ޕާރކިންގ ސްލޮޓްތައް ވިއްކުން ހުއްދަ ނޫންކަން އެނގުމުން ޕާރކިންގް މައްސަލަ ޙައްލުވީތަ

Loading

September 16, 2025
profile
Facebook
Twitter
WhatsApp

މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަދު ޕާރކުކުރުން އުދަނގުލަކަށް ވެފާއޮންނަތާ ޒަމާންގަނޑެއްވެއްޖެއެވެ. އެކަމަށް އެދެވޭ ހައްލެއް ނުލިބި އެއްގަމު އުޅަނދު ބޭނުންކުރާ ފަރާތަތްތަކަށް ބޮލުރިހުމަކަށް ވެފައިވަނިކޮށް މީގެ ދެތިން ދުވަސްކުރިން ސަރުކާރުން ޙައްލެއް ގެނެސް ދެއްވައިފިއެވެ. އަމަލުކުރަން ވަރަށް އެދަނގޫ ހައްލެކެވެ. ބުއްދިވެރި އެކަމަކު ދެއުޅި އެއްނުވާ ޙައްލެކެވެ.                                 

މިލިއުން ލިޔާ އަޅުގަނޑުގެ އެދުރުބެއަކު ވިދާޅުވިއެވެ. ދިވެހިރައްޔިތުންނަކީ 1950 ގެ އަހަރުތަކާ ހަމަޔަށް އައިއިރުވެސް ވެރިކަމުގެ ފަރާތަށް ވަރަށް ބިރުގަންނަ ބައެކެވެ. އެ ބޭފުޅާއަކީ ޝާހީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކަށްވުމާއެކު އާންމު ރައްޔިތުންގެ ވިސްނުމާ ފިކުރު ވެރިކަމުގެ ފަރާތަށް ހުންނަގޮތް ރަނގަޅަށް އެނގި ވަޑައިގަންނަވައެވެ.                                                         

ކޮންމެއަކަސް އެދުވަސްވަރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއެކު އެއްގަލަކަށް ނޭރުއްވުމުގެ ސަބަބުން ދެކުނުގެ އެކަހެރި ރަށަކަށް އަރުވާލެވުނެވެ. އެރަށުގައި ހުންނަވަނިކޮށް ވުޒާރަތުއް ދާޚިލިއްޔާއިން ރައްޔިތުންނަށް އަންގަވަން ފޮނުއްވި އަމުރެއް ރަށު އޮފީހަށް ލިބުމުން އެއަމުރު އިއްވުމަށްޓަކައި ރައްޔިތުން އެއްކުރެއްވިއެވެ. ރައްޔިތުންގެ ކުރިމަތީގައި ރަށުގެ އިސް ކަތީބަށް އެ ފަތްކޮޅު ހިފޭއްޓުންވެސް އޮތީ ގަންނާކުރައްވާ ބިރެއްގެ ސަބަބުން ނުކުޅަދާން ކަމަށް ވެފައެވެ.

ކޮންމެއަކަސް ފަތްކޮޅުގައި އޮތް އަމުރު ރައްޔިތުންނަށް އަންގަންޖެހޭތީވެ ފަތްކޮޅު ކިއުއްވަން ފެއްޓެވިއެވެ. މިއަދުގެ ބޭފުޅުންނަށް ގަބޫލު ނުކުރެއްވުނަސް އެ ފަތްކޮޅުގެ އެންމެ މަތީގައި ލިއެފައިއޮތް ވުޒާރަތުއް ދާޚިލިއްޔާގެ ނަން ކިޔާ ނިމުނުއިރު އިސްކަތީބު ހުންނެވީ ގަނެފައިހުރި ބިރުން ދާހިއްލާ ފޯވެފައެވެ. އެންމެ ކަރުދާސްގަނޑެއްގެ ބައިކުޅަބައެއްގައި ލިއުއްވާފައިވާ އަމުރު ރޭގަނޑު 8 ޖަހާކަށް ހާއިރު ކިޔަން ފެއްޓެވިއެވެ. ކިޔާ ނިމުނުއިރު މެންދަން ވެއްޖެއެވެ. އިސްކަތީބު އެ އަމުރުފުޅު ވިދާޅުވެ ނިމުނުއިރުވެސް އޭގައި އޮތް އެއްޗެއް ރޭކާލި ރައްޔިތަކު ނެތެވެ.                                         

މިއީ އެދުވަސްވަރުގެ ޙާލަތު ހުރިގޮތެވެ. މިއަދު ގާނުނަށް ޙަވާލާދެއްވައި އެއްޗެއް ވިދާޅުވާއިރު އާބާދީގެ ނިސްބަތުން ދުނިޔޭގައި ޕީ އެޗް ޑީ ޙާސިލު ކުރައްވާފައިވާ ސްކޯލަރުން އެންމެ ގިނައީ ދިވެހިރާއްޖޭގައިކަން ހަނދާންކުރައްވަން ޖެހޭނެއެވެ. ގާނޫނު ހައްދަވާ ބޭފުޅުންގެ ނިންމެވުންތަކަށްވެސް ސުވާލުކުރާނެ ދިވެހިން ތިބޭނެކަން ދެނެވަޑައިގަންނަވަން ޖެހޭނެއެވެ.                                          

ރާއްޖޭގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ މަގުތަކުން އެއްވެސް ތަނެއް ކުއްޔަށް ދިނުމަށް ގާނޫނު ހުއްދަ ނުކުރާކަން ދޭހަވާ މޭރުމަކުން މިހާރުގެ ބަންޑާރަ ނައިބު ދެއްވި ލަފާފުޅެއްގެ މައްޗަށް ބިނާކުރައްވައި މާލޭގެ މަގުތަކުގައި ކުއްޔަށް ދީފައިހުރި ޕާރކިންގ ސްލޮޓްތަކުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން އަންގަވާ ފައިވާކަމަށް މާލޭގެ މޭޔަރ ވިދާޅުވެފައި ވެއެވެ. 

މައްސަލައަކީ މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވެ އާންމު ދިރިއުޅުމަށް ނުކަތާ ވަރުވެގެން ދިއުން ކަމުގައި ގަބޫލުކުރަމެވެ. މާލެއަކަސް ރާއްޖެތެރޭގެރަށަކަސް މަގަކީ ބިމުގެ ތެރެއިން ހިނގާ ބިނގާވެ އުޅުމަށާއި އެއްގަމު އުޅަނދުފަހަރު ދުއްވަން ޚާއްސަ ކުރެވޭ ބައެކެވެ. މަގުގެ އެއްފަރާތުން ބިން ކުއްޔަށް ދެވޭއިރު މަގުމަތީގެ މަގްސަދަށް ހުރަސްނޭޅޭ ގޮތަށް މަގުގެ އެއްފަރާތަކުން ޕާރކިންގ ސްލޮޓް ހަމަހަމަ އިސޫލަކުން  ދޫކުރުމުން ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެއްލޭނެ ގޮތެއް ނުވިސްނެއެވެ.

އެހެންކަމަށްވާނަމަ މަގުގެ އެއްފަރާތުގައި މުއްސަނދިން ވިޔަފާރި އުސޫލުން ގެދޮރުއަޅައި ކުއަޔަށްދީ ވިއްކާ ހެދުމާ ބެހޭ ގޮތުން ގާނޫނުގައި އެންމެ އަކުރެއްވެސް ލިއުއްވަން ހަނދާން ނެތުނީ ކީއްވެތޯއެވެ. އަޅުގަނޑަށް އެނގިފައިވަނީ ގާނޫނުތައް ހަދަނީ ރައްޔިތުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ގާނޫނު މާނަކުރުމުގައި ބޭނުންކުރާ ގިނަ އުކުޅުތަކެއް އަބަދުވެސް ހުންނަކަން އެނގެއެވެ. މިލިއުން ލިއަމުންދާއިރު ހަނދާނަށް އަންނަނީ އުމުރުން ދިހަވަރަކަށް އަހަރު ރާއްޖެތެރޭގެ ރަށެއްގައި މަންމަ އާއި ބައްޕައާއެކު ދިރިއުޅެމުން ދިޔަ ދުވަސްވަރެވެ.

އަތޮޅުވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު ތަޢުލީމަށް ލޯބި ކުރެއްވުން ބޮޑުކަމުން އަތޮޅުމަދަރުސާ ވަރަށް ފުރިހަމައަށް ހިންގަވަން ފެށްޓެވިއެވެ. ނަސީބު ރަނގަޅުކަމުން މަދަރުސާއަށް ވަނުމުގެ ފުރުސަތު ލިބުނެވެ. އަތޮޅުގެ ކޮންމެ ރަށަކުން 2 ކުއްޖަކުވެސް ގެންނަވައި މަދަރުސާއަށް ކުދިން އިތުރުކުރައްވައި ޝުކުރުވެރިވުން ޙައްގު ގޮތެއްގައި މަދަރުސާ ހިންގަވަން ފެއްޓެވިއެވެ. އަތޮޅުވެރިކަމުގެ އުމުރަކީ ބުރަކު ދެ ތިން އަހަރެވެ. އަތޮޅުވެރިކަމުގެ ދައުރު ނިމެން ކައިރިވީތަނާހެން އަޅުގަނޑުގެ ބައްޕައާއި މައިފުށުގެ ބޮޑުބޭގެ އަތޮޅު އޮފީހަށް ގެންނަވާފައި އަމުރުކުރެއްވީ އަތޮޅުވެރިންނާއެކު އަޅުގަނޑު ކިޔަވަން މާލެ ފޮނުވުމަށެވެ.

މައިން ބަފައިންނާ ދުރަށް އަޅުގަނޑު ދާން ބޭނުންނުވާކަމަށް އަތޮޅުވެރިންނަށް ދެންނެވުމުން އަމުރަށް ނުކިޔަމަންތެރިވީ ކަމުގެކުށަށް އަދަބެއްގެ ގޮތުން އުމުރުން އެންމެ ދިހަވަރަކަށް އަހަރުގައި މުޅިއުމުރަށް ގޭބަންދަށް ޙުކުމް ކުރެއްވިއެވެ. ރަށު އޮފީހުން އެ ޙުކުމް ތަންފީޒުކުރަމުން ގެންދާތާ ތިން ހަތަރު މަސްފަހުން އެހެން އަތޮޅުވެރިއަކު ވަޑައިގަތުމުން އަޅުގަނޑުގެ މައިފުށުގެ ބޮޑުބޭބެ އަތޮޅުވެރިޔާ އަރިހަށް ގޮސް އަޅުގަނޑަށް ލުއިގޮތެއް ހޯއްދަވައި ދެއްވުން އެދި ދެނެވުމުން “ އެގޮތަށް ގޭ ބަންދު ނުކުރެވޭނެކަމަށް ވިދާޅުވެ “ ކުރީގެ އަތޮޅުވެރިން ކުރި ޙުކުމް ބާތިލު ކުރައްވައި އަޅުގަނޑު މިނިވަން ކުރެއްވީއެވެ. މިހުންނަނީ ގާނޫނު މާނަކުރުގެ މިސާލެކެވެ.                                      

މާލޭގެ މަގުތަކުގައި ކުރީގެ މޭޔަރު ޑރ. މުޢިއްޒު ކުއްޔަށް ދީފައިވާ ޕާރކިންގ ސްލޮޓްތައް އުވާލައި އެންމެންނަށްވެސް ޕާރކު ކުރެވޭނެ ގޮތަށް ހުޅުވާލެއްވުމަކީ ތަރުހީބުދޭން ޖެހޭ ކަމެކެވެ. އެކަމަކު އެ ހުޅުވާލެއްވީ ކޮން ތަނެއް ހެއްޔެވެ. ކޮންމެ މަގެއްގެ ދެފަރާތުގައި ރީންދޫ ރޮނގުދަމައި ޕާރްކުރުން މަނާ ކަމަށް ކަނޑަ އެޅުއްވީމާ އަނެއްކާވެސް ކުރިމަތިން ފެންނަނީ މާކަނޑުން ގޯތި ދެއްވި ދުވަހެވެ. އެއްގަމު އުޅަނދު ޕާރކްކުރަންވީ މޫދަކު ނޫނެއްނޫންތޯއެވެ.           

ދާދި ފަހުން ސަންދާނުގައި ލާމަރްކަޒާއި އެއްފަސްކުރުމުގެ މައްޗަށް ލިއުއްވާފައި އޮތް ލިއުއްވުމެއްގައި ފާހަގަކުރައްވާފައިވާ ފަދައިން ރާއްޖޭ ގިނަ ރައްޔިތުން މާލޭ ސަރަހައްދުގައި ކުލީ ކޮޓަރިތަކުގައި ދިރިއުޅެން ޖައްސައި އެއްބަޔަކު ދިރިއުޅުމަށްޓަކައި އާންމުކޮށް ޓެކްސީ ދުއްވަންޖެހި ހެނދުނު ތެދުވެފައި ބަލާލާއިރު ކުއްޔަށް ގެނައި ޓެކްސީ ޓޯ-ޔާޑަށް ގެންގޮއްސިކަން އެނގުނީމާ ގާނޫނު ތަންފީޒު ކުރެވުނީއެވެ.

ހުއްދަނޫން ތަނެއްގައި ޕާރކް ކުރުމުގެ ނަތީޖާއެވެ. މުއްސަނދި މީހާގެ ކާރު ބާއްވާނެ ގަރާޖްތައް ހުންނާނެއެވެ. އެކަމަކު ކުލީ ކޮޓަރީގައި ދިރިއުޅޭ މީހާގެ ޓެކްސީ ޕާރްކްކުރާނެ ގަރާޖެއް ނުލިބޭނެއެވެ. ގާނޫނުގެ ކުރިމަތީގައި ހަމަކޮންމެ މީހަކަށްވެސް ކުށަށް އަރައިގަތުމަކާނުލައި މިނިވަންކަމާއެކު ދިރިއުޅެވޭނެ އިމެއް އޮންނަން ޖެހޭނެއެވެ. ގާނޫނު ހައްދަވާ ބޭފުޅުން މިކަމާ ދޭތެރޭ ވިސްނާ ވަޑައިގުމަށް ދަންނަވަމެވެ.                           

އަވަށްޓެރި ބައެއް ގައުމުތަކުގައި އެއްގަމު އުޅަނދުފަހަރާބެހޭ ގާނޫނުތައް ތަންފީޒުކުރެވެމުން ދާގޮތް ދިރާސާ ކުރައްވައި އަޅުގަނޑުމެންގެ މާޙައުލަށް ފެތޭ ގޮތަކަށް ބައްޓަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.                     

މިސާލެއްގެ ގޮތުން އަވަށްޓެރި އިންޑިއާގައި ކަންތައް ކުރާގޮތަށް ބަލާލަމާ ހިނގާށެވެ. އެއްގަމު އުޅަނދަކަށް ރަޖިސްޓަރީ ލިބޭނީ އެ އުޅަނދަށް އުމުރެއް ކަނޑައެޅުމަށްފަހު މަގުތައް ބޭނުން ކުރުމަށްޓަކައި އެ މުއްދަތަށް ގަނޑުކޮށް ފައިސާ ދެއްކުމަށް ފަހުގައެވެ. އިންޝޫރެންސް ފަދަ ކަންތައްތައް ބިނާވެފައި އޮންނަނީ އެ ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލަކާއި އެއްގޮތަށެވެ.                 

މަގުތައް ބޭނުން ކުރުމަށްޓަކައި ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ޕާރކްކުރުން މަނާކޮށްފައި ނުވާ ކޮންމެ ތަނެއްގައި ބޭއްވިދާނެއެވެ. އުޅަނދު ވަގަށް ގެންދިއުމާއި މަގުމަތީގައި އޮއްވާ ހަލާކު ކޮށްލުމަކީ ރަޖިސްޓރީ ކޮށްދިން ފަރާތަކާ ބެހޭ ކަމެއް ނޫނެވެ. ޕާރކްކުރުން ހުއްދަ ނޫންކަމަށް އަންގައި މުޅި މަގުގެ ދެފަރާތުގައި ރީންދޫ ރޮނގު ދަމާފައި ނޯންނަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.                           

ރާއްޖޭގެ ތަރައްގީއަށްޓަކައި ކަމަށްވިދާޅުވެ ލާމަރްކަޒު ކުރެވި އެއްފަސްކުރެވެމުންދާ ގޮތުން ހަމަ ހަގީގަތުގައިވެސް މިއީތޯ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ ސުވާލު އުފެދެން ފަށައިފިއެވެ. ހަމަގައިމުވެސް ކަނޑު ހިއްކައިގެންވެސް މާލޭ ސަރަހައްދަށް ރައްޔިތުން ޖަމާކޮށް އަޅުވެތި ކުރުމަކީ ރައްޔިތުން ބޭނުންވާނެގޮތެއް ނޫނެވެ.

ކަނޑު ހިއްކައިގެން ލާމަރުކޮށް އެއްފަސްކުރަން ހޭދަ ކުރާ ފައިސާއިން ރާއްޖޭތެރޭގައި ތަޢުލީމާ ސިއްޙީ އިންތިޒާމްތައް ހަމަޖައްސަވާނަމަ ރައްޔިތުންގެ ދިރިއުޅުމަށް މިހާރަށްވުރެން ހެޔޮ ބަދަލެއް އަންނާނެއެވެ. އެހަވަރަކަށް ކޮންމެސަރުކާރަކުން ރާޖޫ އެއް އުފައްދާ ކަނޑު ހިއްކައިގެންވިޔަސް މާލޭ ބަނޑުދޮށަށް ރައްޔަތުން ޖަމާކުމުގެ ސިޔާސަތާ ދޭތެރޭ ރައްޔަތުމީހާ ދެކޭގޮތް ބެލިފައެއް ނެތެވެ. ރައްޖޭގެ ދެކޮޅުގައި ބޮޑެތި ރަށްރަށް މިހާރުވެސް އަބާދި ބޮޑުކޮށްލަދީ ވިިޔާފާރި ފުޅާކޮށްލެވޭނެ ގޮތާއި މާލޭ ސަރަހައްދުގައި އުޅުމަށްވުރެ އެމީހާއަށް ޚަރަދު ކޮޑަކޮށް ހަމަޖެހިލައިގެން އުޅެވޭނެ ގޮތްތަށް ތަނަވަސްކޮށްެވެން އޮތަސް ބިންހިންކުން ވަރަށް މުހިންމުވެގެން މުއުޅެނީ ކޮންސަބަބާހުރެކަމެއް ނުވިސްނެއެވެ. މިބުނެވުނު ސަރަހައްދުތަކުގައި ބިނާކުރެވިފައިވާ ހޮސްޕިޓަލް ތަކާއި ސްކޫލުތައް މިހާރަށްވުރެ ފުރިހަމަ ކޮށްދީ ވަޒީފާގެ ފުރުސަތު އިތުރުކޮށް ދިނުމުން މިކިޔާ ގްރޭޓަރ މާލޭ އޭރިޔާއަށް އެންމްން ޖަމާކޮށް ގަޑަތެޅޭކަށް ނުޖެހޭނެއެވެ.

 ގައުމުގެ އަދާލަތުގެ އޮނިގަނޑު ބަދަލުކުރުމުގެ ކުރިން ރައްޔިތުންނަށް އެ ކަން ރަނގަޅަށް އޮޅުން ފިލުވާދެއްވަން ޖެހޭނެއެވެ. އަބަދުމެ ގައުމުގައި ތިބި މަހުޖަނުންގެ ފައިދާއަށްޓަކައި ގައުމުގެ މުސްތަގްބަލް ބައްޓަން ކުރަން ހެޔޮ ނުވާނެއެވެ. ދާދި މިދާކަށްދުވަހު އެމެރިކާގެ ސިޔާސީ ހުނަރުވެރިޔަކު ވިދާޅުވެފައިވާ ފަދައިންނެވެ. “ ގައުމުތަކުގެ ބާރުކެނޑި އިގްތިސާދީ އަދިރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ އަސްލަކީ ގައުމު ގައިތިބި ބަސްވިކޭ ހަރުމީހުން އެއްފަރާތްކޮށް މުއްސަނދިންގެ ޖީބަށް ގައުމުގެ ވެރިން ވެއްޓިގެން ދިއުމެވެ ”.      

Loading

One Response

  1. ބިން ހައިދަރ ތިޔަ ވިދާޅުވީ ހެޔޮ ބަސްފުޅެއް. މިލިއުމުގައި ފާޑު ކިޔާފައިވެސް އެބަހުރި. އެކަމަކު އެއްވެސް ބޭފުޅެއްގެ އިއްޒަތުން ނަފުސަށް ކުޑައިމީސް ބަހެއް ލިއެފައެއްނެތް. މިއީ ބިނާކުރަނިވި ފާދުކިއުން. ވެރިކަމުގެ ފަރާތުން ގަބޫލުކުރެއްވުމާ ނުކުރެއްވުމަކީ އެހެން ކަމެއް. އެކަމަކު ރައްޔިތުންނަށްޓަކައި ވިސްނަވަން ޖެހޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް