2024 ނޮވެމްބަރ މަހުގެތެރޭގައި ސްކޫލް ކުދިންގެ ދަތުރެއްގައި ދިވެހިރާއްޖެއަށް އައިސް މޫދަށް އެރި އުޅެނިކޮށް ދުއްވަމުންދިޔަ އުޅަނދެއްގެ ބުރަފަތިންޖެހި ލިބުނު ޒަޚަމް ތަކުގައި މަރުވި އުމުރުން 15 އަހަރުގެ ސިންގަޕޯރުގެ ދަރިވަރެއްގެ ފޮޓޯ :
ސުރުޚިއަކީ ދިވެހިން އަތްމަތީބަހެކެވެ. ދިވެހިންނާއި ކަނޑުދަތުރަކީ ވަކިނުކުރެވޭ ދެ ނަމެކެވެ. ދިވެހިން ކަނޑުދަތުރުކޮށް ނޫޅޭ ޒަމާނެއް ދިވެހިރާއްޖޭގެ ތާރީޚުން އެނގޭކަށް ނެތެވެ. އެންމެގާތް އަވަށްޓެރިޔާއަށް ޒިޔާރަތްކުރުމަށްވެސް ކަނޑު ހުރަސްކުރަން ޖެހޭތީއެވެ. ދިވެހިންގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށްޓަކައި ކަނޑުދަތުރު ކުރުން އެންމެ ބޮޑަށް ގުޅިފައިވީތީއެވެ.
މިހާރަކަށް އައިސް ރާއްޖެތެރޭގައި ކުރެވޭ ކަނޑުދަތުރު ތަކުގައި ސަލާމަތާ ރައްކާތެރިކަން ގެއްލި ކޮންމެ ދުވަހަކު ކަހަލަގޮތަކަމަށް ކަނޑުމަތީގެ ނުރައްކާތެރި ކާރިސާތައް ތަކުރާރުވަމުން ދަނީ ރައްކާތެރިކަމާއެކު ކަނޑު ހުރަސްކޮށް ރަށަށް ދެވިދާނެކަމާ ދޭތެރޭ ބިރުހީވެ ތިބެންޖެހޭ މިންވަރަކަށެވެ. އުޅަނދުފަހަރު ކަނޑުމައްޗަށް ފަޅައިގެ ދިއުމާ ބިންދައިގެން ދިއުން ގިނަވެފައިވާއިރު ކާރިސާތައް ދިމާވި ހަގީގީ ސަބަބު އެނގުމަށް ތަހްގީގުންވެސް ދަތުރުވެރިންނަށް މަޢުލޫމާތު ހާމަކުރަމުން ނުގެންދެއެވެ. ކާރިސާތައް މެދުވެރިވުމުން ކޯސްޓް ގާރޑް އާއި އަދިވެސް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މީހުންނާ މުދާ ސަލާމަތް ކުރުމަށްޓަކައި ހަރަކާތްތެރިވަމުން ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަން އެބަކުރައްވާވެސް މެއެވެ. ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަތްފުށްތައް ހުޅުވާލުމުންވެސް ކަނޑުދަތުރު ކުރުން މުހިންމު ވެފައިވާ މިންވަރަށް އެ ދަތުރުތައް ކުރުމުގެ ރައްކާތެރިކަންވެސް އޮތީ ކަށަވަރުވެފައިވާކަން ފެންނާނެއެވެ. ދަތުރުތަކަށް ބޭނުންވާ އޮޑިދޯނި ފަހަރު ބަނުމުގެ ފަންނުގައި ދިވެހިންނާ އެއްފަދަ ބަޔަކުނުވެސް ތިބޭނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބަންނަން ގަސްދުކުރާ އޮޑި ދޯނިފަހަރުގެ ބައްޓަމާއި ސައިޒާއި ކުރެހުމާއި ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އޮންނަނީ ދިވެހި މާވަޑި މީހާގެ ސިކުނޑީގައެވެ. ދިވެހި އޮޑި ދޯނިފަހަރުގެ ސިފައާއި ބައްޓަމަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ވަޑިންނަށް އެނގޭކަމެއް ނޫނެވެ.
ދިވެހިން އޮޑި ދޯނިފަހަރު ބަންނަމުން ގެންދިޔައީ މުދާ އުފުލުމާއި ފަސިންޖަރުން އުފުލުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. މުދަލުގެ ރައްކާތެރިކަމާއި ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަން އެންމެ ފުރިހަމަ މާނައިގާ ކަށަވަރު ކޮށްގެންނެވެ. ރާއްޖޭގައި ވައިގަދަވެ ކަނޑުތައް ގަދަވާ މޫސުމުގައި ރިޔަލުގައި ކުރާ ދަތުރުތަކަށް، މާވަޑިޔާގެ ސިކުނޑީގައި ބަހައްޓައިގެންނެވެ. ރާއްޖޭން ލިބެންހުރި ވަސީލަތެއް ބޭނުންކޮށްގެން އޮޑި ދޯނިފަހަރު ބަންނަމުން ދާއިރު ނޭވަލް އާޓިކެޓްއަކީ އަދި ކޮލިޓީ ކަށަވަރު ކުރާނެ ސާރވޭޔަރަކީވެސް އޭރު މާވަޑިމީހާގެ ސިކުނޑިއެވެ.
އެ ޒަމާނުގައި ރާއްޖޭގެ ވަޑިންގެ ހުނަރުވެރިކަމުގައި ބަނދެ ދޫކޮށްލާފައިވާ އޮޑިދޯނިފަހަރު ކަޑުމަތީގައި ފަޅައިގެން ދިއުމާއި ބިންދައިގެންގޮސް ދަތުރުވެރިން ކަނޑުވުމުގެ ހާދިސާއެއް އަޑުއިވިފައިވެއެކޭ ނުބުނެވޭނެއެވެ. މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އޮޑިފޯނިފަހަރު ފަރަށް އެރުމުގެ ކާރިސާތައް ކޮންމެވެސް ވަރަކަށް މެދުވެރިވެފައި ހުރިކަމަށް ބުނަން ޖެހެއެވެ.
މާވަޑިމީހާ އޮޑި ނުވަތަ ދޯނި ބަނދެފައި ދޫކޮށްލަނީ ނެވިމީހާގެ އަތްމައްޗަށެވެ. ނެވިމީހާއަކީ މާވަޑިޔާއެކޭ އެއްފަދައިން އޭނާގެ ފަންނުގައި އަރާހުރި ތަޖްރިބާކާރެކެވެ. ސަމުގާއެއް ޖީ ޕީ އެސް އެއް އަދި ފުންމިން ދެނެގަންނާނެ އެކޯސައުންޑަރެއްވެސް ނެތި ކަޅުއަދިރި ރޭތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އަނބުރާ ހޭރިޔާ ކުރަމުން ރިޔަލުގައި ދަތުރުކުރަމުންޔައިރު ސަމުގާއާއި ޖީ ޕީ އެސް އަދި އެކޯސައުންޑަރަކީވެސް އޭނާގެ ސިކުނޑިއެވެ. ރާއްޖޭގެ ފަޅުތަކާއި ގިރިފަރު ކުރަހާދީފައިވާ ޗާޓް ކުރަހާފައިވަނީ އޭނާގެ ހިތުތެރޭގައެވެ. އޭނާ އަމަލުކުރަން ޖެހޭ ކަނޑުދަތުރު ކުރުމުގެ ގަވައިދަކީ އޭނާގެ ތަޖްރިބާއެވެ.
ބަދަލުވަމުންދާ ޒަމާނުގެ ކޮޅުމަތި ރާއްޖެއަށްވެސް ދައްކާލުމާއެކު ރިޔަލު ދޯނީގައި އިންޖީނުއަޅައި ރިޔަލުގައި އަނބުރާ ހޭރިޔާކުރަމުން ކުރި ދަތުރުތަކަށް ބޮޑު އިންގިލާބެއް ގެނުވިއެވެ. އެދުވަހުވެސް އިންޖީނު އެޅުމަށްޓަކައި އޮޑި ދޯނިފަހަރަށް ގެންނަން ޖެހުނު ބަދަލުތައް ގެނައުމުގެ މޭސްތިރިންނަކީ ހަމަ އެ ދިވެހި މާވަޑިންނެވެ. އައްސަރިބަހާއި ސާބަސް ޙައްގުނޫންތޯއެވެ!

ރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރުމުގެ އާންމު ގަވައިދެއް ފުރަތަމަ ފަހަރު 1990 ގެ ކުރީކޮޅުގައި ތައާރުފް ކުރެވިގެން ދިޔައެވެ. އެ ދުވަސްވަރަށް އެކަށީގެންވާ ގަވައިދެކެވެ. އެކަމަކު ކޮންމެ ގަވައިދަކީވެސް ވަގުތާ ޙާލަތާއި ގުޅޭގޮތުން ބަދަލު ކުރެވޭ އެއްޗަކަށް ވާން ޖެހޭނެއެވެ. އޭގެ ފުރިހަމަ މިސާލެއްގެ ގޮތުން ކަނޑުދަތުރު ކުރުމުގެ ބައިނަލް އަގްވާމީ ގަވައިދުތަކަށް ކޮންމެ ދުވަހަކު ގެނެވޭ ބަދަލުތައް ފާހަގަކުރެވެން ޖެހެއެވެ.
ރާއްޖެއަށް ޓުރިޒަމް ތަޢާރުފް ވެގެން ދިއުމާ ގުޅިގެން ރާއްޖެތެރޭގެ ދަތުރުފަތުރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިގެންދާތަން ފެންނަމުންދިޔައެވެ. ބާރަށް ދުވާ ލޯންޗްފަހަރާއި ރިސޯރޓްތަކަށް ބޭނުންވާ ތަކެތި އުފުލުމަށް ބޭނުންވާ އުޅަނދުފަހަރުން ކަނޑުމަތީ ފުރާލެވިއްޖެއެވެ. ކަނޑުމަތީގެ ކާރޫބާރު ގައުމާ ނުބައްދަލު ވެއްޖޭވެސް ބުނެވިދާނެއެވެ.
އިންޖީނު އުޅަނދުފަހަރުގެ ފަސޭހަ ދަތުރުތަކުގައި ކުރީގެ ނެވިންގެ ތަޖްރިބާ އެއްފަރާތް ކުރެވެމުންދާތަންވެސް ފެންނަން ފަށިއެވެ. އިސާހިތަކު ގައުމުގައި ހެދިފައިއޮތް ކަނޑުދަތުރު ކުރުމުގެ ގަވައިދުތަކަށް ޒަމާނާއި ގުޅޭގޮތުން ބޮޑެތި ބަދަލުތަކެއް ގެނައުން ބޭނުން ވިއެވެ. އެފަދަ ބަދަލުތައް ގެންނަން ޖެހޭނެއެވެ. އެހެނީ ފުރަތަމަ ދަތުރުވެރީންގެ ސަލާމަތް ކަށަވަރު ވާންޖެހޭތީއެވެ.
ނަމަވެސް ފެންނަމުން ގޮއްސާވަނީއަކީ ހިތްހަމަޖައްސާލައިގެން ތިބެވޭ ކަހަލަ މަންޒަރުތަކެއް ނޫނެވެ. ކަނޑުމަތީގެ ހިތާމެވެރި ކާރިސާތައް މެދުވެރިވެ އިންސާނުންގެ ފުރާނަ ގެއްލުމާއި އަގުބޮޑު މުދާތައް ގެއްލިގެން ދިއުން އާންމުވެއްޖޭ ބުނަން ޖެހޭހިސާބަށް މިވަނީ ކަންތައްތައް ބޮއްސުން ލައިފައެވެ. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަބަބުން ކަނޑުއަޑީގެ މަންޒަރުތައް ބަލަން ފީނަންގޮސް އުޅޭ މެހެމާނުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބެމުންދާކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގެގައި އެފަދަ ރިސްކީ މަސެއްކަތަށް ފޮނުވޭ މީހުންގެ ލޮކޭޓްކުރެވޭނެ ފަދަ ސިގްނަލް ލިބޭ ޑިވައިސްއެއްވެސް ދެވިފައެއް ނެތެވެ. ރެއްކިއޫޓީމު އެކުގައި ގެއްލުނަސް ކުރެވޭނެ ކަމެއް ނެތްކަހަލައެވެ. މިފަދަ ނުރައްކާތެރި ކާރިސާތައް މެދުވެރިވުންތަކުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވެއެވެ. ޔަގީނުންވެސް ބުނެވޭނީ މިފަދަ ރެއްކިއޫ މިޝަންތަކަށް ސިގްނަލް ލިބޭ ޑިވައިސްއެއް ގަނެލާނެ ބަޖެޓްނެތެކެޭ މިއަދު ބުނެވޭކަށް ނެތްކަމެވެ. އެހެނީ ބޭކާރު އެތައްހާސް މީހުނަށް މަހަކު އެތައް މިލިޔަން ރުފިޔާ އެބަ ގެއްލުވާލައެވެ. ޔަގީނުންވެސް ކޮންމެވެސް ފަރާތްތަކެއްގެ އިހްމާލު މިފދަ މަރުތަކުގައި އޮތްކަމަށްވެސް ބުނާމީހުން މަދެއްނޫނެވެ.
ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ގިނަވަމުންދާއިރު ރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ދާއިރާތަކަށް ބަލާލުންވެސް މިއީ ވަރަށް މުނާސަބު ދުވަސްވަރެކެވެ.
ކަނޑުދަތުރު ކުރުމުގެ ޒިންމާ ގާނުނުގައި މަތިކޮށްފައިވާ ވުޒާރާގައި ތަޢުލީމާއި އަދި ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން މަދެއް ނޫނެވެ. ބާރު ދުވެލީގެ އުޅަނދުތައް ރާއްޖޭގައިވެސް ފައިބަރ ގްލާސް އާއި އެނޫން އެހެން މާއްދާތައް ބޭނުންކޮށްގެން ބަންނަމުން ގެންދާއިރު ހަމައެކަނި އޮޑީ ނަންބަރެއް އެފަރާތްތަކަށް ދިނުމަކުން ފުއްދާލަން ހެޔޮ ނުވާނެއެވެ. އެ އުޅަނދުފަހަރު ބަނދެވެނީ ރާއްޖޭގެ ކަނޑުތަކުގައި ދުއްވަން އެކަށީގެންވާ ފެންވަރެއްގައިތޯ ބަލައި ކަށަވަރުކުރެވެން ޖެހޭނެއެވެ.
އުޅަނދު ބަންނަމުންދިޔައިރު އޮނިގަނޑު ބަލާ ސާރވޭ ކުރިގޮތުގެ ލިއުމެއް މިހާރު ބޭނުން ވާންޖެހޭނެއެވެ. އުޅަނދުގައި ބޭނުންކުރާ ސަލާމަތާބެހޭ އެންމެހާ ވަސީލަތްތައް ހުރިނެތްގޮތް މޮނިޓަރ ކުރެވެން ޖެހެއެވެ. އަހަރަކު އެއްފަހަރު ސާރވޭ ކުރުމުގާ އެކަނި ބަލާލުމަކުން ނުފުދެއެވެ. ރާއްޖޭގެ ދަތުރުވެރިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައެވެ. އިންޝުއަރެންސް ކުންފުނިތަކުގެ ޙައްގުތައް ވެސް އަޅާނުލާ ދޫކޮށް ލެވިގެން ނުވާނެތީއެވެ. ކަނޑުމަތީގައި އުޅަނދު ފަޅައިގެންގޮސް ދަތުރުވެރިންނާއި މުދާ ކަނޑުވި ޚަބަރުތައް އާންމު ވެގެންދާއިރު އެ މައްސަލަތަކުގެ ތަހްގީގުގައި މިފަދަ ކަންކަމަށް އަލިއަޅުވާލުން ވަރަށް ބޭނުމެވެ. ދަތުރުވެރިންނަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައެވެ. އުޅަނދުފަހަރު ބޭނުންކުރާ މީހުންނާއި އިންޝުއަރ ކުރާ ކުންފުނިތަކުގެ އިތުބާރު ލިބިގަތުމަށްޓަކައެވެ.
އުޅަނދުފަހަރުގައި ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މިންވަރު ބަލާދެނެގަތުމާއެކު އުޅަނދުފަހަރު ދުއްވަން ހަވާލުކުރެވޭ މީހާއަކީވެސް އެކަށީގެންވާ ތަމްރީނު ލިބިފައިހުރި މީހެއްތޯ ބަލަން ޖެހޭނެއެވެ. ހަމައެކަނި ކޯހުން ފާސްވެގެން ސެޓްފިކެޓް ލިބުމުން އަދި ނުފުދޭކަން ގަބޫލުކުރަން ޖެހޭނެއެވެ. ބައެއް ގައުމުތަކުގައި ގެންގުޅޭ ހަމައާއި އުސޫލަށް ތަބާވެ ހައެއްކަ މަސްދުވަހު ތަޖްރިބާލިބިފައިވާ ހުނަރުވެރި ޑްރައިވަރަކާއެކު ދަސްކުރާ ބޯޑުގައި ގެންގުޅުމަށްފަހު ނޫނީ އަމިއްލަ މިނިވަންކަމާއެކު އުޅަނދުފަހަރު ދުއްވުން ހުއްދަކުރުން ރަނގަޅެއް ނޫނެވެ. އެންމެ މީހެއްގެ ފުރާނަ ގެއްލިގެން ދިއުމުންވެސް އަގު އަދާ ނުކުރެވޭނެތީއެވެ.
![]()
