ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް ފަސްބައި ސާފު އެންމެ ލީޑަރަކުވެސް ފުދެއެވެ

Loading

October 29, 2025
profile
Facebook
Twitter
WhatsApp

މިޒަމާނަކީ ގައުމުތަކުގެ ވެރިކަމުގައި ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް އެކުލެވިފައިވާ ޒަމާނެކޭ ބުނުން ރަނގަޅުވާނެއެވެ. ގައުމު ދަރުވާލާފައިވެސް އަމިއްލަ އެޖެންޑާތައް ފުރިހަމަ ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަމުން ގެންދަނީ ހަމަ ކޮންމެ ގައުމެއްގައެވެ. ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ގައުމުގެ ތިޖޫރީ ފުލަށްދާންގެން ކޮނެލުމަކީ މައްސަލައެއް ނޫނެވެ. ބައެއް ގައުމުތަކުގައި ޕާރޓީ ބާއްވާނެ ތަންކޮޅެއް ހެދުމުގެ ނަމުގައެވެ. ބައެއް އެހެން ގައުމުތަކުގައި ޕާރޓީ ކުދިންކޮޅަށް ވަޒީފާ ދިނުމަށްޓަކައެވެ.                                      

ތެދުވެރިކާއެކު ރައްޔިތުންނަށްޓަކައި ވެރިކަން ކުރާނެ އެންމެ ލީޑަރަކަށްވެސް ގައުމެއްގެ ކޮރަޕްޝަނާއި ފަސާދަ ނައްތާލެވިދާނެއެވެ. ބޭނުންވަނީ އެކަމަށްޓަކައި ގާނޫނުތައް ހެދުމާއި އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރުމެވެ. މިސާލަކަށް މިހާރުގެ ބުކިނަފަސޯގެ ރައީސް އިބަރާހީމް މިސާލަކަށް ނަންގަވަމާތޯއެވެ. ވެރިކަން ހޯއްދަވައިގެން ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގައުމުގެ ރައްޔަތުން ހިނިތުން ކޮށްލައްވާފައެވެ.                                 

ކުދި ގައުމުތަކުގެ ތެރެއިން އަޅުގަނޑުމެންގެ އަވަށްޓެރި ސިންގަޕޯރަކީ ކޮރަޕްޝަން ނައްތާލުމުގައި ނަމޫނާއެކެވެ. ބޮޑެތި ގައުމުތަކުގެތެރެއިން ޗައިނާއަކީވެސް ކޮރަޕްޝަނަށް ރުހުންދޭނެ ގައުމެއް ނޫންކަން ދާދި ފަހުން ކޮރަޕްޝަންގެ މައްސަލައެއްގައި މަރުގެ އަދަބު ދެވުނު ވަޒީރެއްގެ ޝަރުއީ ޙުކުމް ސާބިތުކޮށްދީފިއެވެ.                                             

ކްރޮއޭޝިއާއަކީ ބޮސްނިއާ ހެރްޒަގޮވީނާ އާއި ސްލޯވޭނިއާ  އަދި އިޓަލީއާ އިންވެގެން އެޑްރިއަޓިކް ކަނޑަށް ހުޅުވިފައި އޮންނަ ގައުމެކެވެ. ޔޫގޯސްލާވިއާގެ ދަށުން އެ ގަވުމަށް މިނިވަންވެވުނީ 1991 ވަނައަހަރުއެވެ.                                                    

އަޅުވެތި ވެވުމަކީ އިންސާނާގެ މިނިވަންކަން ގެއްލުމެވެ. ޔޫގޯސްލާވިއާގެ އަޅުވެތި ކަމުގައި ކްރޯއޭޝިއާގެ ސިޔާސީ ބޭފުޅުންނަށްވެސް ދަސްކޮށްދީފައި އޮތީ ހަމަ އަޅުވެތިކަމެވެ. މިފަހަރު ޑިމޮކްރެސީއޭ މިކިޔާ ފުރިހަމަ ނިޒާމުގެ ތެރެއިން ގައުމު އަޅުވެތި ކުރުމުގެ ބަދަލުގައި ރައްޔިތުން އަޅުވެތި ކުރުމެވެ.                                                 

ކޮންމެ ގައުމެއްގެ ރައްޔިތުންގެ ތެރޭގައިވެސް އަޅުވެތިކަމަށް ނޫނެކޭ ބުނަން ބޭނުންވާ ބަޔަކު ތިބޭނެއެވެ. ގިނަފަހަރު ވެރިކަމުގެ މުލައްދަނޑީގެ ބާރުގައި އެފަދަ ރައްޔިތުންނަށް ފުރުސަތު ބަންދުކުރަނީއެވެ.                                                  

 ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި މިފަހަރު މިގެނެސްދެނީ މިނިވަންކަން ލިބުމަށްފަހުވެސް ކޮރަޕްޝަނާ ފަސާދައިން ސަލާމަތް ނުވެވިގެން އުޅުނު ކްރޯއޭޝިއާ ޔޫރަޕްގައި އެންމެ ބާރަށް ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރެއަށް ދެމިގަނެގެން ދިޔަގޮތުގެ ވަރަށްކުރު ޚުލާސާއެކެވެ.                                                     

2015 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭރުގެ ކްރޯއޭޝިއާގެ ރައީސަކަށް ހުންނެވި އީވޯ ޔޯސިޕޯވިޗް ބަލިކުރެއްވުމަށްފަހު އެ ގައުމުގެ އެންމެ ފުރަތަމަ އަންހެން ރައީސާ ކޮލިންޑާ ގްރާބަރ ކިޓާރޮވިޗް މިވަނީ އެ މަގާމް ކާމިޔާބު ކުރައްވައިފައެވެ. ރިޔާސަތަށް ޙަވާލުވެ ވަޑައިގަތުމަށްފަހު ގައުމުގެ ތަސައްވުރު ރަނގަޅުކުރެއްވުމުގެ ގިނަފިޔަވަޅުތައް އަޅުއްވަން ފެއްޓެވިއެވެ. އެކަމަށް ބޭނުންވާ ގާނޫނުތައް ވުޖޫދުކޮށް އެ ގާނުތައް އަލުން ބަދަލުކުރުން އުދނގޫވާނެ މިންވަރަށް ތަންފީޒުކުރައްވަން ފެއްޓެވިއެވެ. މަންޒަރު ބަލަންތިބި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ދަރަނިދޭން ތައްޔާރުކަން ހާމަކުރިއެވެ. ޖަވާބުގައި އެކަމަނާ ވިދާޅުވީ ދަރަނި ނެގުމުގެ ބަދަލުގައި ބަނޑަށް މަރުވުން އިޚްތިޔާރު ކުރައްވާނެ ކަމަށާއި ގައުމު ތަރައްގީ ކުރާނީ ގައުމަށް ލިބޭ އެއްޗަކުން ކަމަށެވެ. އަދި އެކަމުގައި މަދު އާމްދަނީ ލިބޭ ފަރާތްތަކުން ބުރަ އުފުލަން ނުޖައްސަވާނެ ކަމަށް ވިދާޅުވެ އެފަދަ ރައްޔިތުން އިންކަމްޓެކްސް ދައްކަން ނުޖެހޭގޮތަށް ނިންމެވިއެވެ.                                                   

ވެރިކަމުގެ ދާއިރާއަށް ކުރިއްސުރެން ލިބިދީފައިވާ ޚާއްސަ ވަސީލަތްތަކުގެ ތެރެއިން ރިޔާސީ ބޭނުމަށް ޚާއްސަ ކުރެވިފައިވާ އަގުބޮޑު ޔޮޓާއި ވަޒީރުންނަށް ދެއްވާފައިވާ އަގުބޮޑު ކާރުތައް ވިއްކާލެއްވުމަށްފަހު އެ ފައިސާ ގައުމުގެ ޚަޒާނާއަށް ޖަމާކުރެއްވިއެވެ. އަދި އެ ކަމަނާގެ މަހު މުސާރަވެސް ގައުމުގެ އާންމު މުސާރައަށް ގިންތީ ކުރައްވައި %30 އަށް ދަށްކުރެއްވިއެވެ.     

ދެން ގެންނެވި ބަދަލުތަކުގެ ތެރޭގައި ބޭރު ގައުމުތަކުގައި ހުރި ގިނަ އެމްބަސީ ތަކެއް ބޭނުން ނުވާކަމަށް ނިންމަވައި ބަންދުކުރައްވިއެވެ. އަދި ވަޒީރުންނާއި ސިޔާސީ އިސް ފަރާތްތަކަށް ކުރިއްސުރެން ދެމުންއައި ޚާއްސަ އިނާޔަތް ދޭން ނުޖެހޭނެކަމަށް ނިންމެވިއެވެ.            

އެ ކަމަނާގެ ސިޔާސަތުގެ 5 އަހަރު ދުވަހު ގައުމުން ބޭރަށް ކުރެއްވި ދަތުރުތަކުގައި އާންމު ފްލައިޓްތަކުން އާންމުންނާއި އެއްފެންވަރެއްގައި ދަތުރުކުރެއްވުން އިޚްތިޔާރު ކުރެއްވިއެވެ.        

އެ ކަމަނާގެ ވެރިކަމުގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިއަދު ކްރޯއޭޝިއަކީ ޔޫރަޕްގެ ތަރައްގީގައި އެންމެ އިސް ސަފުން ގުނާލެވޭ ގައުމަކަށް ވެއްޖެއެވެ.                           

ދުޢާއަކީ އަޅުގަނޑުމެންގެ ގައުމަށްވެސް މިފަދަ ހެޔޮ ބަދަލު ގެންނަން ކެރޭ ފެންވަރުހުރި  ވެރިކަމަށް  ގާބިލް ބޭފުޅެއްގެ ޒަޢާމަތު ލިބިގެން ދިއުމެވެ. ވިދާޅުވަމުން ގެންދަވާ ބަސްފުޅުތައް ތަފާތު މަރުޙަލާތަކުގައި ތަފާތު ގޮތްގޮތަށް މާނަކޮށްދޭން ނުޖެހޭ ލީޑަރަކު ދެއްވުމެވެ.                            

Loading

Leave a Reply

ފަހުގެ އަޕްޑޭޓް