ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެނެސް ޓޯލް ފީ ނެގުމުގެ ވިސްނުން މިވަގުތަށް ފަހަތަށް ޖައްސާލާފައި އީރާނާދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލެވިދާނެ ގޮތްތަކެއް ހޯއްދަވަން ބޭނުންފުޅުވާކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރަށް އެމެރިކާގެ ނޭވީން ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށައި އެޚިދުމަތުގެ އަގެއގެ ގޮތުގައި އެ ކަނޑުއޮޅިބޭނުންކުރާ ހުރިހާ އުޅަނދަކުންވެސް އެމެރިކާއަށް %20 ގެ ފީއެއް ދޭންޖެހޭނެކަމަށް މިދިޔަ ހޯމަ ދުވަހު ހެނދުނު ރައީސް ޓްރަމްޕް އިއުލާންކުރެއްވިތާ 24 ގަޑިއިރު ނުވަނީސް އެމަނިކުގެ ޚިޔާލުފުޅު މިވަނީ ބަދަލު ވެފައެވެ. ޖެހިގެން އައިދުވަހު އެމަނިކުފާނުގެ ނިންމެވުން ބަދަލު ކުރައްވައި ހޮރްމުޒް ކަނޑުއޮޅިން ގަލްފުގައިތިބި އެމެރިކާގެ ބައިވެރިންނަށް ފައިދާކުރާނެގޮތަކަށް ދަތުރު ކުރެވޭނެ އިންތިޒާމް
ހަމަޖެއްސެވަން ގަސްދުކުރައްވާކަން އިއުލާންކުރެއްވިއެވެ.
ރައީސް ޓްރަމްޕްގެ މި ކުއްލި ބަދަލުވުމަކީ ހަމަލާތައް ވަގުތީގޮތުން ހުއްޓާލަން މީގެ ހަތަރުމަސްދުވަސް ކުރިން އީރާނާއެކު އެއްބަސްވެ ދާއިމީގޮތެއްގައި ސުލްހަވެރި ވެއްޓެއް އުފެއްދުމަށް ވެވިފައިވާ މެމޯރަންޑަމް އޮފް އަންޑަސްޓޭންޑިންގ އަގެއް ނެތްކަމުގެ ނިމުމެއްނެތް ހެއްކެކެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމާއި އެމެރިކާގެ ލަޝްކަރުތަކާއި އަދި ބައިވެރިންނަށް އީރާނުގެ ސަބަބުން ލިބުން އެކަށީގެންވާ ގެއްލުން ތަކަށްޓަކައި ހަނގުރާމަ އިތުރަށް ހޫނުކުރަން ރައީސް ޓްރަމްޕް ބޭނުން ނުވެދާނެއެވެ. 2015 ވަނައަހަރު ރައީސް ބަރަކް އޮބާމާގެ ރިޔާސަތުގައި އީރާނާއެކު އެކުލަވާލި އެއްބަސް ވުމަށްވުރެން ހަރުދާނާ އެއްބަސްވުމެއް އެކުލަވާލައްވަން ގަސްދުކުރެއްވުމުގައި ސަބަބުތަކެއް އޮންނާނެއެވެ.
ޑިފެންސް ޕްރައިއޮރިޓީސްގެ ފަރާތުން މެދުއިރުމަތީގެ ޕްރޮގްރާމާބެހޭގޮތުން ވާހަކަދެއްކި އެ ޖަމާއަތުގެ ޑިރެކްޓަރ ރޯޒްމޭރީ ކެލާނިކް ދެކޭގޮތުގައި މެދުއިރުމަތީގެ ހަނގުރާމަ މިވަނީ ނިމުމެއްނެތް ދިގުދެމިގެންވާ ގެއްލުންތަކެއް ލިބިލިބި ހުންނާނެ ހަނގުރާމައަކަށް ބަދަލުވެފައެވެ. އެމެރިކާގެ ޒަމާނީ ހަތިޔާރުތަކުން އީރާނަށް ގެއްލުންތަކެއް ލިބެމުންދިޔަސް ހޮރްމުޒް ކަނޑުއޮޅިންދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީ އީރާނުން ގެންދަނީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންނެވެ. ސުލްހައިގެ މަޝްވަރާތައް ކާމިޔާބު ނުވުމުގެ އިލްޒާމް އެމެރިކާއާއި އީރާނުންވެސް ގެންދަނީ އެއްބަޔަކު އަނެއްބައެއްގެ ބޮލަށް ކަނޑާލަމުންނެވެ.
މިއަދު އީރާނުގެ ހުއްދަނެތި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބަލްކް ކެރިއަރެއް އެމެރިކާ ނޭވީންގެ ކުރިމަތީގައި އީރާނުން ހަމަލާދީ ވަނީ ފައްތާލާފައެވެ. އެމެރިކާގެ ނޭވީންނަށް ކުރުވުނު ހަމައެއްކަމެއްވެސް ނެތެވެ. މިއީ ކުވޭތާއި ޖޯރޑްން އަދި ބަހްރައިނަށް ހަމަލާދީ ހަނގުރާމައިގެ ހުޅުގަނޑު ފުޅާކުރަމުން ގެންދާއިރު އޭގެ އިތުރުން ހޮރްމުޒް ކަނޑުއޮޅިއަކީވެސް އީރާނުގެ ބާރުގެ ދަށުގައިއޮތް ތަނެއްކަން އެމެރިކާއަށް އެންގުމަށްދިން ފިލާވަޅެއްކަމަށް ބެލެވެއެވެ.
ހަނގުރާމަހުއްޓާލުން އެމެރިކާގެ ކިބައިން އީރާނުން އެދެމުންދާކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާއިރު އީރާނުން ގެންދަނީ އެވާހަކަ ދޮގުކުރަމުންނެވެ. އަދި އީރާނުން މިހާރު ގެންދަނީ ހަނގުރާމަ ކުރިއަށްދާގޮތުން އިސްރާއީލުގެ ޑިމޯނާ ނިއުކްލިއަރ ވަސީލަތްތައް އޮތީ އީރާނުން އަތްފޯރާފަށުގައިކަން ހަނދާނަކޮށްދެމުންނެވެ. އަދި ދެން ހަމަލާތައް ދެވޭއިރު ޑިމޯނާއަށް އިސްކަންދޭނެކަމަށްވެސް އީރާނުން އިންޒާރު ދީފައިވެއެވެ.
![]()
