ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައި ކަމަށެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
![]()
