އޮޕަރޭޝަން އަލިމަގުގެ ދަށުން މިއަދު ފެށި ޑްރަގު އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ “ އޮޕަރޭޝަން އަލިމަގު“ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ފަށާފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއަދު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެހޭ ހުރިހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކައްތައް ކުރިއަށްދާނެ ކަން ފުލުހުން ފާހަގަކުރައްވައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ.
އަލިމަގު އޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، 100އާއި ގާތްކުރާ އަދަދަކަށް ވަނީ މީހުން ހައްޔަރުކޮށްފައެވެ.
![]()
