ފޭސްބުކް އަދި އިންސްޓަގުރާމާއި ދެކޮޅަށް ބޮޑު ދައުވާއެއް

Loading

Facebook
Twitter
WhatsApp

ފޭސްބުކާއި އިންސްޓަގްރާމަކީ ޒުވާން އުމުރުގެ ކުދިން އެއަށް ދެވިހިފާ ގޮތަށް ގަސްދުގައި ފަރުމާކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ބުނެ، އެމެރިކާގެ 29 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުން ކުރާ ތުހުމަތުތަކާ ގުޅިގެން، ފޭސްބުކު އަދި އިންސްޓަގުރާމުވެސް ހިންގާ މެޓާ ޕްލެޓްފޯމްސް އިން އަންގާރަ ދުވަހު ކެލިފޯނިއާގެ އޯކްލެންޑްގެ ފެޑެރަލް ކޯޓަށް ހާޒިރުވެއްޖެއެވެ.

ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް އިވޯން ގޮންޒާލޭޒް ރޮޖާސް ބައްލަވާ މި މައްސަލަ ބިނާވެފައިވަނީ، ސްޓޭޓްތަކުގެ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާއި ފެޑެރަލް ޗިލްޑްރަންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓާ ޚިލާފުވެފައިވާ ކަމަށް ބުނާ މައްސަލަތަކުގެ މައްޗަށެވެ. މި މައްސަލައިގައި ކޮންމެ ޚިލާފުވުމަކަށް 20،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

މެޓާގެ އަމިއްލަ އަންދާޒާއިން ދައްކާ ގޮތުގައި، މި މައްސަލައިން އެއްކޮށް ބަލިވެއްޖެނަމަ އެ ކުންފުންޏަށް 1.4 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެއެވެ. މިއީ އެ ކުންފުނީގެ މުޅި މާކެޓް އަގާއި ދާދި އެއްވަރުގެ އަދަދެކެވެ. ކެލިފޯނިއާގެ ވަކީލު މޭގަން އޯނީލް ވިދާޅުވީ އަސްލު އެދޭ މިންވަރު އުޅެނީ 193 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގައި ކަމަށެވެ. މިއީ ވެސް 1998 ވަނަ އަހަރުގެ 206 ބިލިއަން ޑޮލަރުގެ ދުންފަތުގެ މައްސަލައިގެ ބަދަލާ ވާދަކުރެވޭ ވަރުގެ ބޮޑު އަދަދެކެވެ. ޖޫރީއަކުން މި މައްސަލައިގެ އަޑުއެހުންތައް އަޑުއެހި ނަމަވެސް، އެމީހުންގެ ދައުރަކީ ހަމައެކަނި ލަފާދިނުމެވެ؛ ޒިންމާ އުފުލަންޖެހޭ މިންވަރާއި އަދަބު ކަނޑައަޅާނީ ފަނޑިޔާރެވެ.

ފައިސާގެ އިތުރުން، އެމެރިކާގެ ސްޓޭޓުތައް ކަމުގައިވާ ކެލިފޯނިއާ، ކޮލޮރާޑޯ، ކެންޓަކީ އަދި ނިއު ޖާޒީ ފަދަ ސްޓޭޓްތަކުން އެދެނީ، މެދުކެނޑުމެއްނެތި ސްކްރޯލް ކުރެވޭ (އިންފިނިޓް ސްކްރޯލް) ފީޗާ އާއި، އެލްގޮރިދަމް މެދުވެރިކޮށް ކޮންޓެންޓް ރެކޮމެންޑްކުރުން ފަދަ ދެވިހިފާ ގޮތަށް ހުންނަ ފަރުމާތައް އުނިކުރުމަށާއި، ކުޑަކުދިން އެ ޕްލެޓްފޯމްތައް ބޭނުންކުރުން އެއްކޮށް ހަނިކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ. މެޓާއިން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ، މި ޑިމާންޑްތަކަކީ އެކަށީގެންނުވާ އަދި ސާބިތުނުހިފޭ ކަންތައްތަކެއް ކަމަށެވެ.

ފަސް ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި ޝަރީއަތުގައި ސީއީއޯ މާކް ޒަކަބާގް އަދި އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސޭރީގެ ހެކިބަސް ނެގުން އޮންނާނެއެވެ. މިއީ މިފަދަ ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލަތަކަކަށް ފަހު ކުރިއަށްދާ ޝަރީއަތެކެވެ. އެގޮތުން މިފަދަ މައްސަލައެއްގައި ނިއު މެކްސިކޯއިން ވަނީ މެޓާ އަތުން ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ކާމިޔާބުކޮށްފައެވެ. އަދި މި ޕްލެޓްފޯމްތަކުގެ ސަބަބުން ކަންބޮޑުވުމާއި ޑިޕްރެޝަން ކުރިމަތިވި ކަމަށް ބުނެ ޒުވާން އަންހެނަކު ހުށަހެޅި މައްސަލައެއްގައި ލޮސް އެންޖަލިސްގެ ޖޫރީއަކުން މާޗް މަހު ވަނީ އޭނާއަށް 6 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފައެވެ. މީގެ އިތުރުން މުޅި އެމެރިކާގައި މެޓާ، ގޫގުލް، ސްނެޕް އަދި ޓިކްޓޮކާ ދެކޮޅަށް 14 ވަރަކަށް ސްޓޭޓުން ވަކިވަކި މައްސަލަތައް ހުށަހަޅަމުންދާއިރު، އަމިއްލަ ފަރުދުންގެ 3،000 އަށް ވުރެ ގިނަ މައްސަލައާއި، 1،300 ސްކޫލް ޑިސްޓްރިކްޓެއްގެ ދައުވާ ވެސް ދަނީ ކުރިއަށެވެ. ސެކްޝަން 230 ގެ އިސްތިއުނާފު ނިމެންދެން ޝަރީއަތް ފަސްކުރުމަށް މެޓާއިން އެދުނު އެދުން މިދިޔަ ހަފުތާގައި ވަނީ ބޭރުކޮށްލާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް