މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިއްޔެ ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނީ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީން އުނިކުރުމަށް ލިބިފައިވާ ޝަކުވާތަކެއް ކަމަށެވެ.ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ، 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ހުރިހާ ފަރާތްތައްވެސް، އެ ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، އެ ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހެޅުމަށް ވަނީ އެދިފައެވެ.އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓަރީގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR (space) ID number to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
![]()
