އިންޑިއާގެ އަސާމުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޖުލައި މަހުގެ މެދުތެރޭގައި ތިން ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި، އިންޑިއާގެ އަސާމް ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ، 2،700 އަވަށް ހަލާކުވެ، 700،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. ޖުމްލަ 1.2 މިލިއަން މީހުންނަށް މި ކާރިސާގެ އަސަރު ވަނީ ކޮށްފައެވެ.

ޖުލައި 18 އިން 20 އަށް ވެހުނު ބޯވާރޭގެ ސަބަބުން އަސާމްގެ ސިވަސާގަރު ޑިސްޓްރިކްޓަށާއި އަވަށްޓެރި ނާގަލޭންޑުގެ ނާގާ ހިލްސް ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން އެތައް ބިންގަނޑެއް ކަނޑައިގެން ގޮސް، ފަރުބަދަތަކުން ފައިބައިގެން އައި ފެންގަނޑު އަޕަރ އަސާމްގެ ކޯރުތަކަށް އެޅި ކޯރުތައް ފުރިގެން ބަންޑުންވިއެވެ. މިއީ އާންމުކޮށް ވިއްސާރަ މޫސުމުގައި މިހާ ބޮޑު ގެއްލުމެއް ލިބޭ ސަރަހައްދެއް ނޫނެވެ. ދިކޯ ކޯރު ފުރިބަންޑުންވެ އައި ބާރުގަދަ ފެންގަނޑުގެ ސަބަބުން، މާ ބޮޑު އިންޒާރަކާ ނުލައި އެތައް ބައެއްގެ ގެދޮރު ވަނީ އޮޔާ ދަމައިގަނެގެން ގޮސްފައެވެ.

މަސައްކަތްތެރިއަކު ކިޔައިދިން ގޮތުގައި، ފެންބޮޑުވެ ގެ އަޑިއަށް ދިޔަ ވަގުތު އޭނާގެ އަންހެނުންނާއި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ވަނީ އެންމެ ފަހު ވީޑިއޯ ކޯލުން އަލްވަދާއު ކިޔައިފައެވެ. އޭނާގެ ދަރިފުޅުގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެހެން އަވަށެއްގައި، މުސްލިމަކާއި ހިންދޫއަކު ހިމެނޭ ދެ އެކުވެރިން އެކުގައި ގެނބިގެން މަރުވިއެވެ. އެއީ ފަތަން ނޭނގޭ އެކަކު އޮޔާ ދަނިކޮށް ސަލާމަތްކުރަން އަނެކަކު އުޅުމުގެ ތެރޭގައެވެ.

ހަތް ބޯޓު ބޭނުންކޮށްގެން މީހުން ސަލާމަތްކުރާ ޓީމުތަކުން ކެއުމެއް ބުއިމެއް، އަދި އަރާމުކުރުމެއް ނެތި ދެ ދުވަސް ތެރޭގައި ގާތްގަނޑަކަށް 1،000 މީހުންގެ ފުރާނަ ސަލާމަތްކޮށްފައިވާ ކަމަށް ބުނެއެވެ. މީގެ އިތުރުން އަވަށުގައި ފެންބޮޑުވި ވަގުތު އެކަކު ވަނީ އޭނާގެ ގޭގެ ފުރާޅުމައްޗަށް އަވަށްޓެރި 60 މީހުން އަރުވައި ރައްކާތެރިކަން ދީފައެވެ.

އަވަށުގެ ރައްޔިތުންނާއި ދިރާސާވެރިން ބުނާ ގޮތުގައި މިއީ ހަމައެކަނި ގުދުރަތީ ކާރިސާއެއް ނޫނެވެ. ސެޓެލައިޓް ފޮޓޯތަކުންނާއި މައިދާނީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ނާގަލޭންޑްގެ މޮން ޑިސްޓްރިކްޓުގައި ގިނަ އަދަދަކަށް ދެލި ނެގުމާއި، އަސާމްގެ ކޯރުތަކުގެ އައްސޭރިން ހިލައާއި ވެލި ނެގުމުގެ މަސައްކަތް ވަނީ ފުޅާ ދާއިރާއެއްގައި ކޮށްފައެވެ. ނާގަލޭންޑުގެ ގަސްގަހާގެހީގެ 14 އިންސައްތަ 2002 ވަނަ އަހަރުން ފެށިގެން ނެތިގޮސްފައިވާއިރު، 2013 އާއި 2023 އާ ދެމެދު ގާތްގަނޑަކަށް 795 އަކަކިލޯމީޓަރުގެ ޖަންގަލި ވަނީ ސުންނާފަތިވެފައެވެ. ކޯރުތަކާ ބެހޭ ދިރާސާވެރިއަކު ވިދާޅުވި ގޮތުގައި، އެއްވެސް ބެލުމެއްނެތި މިގޮތަށް މައިންކުރުމުގެ ސަބަބުން ދިކޯ ކޯރުގެ ގުދުރަތީ ފެންހިފެހެއްޓުމުގެ ނިޒާމު ހަލާކުވެ، ބޯވާރޭގެ ސަބަބުން ބޮޑެތި ބެހިގަތުންތަކަށް ބަދަލުވީއެވެ.

އަސާމް ސަރުކާރުން މައިންކުރުމާ މި ކާރިސާއާ ގުޅުމެއްވާ ކަމަށް އިންކާރުކޮށް، މިކަމުގެ ޒިންމާ އަޅުވަނީ އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ބޮލުގައެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވެރިކަންކުރާ ބީޖޭޕީން ވަނީ ކޯރުގެ އަޑިން ޣައިރުގާނޫނީ ގޮތުގައި ވެއްޔާއި ހިލަ ނެގުމުގެ ހުއްދަ ދީ، ގެއްލުންތައް އިތުރަށް ބޮޑުކުރުމަށް މަގުފަހިކޮށްދީފައެވެ. އަސާމުގައި ފެންބޮޑުވުމުގެ މައިގަނޑު ތާރީޚީ ސަބަބެއް ކަމަށް ބެލެވެނީ 1950 ވަނަ އަހަރު އައި 8.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި ގާތްގަނޑަކަށް 5،000 މީހުން މަރުވެ، ސަރަހައްދުގެ ކޯރުތަކުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެހެންނަމަވެސް، ރައްޔިތުން ބުނާ ގޮތުގައި އޭގެ ފަހުން މިއަހަރު ފެނިގެން މިދިޔަ ވަރުގެ ބޮޑު ކާރިސާއަކާ ދުވަހަކުވެސް ކުރިމައްޗެއް ނުވެއެވެ. ގިނަ ބަޔަކު އެ ހާދިސާ ސިފަކުރީ ބޮޑު ސުނާމީ ކާރިސާއަކާއި އެއްވަރުގެ ކަމެއްގެ ގޮތުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް