އޭޑީކޭ ހޮސްޕިޓަލުގެ ޝަފީޢާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސް.އައި.އެޗް) އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ 18 ޖެނުއަރީ 2025 އިން 16 ޖެނުއަރީ 2026 އަށް، 52 ހަފުތާގެ މުއްދަތަށެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ، ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ ޢަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މީގެ މަޤްޞަދަކީ އަމިއްލައަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުން ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
”މި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ޖުމްލަ 18 މެޑިކަލް އިންޓާނުންނަށް ވަނީ ހަވާލުކުރެވިފައި.މީގެ ތެރޭގައި 7 ތަފާތު ޤައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނޭ. އެއީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ.“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މި އިންޓާންޝިޕް ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ޚާއްޞަ ތަމްރީނެއް (Psychiatry posting) ވެސް ހިިމެނުނެވެ. މި ބައި ނިންމާލުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިންޓާނުން ޒިޔާރަތެއް ކުރިއެވެ. މީގެ އިތުރުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން 2 ހަފުތާގެ މުއްދަތަށް އިޖުތިމާއީ ޞިއްޙީ ޚިދުމަތުގެ ޕްރޮގްރާމެއް (Community Outreach Program) ކުރިއަށް ގެންދެވުނެވެ. މީގެ ސަބަބުން އިންޓާނުންނަށް އަސާސީ ޞިއްޙީ ޚިދުމަތްތަކުގެ ތަޖުރިބާ ލިބި، އާންމު ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
![]()
