އެމެރިކާއަށް މިއަދު މިދިމާވީ ކޮންކަހަލަ ހާދިސާއެއް ހެއްޔެވެ. ކުއްލިއަކަށް ލިބުނީ އިމަރޖެންސީ ކޯޑެކެވެ.
އޭރިއަލް ސަރވެއިލަންސް އާއި ބެޓްލްފީލްޑް ކޮމާންޑް ކުރުމަށް ބޭނުންކުރާ ޔޫ އެސް އެސް އޭވެކްސް އެއާރކްރާފްޓްއަކަށް ނުރައްކާތެރި ހާލަތެއް މެދުވެރިވީއެވެ. ބާރުގަދަ ރާޑަރ ސިސްޓަމެއް ގާއިމް ކުރެވިފައި ހުންނަ އެތައް ސަތޭކަ ކިލޯ މީޓަރެއްގެ ދުރުން ޖައްވު ތެރޭގެ ހަރަކާތްތައް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ސެންޓރީ އެއާރކްރާފްޓަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވީއެވެ. ހަނގުރާމައިގެ ވަގުތުގައި އެއީ އުދުހެމުންދާ ކޮމާންޑް ސެންޓަރެއްކަމަށް މަޝްހޫރުވެފައިވާ އެއާރކްރާފްޓްގައި ހުނަރުވެރި ޕައިލެޓުންނާއި ކޮމާންޑަރުން ތިބޭނެއެވެ.
ދުޝަމަނުންގެ އެއާރކްރާފްޓްތަކާއި އެއްބައިވަންތަ އެއާރކްރާފްޓް ތައްވެސް ދެނެގަތުމުގެ ގާބިލްކަންލިބިފައިވާ އަދި ނުރައްކާތެރި ހާލަތުތައް ކުރިން ދެނެގަނެ އިންޒާރުދިނުމުގެ ގާބިލުކަން ލިބިފައިވާ އެއާރކްރާފްޓަށް މެދުވެރިވީ ކޮންކަހަލަ ނުރައްކަލެއް ހެއްޔެވެ ؟ އިމަރޖެންސީ ކޯދް ލިބުމަށްފަހު އެއްވެސް އިތުރު މައުލޫމާތެއް ނުލިބުނެވެ. މިބާވަތުގެ އެއާރކްރާފްޓެއް ގެއްލުމަކީ އާދައިގެ ކަމެއް ނޫނެވެ.
ލިބެމުންދާ ރިޕޯރޓް ތަކުން އެއާރކްރާފްޓް ކުއްލި ނުރައްކާތެރި ހާލަތުގެ ކޯޑް ފޮނުވިކަން ކަށަވަރު ކުރެވެއެވެ. އޭގެ މާނައަކީ އެއާރކްރާފްޓަށް ބޮޑު ނުރައްލެއް މެދުވެރިވުމެވެ. ކުޑައިރުކޮޅެއްފަހުން ރާޑަރ އާއި ޓްރެކިންގ ސިސްޓަމަށްވެސް އެއާރކްރާފްޓް ގެއްލިއްޖެއެވެ. ކުއްލިއަކަށް މިދިމާވީ ކޮންކަމެއް ހެއްޔެވެ ؟ ޓެކްނިކަލް ފޭލިއަރެއް މެދުވެރީ ބާވައެވެ. މިސައިލެއް ނުވަތަ ޑްރޯނެއްގެ އަމާޒަކަށް ވީ ހެއްޔެވެ….ނޫނީ ސައިބަރ އެޓޭކެއް ލައިގަތީހެއްޔެވެ….ނޫނީ އެނެމީ ހަމަލާއެއްގައި ވައްޓާލީ ހެއްޔެވެ. މިއިން އެއްވެސް ސުވާލަކަށް މި ވަގުތު ޖަވާބެއް ނުލިބެއެވެ. ކަނޑައެޅިގެން ވީގޮތެއް މިވަގުތު ބުނުން ރަނގަޅެއް ނުވާނެއެވެ. އެކަމަކު އެއާރކްރާފްޓް ގެއްލިއްޖެއެވެ.
އެމެރިކާގެ އޮފިޝަލުންގެ ފަރާތުން ތަފްސީލު ލިބުމާހަމަޔަށް އިންތިޒާރުކުރުންނޫން އެހެންގޮތެއް ނެތްކަމުގައި ވިޔަސް އެއާރކްރާފްޓަށް ވީގޮތެއް ކަށަވަރު ނުކުރެވުމަކުން ފައްދާލެވޭކަށްވެސް ނޯންނާނެއެވެ.
ފަސްޓްޕޯސްޓުގެ ރިޕޯރޓަށް ބަލާއިރު ޝައްކު އުފެދެނީ އީރާނުން އެއާރކްރާފްޓް ވައްޓާލިކަމަށް ތުހުމަތު ކުރެވެން ފެށުނު ހިސާބުންނެވެ. ސުވާލު އުފެދިފައިވާ އެމެރިކާގެ އީ-3-ޖީ- ސެންޓރިކް މަރުކާގެ ފްލައިއިންގްއައި ގެ ނަންދެވިފައިވާ އެއާރކްރާފްޓް ގެއްލިފައިވަނީ ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުންނެވެ. އެއީ ކޮންމެ މޫސުމެއްގައިވެސް ޖައްވުތެރޭގައި އޮވެގެން ފާރަލުމުގެ ކުޅަދާނަކަން ލިބިފައިވާ އަދި މެރިޓައިމް ސަރވެއިލަންސްގެ ކުޅަދާނަކަންވެސް ލިބިފައިވާ ކޮމާންޑިންގ ސެންޓަރެއްކަމުގައި ބެލެވިފައިވާތީއެވެ. އެއާރކްރާފްޓްގައި ހުންނަ 30 ފޫޓުގެ ރާޑަރަކުން ޖައްވުތެރޭގެ 400 ކިލޯމީޓަރއަށްވުރެން ބޮޑު ސަރަހައްދަކަށް އަބަދު ފާރަލަމުން ގެންދާނެއެވެ. މިސައިލްތަކާއި ޑްރޯންތަކަށް ފާރަލާނެއެވެ. ބިންމަތީގެ ހަރަކާތްތައް ކޮމާންޑް ސެންޓަރތަކަށް ވަގުތުން ފޮނުވާ ދޭނެއެވެ. އެއާރކްރާފްޓް ތަކާއި މަނަވަރުތަކާއި ބިޔަ ޓޭންކަރ އަދި އެކި ބާވަތުގެ މުދަލާއި ކޮންޓޭނަރ އުފުލާ އުޅަނދުފަހަރުން ފުނިޖެހިފައިވާ ޕާރޝަން ގަލްފް ސަރަހައްދުގައި އެއީ ވަރަށް ބޭނުންތެރިކަމެކެވެ.
ރަޝިޔާގެ ސަރވެލަންސް ރިޕޯރޓްގައި އެއާރކްރާފްޓް ގެއްލުމުގެ ކުރިން އިމަރޖެންސީ ކޯޑް 7700 ފޮނުވާފައިވާކަން ހާމަކޮށްފައިވެއެވެ. މިއީ އާންމު ކުއްލި ހާލަތުތަކުގައި ފޮނުވާ ޓްރާންސްޕޯންޑަރ ކޯޑެކެވެ. އަދި އެ ކޯޑް ބޭނުންކުރެވެނީ ވަގުތުން އެހީ ބޭނުންވާކަން އެއާރކްރާފްޓް ކޮންޓްރޯލް ސްޓޭޝަންތަކަށް އެންގުމަށްޓަކައެވެ. އެ ކޯޑު ފޮނުވުމުގެ މާނައަކީ އެއާރކްރާފްޓަށް ހަމަލާއެއް އަމާޒުވީކަން ސާފުބަހުން އެންގުމެއް ނޫނެވެ.
އީރާނުން ދިން އެހެން ހަމަލާތަކެއްގައި އެމެރިކާގެ އެއާރކްރާފްޓް ތަކަށް ޖައްވުތެރޭގައި ތެޔޮ އަޅަން ބޭނުންކުރާ ކޭސީ-35 މަރުކާގެ ގިނަ ޓޭންކަރތަކަކާއި އީ-3 މަރުކާގެ ސެންޓްރީގެ އެއާރކްރާފްޓެއް މީގެ ކުރިންވެސް ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސްގައި އޮއްވާ އީރާނުންވަނީ ގޮއްވާލާފައެވެ.
ހަނގުރާމައިގެ ހާލަތު ވަރަށް ނާޒުކް ވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރަމުން ދާކަމަށް ބުނާއިރު އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް އީރާނުން ދެމުންގެންދާ އަމާޒުކުރެވޭ ހަމަލާތައްވެސް އިތުރުވެ ހުރަސް ކުރާ އުޅަނދުފަހަރުގެ އަދަދު އެތައް ގުނައަކަށްވަނީ މަދުވެފައެވެ. ގެއްލިގެން އުޅޭ އެއާރކްރާފްޓްގެ މައްސަލަ މުހިންމުވެފައިވާ އެއް ސަބަބަކީ އެއީއެވެ.
![]()
