އެކަނިވެރިކަމުގެ ހައްލު: އިސްލާމީ ނަޒަރަކުން

Loading

Facebook
Twitter
WhatsApp

އެކަނިވެރިކަމަކީ ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވިދާނެ ކަމެކެވެ. އާއިލާއާއި ރައްޓެހިން އަދި ދަންނަ އެތައް ބައެއްގެ މެދުގައި ހުރެގެން ވެސް، ހިތުގެ އަޑިން މުޅިން އެކަނިވެރިކަން އިހުސާސް ވެދާނެއެވެ. ބައެއް ފަހަރު މި އެކަނިވެރިކަން އަންނަނީ ލޯބިވާ މީހަކު ވަކިވެ ދިޔުމުންނެވެ. އަނެއްބައި ފަހަރު އަންނަނީ ތިމާގެ އިހުސާސްތައް އެހެން މީހުންނަށް ނުވިސްނޭ ކަމަށް ހީވުމުންނާއި، އެކަހެރިކޮށްލެވިފައިވާ ކަމުގެ އިހުސާސް ކުރެވުމުން ނުވަތަ މީހުން ތިމާ މަތިން ހަނދާން ނައްތާލާފައިވާ ކަމުގެ އިހުސާސް ކުރެވުމުންނެވެ. އަދި އަނެއްބައި ފަހަރު، އެއްވެސް ސާފު ސަބަބަކާ ނުލައިވެސް މިކަން ވެދާނެއެވެ. އެއްވެސް އެއްޗެއް މަދުވެފައިވާ ފަދައިން ހިތް މުޅިން ހުސްވެ ފަޅުވާ ގޮތް ވެއެވެ.

އިސްލާމްދީނަކީ މި އިހުސާސްތަކަށް ފުރަގަސްދޭ ދީނެއް ނޫނެވެ. އޭގެ ބަދަލުގައި، ވަށައިގެންވާ މުޅި ދުނިޔެ ތިމާއާ ދުރުވެފައިވާ ކަމުގެ އިހުސާސް ކުރެވޭ ހިނދު، އެނބުރެންވީ ކޮން ދިމާއަކަށްކަން އިސްލާމްދީން އުނގަންނައިދެއެވެ.

އެކަނިވެރިކަމަށް އިސްލާމްދީން ދޭ ޖަވާބުގެ މައިގަނޑު އަސާސަކީ ވަރަށް އާދައިގެ ހަގީގަތެކެވެ. އަބަދުވެސް ﷲ ވޮޑިގެންވަނީ އަހަރެމެންނާ ވަރަށް ކައިރީގައިކަން ހަނދާންކުރަން ޖެހޭނެއެވެ. އެހެން އެންމެން ތިމާއާ ދުރުވެފައިވާ ކަމަށް ހީވާ ހިނދުވެސް، ﷲ ވޮޑިގެންވެއެވެ. އަހަރެމެންގެ ހިތުގެ އެތެރޭގައި ހިނގަމުންދާ ކަންކަން އެއްވެސް މީހަކަށް ނުވިސްނޭ ކަމަށް އިހުސާސް ކުރެވޭ ހިނދުވެސް، ބަސްތަކުން ބަޔާންކޮށްދޭން ނޭނގޭ އިހުސާސްތައްވެސް މާތް ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

މީގެ މާނައަކީ، އިންސާނީ އެކުވެރިކަން ހޯދުން ހުއްޓާލުމަށް އިސްލާމްދީން ބާރުއަޅަނީއެކޭ ނޫނެވެ. އިންސާނުންނަށް އެކަކު އަނެކަކުގެ އެހީތެރިކަމާއި އެކުވެރިކަން ބޭނުންވާކަން އިސްލާމްދީން ބާރުއަޅުއްވައެވެ. ކީރިތި ރަސޫލާ ﷺ ވަނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަށާއި، އެކަކު އަނެކަކަށް ޒިޔާރަތް ކުރުމަށާއި، އަވަށްޓެރިންނަށް އެހީތެރިވުމަށާއި، ބަދަހި މުޖުތަމައެއް ބިނާކުރުމަށް މުއުމިނުންނަށް ބާރުއަޅުއްވާފައެވެ. އެހެންކަމުން، ރަނގަޅު އެކުވެރިކަމަކީ ދުޅަހެޔޮ މުސްލިމް ދިރިއުޅުމެއްގެ މުހިންމު ބައެކެވެ. އެކަނިވެރިކަން އިހުސާސްވާ މީހަކު، އެކުވެރިކަމާއި ލޯތްބަށް، ނުވަތަ ވާހަކަ ދައްކާލާނެ މީހަކަށް އެދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ.

އެހެންނަމަވެސް، އަހަރެމެންގެ ޖަޒުބާތީ ދިރިއުޅުމުގެ މައިގަނޑު އަސާސަކީ އަދި ހުރިހާ އުއްމީދެއް ގުޅިފައިވާ ފަރާތަކީ އެހެން އިންސާނަކު ކަމުގައި ނުހެދުމަށް އިސްލާމްދީން އުނގަންނައިދެއެވެ. މީހުން ތިމާ ދޫކޮށް ގޮސްދާނެއެވެ، މާޔޫސްކޮށްލަފާނެއެވެ، ކުށްހީތައް ކޮށްފާނެއެވެ، ނުވަތަ އެމީހުން ތިބާއަށް ވަގުތު ނުދީފާނެއެވެ. އަބަދުމެ އެކުގައި ވޮޑިގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ އެވެ.

އެކަނިވެރިކަމާ ކުރިމަތިލުމަށް އޮތް އެންމެ ބާރުގަދަ އެއް ވަސީލަތަކީ ނަމާދެވެ. ނަމާދަކީ ދީނީ ވާޖިބެއްގެ އިތުރުން، ދުނިޔޭގެ ހަލަބޮލިކަމާ ދުރަށް ޖެހިލައި، އަހަރެމެން ހެއްދެވި ރަސްކަލާނގެ ހަޟްރަތުގައި ސީދާ ކުއްތަންވުމަށް ލިބޭ ފުރުސަތެކެވެ. ސަޖިދައިގައި އޮވެ، އެހެން އެއްވެސް މީހަކަށް ކިޔައިދޭން ނުކުޅެދޭ ވާހަކަތައް ﷲ އަށް ދެންނެވިދާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ބަސްފުޅުތަކުންވެސް އެނގިގެންދާ އެއްކަމަކީ، އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ބޮޑަށް ކުއްތަންވަނީ ސަޖިދައިގައި އޮންނަ ހިނދު ކަމަށެވެ. އެހެންކަމުން، ސަޖިދައިގައި ދުޢާކުރުން ގިނަކުރާށެވެ.

ހަމައެއާއެކު، ޛިކުރު ކުރުމަކީވެސް ހަލަބޮލިވެފައިވާ ހިތަކަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވe. އެކަނިވެރިކަން އިތުރަށް ބުރަވެގެންދަނީ ސިކުނޑީގައި ”އަހަރެން އެކަކަށްވެސް މުހިންމެއް ނޫން“، ”އަހަރެން ދެކެ އެކަކުވެސް ލޯތްބެއް ނުވޭ“، ނުވަތަ ”އަހަރެން އަބަދުވެސް އުޅެންޖެހޭނީ ހަމަ އެކަނި“ ފަދަ ވިސްނުންތައް ގިނަވުމުންނެވެ. ﷲ ހަނދުމަކުރުމުގެ ސަބަބުން މިފަދަ ވިސްނުންތަކުގެ ބަދަލުގައި، މާ ވަރުގަދަ ޔަގީންކަމެއް ހިތަށް ވައްދައިދެއެވެ. އެއީ، އަހަރެންގެ ހާލު ދެނެވޮޑިގަންނަވާ ފަރާތެއް ވެއެވެ. އަހަރެންގެ އަޑުއައްސަވާ ފަރާތެއް ވެއެވެ.

މީގެ އިތުރުން، ކީރިތި ޤުރްއާނުން މުއުމިނުންނަށް އުނގަންނައިދެނީ އުއްމީދު ގެއްލުވައިނުލުމަށެވެ. ޖަޒުބާތީ ގޮތުން ކުރިމަތިވާ ދަތި އުނދަގޫ ދުވަސްވަރު އަބަދަކު ދެމިއެއް ނޯންނާނެއެވެ. މިއަދު ތަހައްމަލުކުރަމުންދާ އެކަނިވެރިކަމަކީ، ފަހުން އަންނަން އޮތް ދުވަސްތަކުގައި ކެތްތެރިކަމާއި، ﷲ އަށް ވަކީލުކުރުމާއި، އަދި އަމިއްލަ ނަފްސު މާ ފުންކޮށް ދެނެގަތުމަށް ދަސްކޮށްދޭ ފިލާވަޅަކަށް ވެގެން ހިނގައިދާނެއެވެ.
ހަނދާންކުރަންޖެހޭ އެއް ކަމަކީ، ﷲ އަށް ފުރިހަމައަށް ވަކީލުކުރާ މީހަކުވެސް، މީހެއްގެ މަތިން ހަނދާންވެގެން ކަރުނައަޅައި ރޯން ޖެހިދާނެއެވެ. ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާ ހާލުވެސް، އެކަނިވެރިކަން އިހުސާސް ކުރެވިދާނެއެވެ. މިފަދަ އިހުސާސްތަކަކީ ތިބާއަކީ ގޯސް މުސްލިމެއް ކަމުގައި ދައްކުވައިދޭ ކަންކަމެއް ނޫނެވެ.

އާއިލާއަށް ޒިޔާރަތްކުރާށެވެ. އިޚްލާސްތެރި ރަހުމަތްތެރިކަން އުފައްދާށެވެ. މިސްކިތުގެ ޖަމާއަތާ ގުޅޭށެވެ. ދަތިހާލުގައިވާ މީހަކަށް އެހީތެރިވާށެވެ. ހިލޭސާބަހަށް މަސައްކަތްކުރާށެވެ. ހެޔޮކަންކަން ހަނދާންކޮށްދޭ ފަދަ މީހުންނާއެކު ވަގުތު ހޭދަކުރާށެވެ. ބައެއް ފަހަރު އަޅުގަނޑުމެންގެ އަމިއްލަ އެކަނިވެރިކަމުން އަރައިގަތުމަށް އޮތް އެންމެ މޮޅު ގޮތަކީ، އެހެން މީހެއްގެ އެކަނިވެރިކަމަށް ހިތްހަމަޖެހުމެއް ގެނެސްދޭ މީހަކަށް ވުމެވެ.

އަދި ރޭގަނޑުގެ ހަމަހިމޭންކަން ވެރިވެ، އެންމެން ނިދާ ހަމަޖެހުމުން، މިކަން ހަނދާންކުރާށެވެ. ތިބާއަށް އެކަނިވެރިކަން އިހުސާސްވުމަކީ، ތިބާ ބާކީކޮށްލެވިފައިވާ ކަމުގެ މާނައެއް ނޫނެވެ.

ތިބާ ސިއްރުން ކުރާ ދުއާ އައްސަވާވޮޑިގެންވާ، ތިބާ ފޮރުވާ ކަރުނަތައް ދެނެވޮޑިގެންވާ، އަދި ބަޔާންކޮށްދޭން ނޭނގޭ ވޭންތައް ދެނެވޮޑިގެންވާ ވެރިރަސްކަލާނގެއެއް ވެއެވެ.
ތިބާއަށް އެކަނިވެރިކަން އިހުސާސް ވެދާނެއެވެ. ނަމަވެސް، ﷲ ވޮޑިގެންވާހާ ހިނދަކު ތިބާއީ ދުވަހަކުވެސް އެކަނިވެރިއެއް ނޫންކަން ދުވަހަކުވެސް ހަނދާން ނައްތައި ނުލައްޗެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް