ޚާއްޞަގޮތެއްގައި އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ ދެއްވާ ޚާއްޞަ އިސްކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެޤައުމުގެ ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ. މި ޚާއްޞަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ދެރަށް ގުޅާލެވިފައިމިވަނީ މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެޤައުމުގެ އެކި ފަންތީގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، މި އެންމެހާ ފަރާތްތަކަށްވެސް ޙައްޤު ޝުކުރު އަދާކުރެއްވިއެވެ.
އަދި މި މަސައްކަތް މިދާގޮތަށްގެންގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީއަށް، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މިކަހަލަ މުހިންމު ހުރިހާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫޢުގެ މަސައްކަތުން ދޭހަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ފެށިގެން އައިއިރުގައި ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ދެއްވަމުންގެންދަވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއަރޕޯޓުގެ އިތުރުންވެސް ނުނިމިހުރި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫޢެއް ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާ ރާއްޖެއާ ދެމެދުގައި މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫޢުތަކަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިއަދު ބޭއްވި މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާ ސަފީރުވެސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. އެގޮތުން އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި ބުރިޖު މަޝްރޫޢަކީ އިންޑިއާއިން އެޤައުމުގެ ބޯޑަރުން ބޭރުގައި ހިންގާ މިފަދަ ޢުމުރާނީ ތަރައްޤީގެ ބިޔަބޮޑު އެންމެ ފުރިހަމަ އެއް މަޝްރޫޢުކަމަށާއި މި މަޝްރޫޢު ރާއްޖޭގައި ހިންގޭކަމީ އަދި މި މަޝްރޫޢު ފުރިހަމަވެގެން އަންނަތަން ދުށުމަކީ، އެކަމަށްޓަކައި އުފާ ކުރައްވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި މި މަޝްރޫޢު ނިމިގެންދިއުމަކީ އެކަމުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުޚުއްވަތްތެރި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ރައުސުލްމާލަކަށް ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ހިނގާލުން ކުރިއަށްގެންގޮސް ވިލިމާލެއަށް ނިންމާލުމުން ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ. މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
![]()
