އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައަށް 6 ވަނަ މަސްދުވަސް ގުނަމުން ދާއިރު ގަލްފުގެ މިއަދުގެ ހާލަތާގުޅޭގޮތުން އެމެރިކާގެ ބައެއް މިލިޓްރީ ވަސީލަތްތައް ފަހަތަށް ޖައްސަމުން ގެންދާތަން އޭޝިއާގައިތިބި އެމެރިކާގެ ބައިވެރިން ގެންދަނީ ބަލަމުންކަން މިއަދު އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ. މެދު އިރުމަތީގައި އޮތް އެމެރިކާގެ ޔޫއެސް އެސް އަބްރަހަމް ލިންކަންގައި ފާޚާނާތައް ހަލާކުވެ ގައިންތާހިރު ވެވޭނެގޮތެއްވެސް ނެތުމާއި ފަޅުވެރިން ބަޑަށްޖެހިދާނެ ހާލަތަކަށް ގޮސް ފަޅުވެރިންގެ ބަޔަކު ކަނޑަށް ފުންމާލައިގެން އަމިއްލައަށް މަރުވުން އިޚްތިޔާރު ކުރާ ހިސާބަށް ދިއުމުން އެ އުޅަނދަށް ޗުއްޓީ ދިނުމަށްޓަކައި ހަދާނެ އެހެންގޮތެއް ނެތިގެންނޭ ބުނާ މޭރުމަކުން ޖަޕާނުގައި މިހާރުއޮތް އެމެރިކާގެ ހަމައެކަނި އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޖޯރޖް ވޯޝިންގޓަންވެސް މެދުއިރުމައްޗަށް ގެންދަން ޖެހުނީއެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުން ޔޫ އެސް އެސް ޖޯރޖް ވޯޝިންގޓަން ގެންދިއުމުންނާއި އޭގެކުރިން ދެކުނު ކޮރެއާގައި ބަހައްޓާފައިހުރި ތާރމަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް ( ތާޑު ) ނިޒާމްއާއި ގިނަ އަދަދެއްގެ މިސައިލްއާއި ހަތިޔާރުވެސް އީރާނަށް ހަމަލާދިނުމަށްޓަކައި ވަނީ ގެންގޮސްފައެވެ. އެމެރިކާއިން މިގޮތަށް ކަންތައްކުރުމުން ޗައިނާއިން ކުރިމަތިވެދާނެ ނުރައްކަލެއް މަތަކުރަން އެމެރިކާގެ ބާރު އަރިއަޅާލައިފިކަމަށް ނޯރތު އޭޝިއާ އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕްގެ ސީނިއަރ އެނަލިސްޓް ވިލިއަމް ޔޭންގް ބުނެފައި ވެއެވެ. ޔޫ އެސް އެސް ޖޯރޖް ވޯޝިންގޓަން ގެންދިއުމާއެކު އޭސިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރުތަކަށް އެމެރިކާއިން ބޮޑު ޖާގައެއް ހުސްކޮށްދެވުނީކަމަށްވެސް އޭނާ ސިފަކޮށްފައިވެއެވެ. އެ އުޅަނދު އޭޝިއާ ޕެސިފިކް ސަރަހައްދު ދޫކޮށްދިއުމާއެކު ޖަޕާނުގެ އުތުރު ސަރަހައްދުތަކުން ފެށިގެން ތައިވާނާއި ފިލިޕީންސް އާއި އަދި ބޯރނިއޯ އަށްވުރެންވެސް ބޭރަށް ޗައިނާގެ މިލިޓްރީ ފުޅާކުރުން އޭގެ ހެއްކަކަށް ފުދެއެވެ.
ފިނި ހަނގުރާމައަށްފަހު ދިފާއީ ގޮތުން ވަކި ސަރަހައްދެއް ފާހަގަކުރުމުގެ ބޭނުމަކަށް ވެފާއޮތީ ޗައިނާއިން އެ ސަރަހައްދަށް ވަނުންމަނާކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ޗައިނާގެ ލިއާއޮނިންގ އަދި ޝެންޑޯންގް އެއާރކްރާފްޓ ކެރިއަރ ތަކުން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. މިއަހަރު ޖޫންމަހުގެ ފަހުން ޗައިނާގެ ކޯސްޓް ގާރޑުން ތައިވާންގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާއިރު ފިލިޕީންސް އާއި ޖަޕާނުގެ އީ އީ ޒެޑް ވެސް އެ ސަރަހައްދުގެތެރޭގައި ހިމެނިފައިވާތީވެ އުފެދިފައިވާ ކަންބޮޑުވުންވެސް އޮތީ މައްސަލަ އަކަށް ވެފައެވެ. ހަގީގަތުގައި ޓޯކިޔޯއާއި މެނީލާ އަދި ތައިޕޭ އަށް އަމާޒުކޮށްގެން ޗައިނާ އިން ހިންގަމުން ގެންދާ ހަރަކާތްތަކަކީ އެމެރިކާއިން ރައްދުގައި ކުރާކަމެއްގެ ފެންވަރު ބަލަން ޗައިނާއިން ކުރާ ކަމެއް ކަމުގައި ވިލިއަމް ޔޭންގް އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ. އަދި މިހާރު ޔޫ އެސް އެސް ޖޯރޖް ވޯޝިންޓަން އެ ސަރަހައްދުން ގެންދިއުމާއެކު އެމެރިކާގެ މިލިޓްރީން ކުއްލިއަކަށް ދިމާވެދާނެ ހާދިސާއެއްގައިވެސް ހަރަކާތްތެރިވެ ގަތުމަށް ވަގުތުނަގާފާނެ ކަމަށް ހީކުރެވުމާއި އަދި ކަންތައް މިދާގޮތުން ޗައިނާއަށް މާބޮޑަށް ޔަގީންކަން ލިބޭނެ ކަމަށްވެސް އެމެރިކާގެ ބައިވެރިންނަށް ޝައްކު ކުރެވޭކަހަލައެވެ. އެހެންނަމަވެސް އެމެރިކާގެ ޕެސިފިކް ކޮމާންޑަށް ކަނޑައަޅާފައިވާ 375000 ސިފައިންނާއި އާންމު ރައްޔިތުން ސަރަހައްދުގައި ތިބުމާއި އަދި އޭގެތެރެއިން ގިނަ ބަޔަކު ޖަޕާނާއި ދެކުނު ކޮރެއާގައި ތިބުމުން ހިތްހަމަޖެހުމެއްވެސް ލިބޭކަމަށް ބެލެވެއެވެ.
އެމެރިކާއިން 2026 ވަނައަހަރު ގެންގުޅެމުން އަންނަމިލިޓްރީ ސިޔާސަތުގައި ޗައިނާއާއި ރަޝިޔާ އަދި އުތުރު ކޮރެއާއާ އީރާނުން ކުރިމަތިވެދާނެ ނުރައްކާތެރިހާލަތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ބައިވެރިންގެ ހޭދަކުރުން އިތުރު ކުރުމަށް ބާރު އަޅަމުން ގެންދެއެވެ. މިހާރު ގައުމުތަކުން ހޭދަކުރަމުންގެންދާ ޖީ ޑީ ޕީގެ 1.5 އިން ސައްތައިގެ ބަދަލުގައި 3.5 އިން ސައްތައަށް 2030 އާ ހަމަޔަށް ދާއިރު އިތުރުކުރަންވެސް އެމެރިކާއިން ގެންދަނީ ބާރު އަޅަމުންނެވެ. ޗައިނާއިން ކުރިމަތި ކޮށްފާނެ ނުރައްކަލެއް ވިސްނުމުގައި ގެންގުޅުމާއެކު ފިލިޕީންސްގެ ދިފާއީ ވަޒީރު ގިލްބާރޓޯ ތިއޮޑޯރޯ ވަނީ އެ އަދަދު %4 އަށް އިތުރު ކުރުން މުހިންމުކަން ފާޅުކޮށްފައެވެ. ދެކުނު ކޮރެއާއާއި ޖަޕާން އަދި ތައިވާނުން އެމެރިކާގެ މި އިޝާރާތަށް ވަގުތުން އަމަލުކުރަން ފަށައިފިއެވެ. ތައިޕޭ އިން 2027 ވަނައަހަރު ދިފާއީ ޚަރަދުތަކަށް ޖީ ޑީ ޕީ ގެ %18 ހޭދަކުރަން ވަނީ ނިންމާފައެވެ.
އެމެރިކާގެ މިލިޓްރީ ވަސީލަތްތައް މެދުއިރުމައްޗަށް ގެންދިއުމަކީ ހަމައެކަނި ކުރު މުއްދަތެއްގެ ރޭވުމެއް ކަމަށާއި އޭޝިއާ ޕެސިފިކް ސަރަހައްދުގެ މުހިންމުކަން ކުޑަވުން ކަމުގައި ނުދެކޭކަމަށް ސިންގަޕޯރުގެ ނަންޔަންގް ޓެކްނޯލޮޖިކަލް ޔުނިވަރސިޓީގެ އިރުމަތީ އޭޝިއާ އަދި ޔޫ އެސް އާއި ޖަޕާނުގެ ގުޅުންތަކާބެހޭ ތަޖްރިބާކާރު ކައި ކޮގާ ބުނެފައިވެއެވެ.
ޖަޕާނާއި ތައިވާނުގެ ސެކިއުރިޓީ ތަޖްރިބާކާރުންގެ އުންމީދަކީ އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ އާއި އިތުރު މިލިޓްރީ ވަސީލަތްތައް ކައިރި މުސްތަގްބަލެއްގައި ޕެސިފިކް ސަރަހައްދަށް އައުމެވެ.
![]()
