ގިނީގެ ވެރިރަށް ކޮނާކްރީގައި ހުރި ބޮޑު ކުނި ފަރުބަދައެއްގެ ބައެއް އާދީއްތަ ދުވަހުގެ ފަތިހު ގެތަކެއްގެ މައްޗަށް ވެއްޓި، 30 މީހުން މަރުވެ އިތުރު ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ވެރިރަށުގެ އަވަށެއް ކަމަށްވާ ބެސިއާ ޑިސްޓްރިކްޓްގެ ދާރުއްސަލާމް އަވަށުގައި، އެ ގައުމުގެ ގަޑިން ފަތިހު ގާތްގަނޑަކަށް 2:00 ގައެވެ.
އެތައް ބަޔަކު ބަލަން ތިއްބައި، ކުނިތަކާއި ވެލިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނާއި ހަށިގަނޑުތައް ހޯދުމަށް އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދިޔަ ސަރަހައްދަށް ބޮޑުވަޒީރު އަމަދޫ އޫރީ ބާހް ޒިޔާރަތް ކުރެއްވިއެވެ. ކުނިތަކުގެ ދަށުގައި ވެދާނެ އެއްވެސް މީހަކު ހޯދުމަށް ސަރުކާރުން ބޮޑެތި ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށާއި، އަނިޔާވި މީހުންނަށް ބޭސްފަރުވާގެ އިންތިޒާމުތަކާއި އަސަރުކުރި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސަރުކާރުން ބުންޏެވެ.
ރަސްމީކޮށް މަރުވި މީހުންގެ އަދަދު އިއުލާނު ކުރުމުގެ ކުރިން، އެ ސަރަހައްދުގެ އިސް ވެރިޔަކު ވިދާޅުވީ 18 ހަށިގަނޑެއް ނަގައިގެން މޯޗަރީއަށް ގެންގޮސްފައިވާ ކަމަށެވެ. ގައުމުން ބޭރުގައި އުޅުއްވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ސެލޫ ދަލެއިން ދިއާލޯ މި ހާދިސާ ސިފަކުރެއްވީ ވަކިން ހިތާމަވެރި ކަމެއްގެ ގޮތުގައެވެ. ސަބަބަކީ އެ ކުނިގޮނޑު ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ތާވަލުކޮށްފައި އޮތީ ހަމަ އެ ދުވަހު، އޮގަސްޓް 23 ވީ އާދީއްތަ ދުވަހަށް ކަމަށް ވާތީއެވެ.
މި ކުނިފުނިގަނޑު ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން، މި ހާދިސާ ހިނގުމުގެ ކުރީ ދުވަސްތަކުގައި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެތަން ދޫކޮށް ދިއުމަށް ސަރުކާރުން އޮތީ އަންގާފައެވެ. ކުނިގޮނޑު ބަންދުކުރަން ނިންމާފައި ވަނިކޮށް މިފަދަ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ދިއާލޯ މިހާރު ދަނީ ގޮވާލައްވަމުންނެވެ.
2021 ވަނަ އަހަރު ގެނައި ބަޣާވާތަކަށްފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޖެނެރަލް މަމާދީ ދޫމްބޫޔާ ގިނީ ހިންގަވަމުން ގެންދަވާއިރު، އޭނާ ވަނީ ފަހުން ޑިސެމްބަރު 2025 ގައި ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައެވެ.
![]()
