ބްރިޓިޝް އީސްޓް އިންޑިއާ ކުންފުނީގެ ބާނީ މަރުވީ އަމިއްލައަށް ކަރުބުރިކޮށްލައިގެންތަ!

Loading

Facebook
Twitter
WhatsApp

މި ލިއުމުގައި ގެނެސަދީފައިވާ ހަގީގީ ހާދިސާގައި ފާހަގަކޮށްފައިވާ ޝަޚްސިއްޔަތުގެ އަމަލުތައް އަޅުގަނޑުމެންގެ ސިޔާސީ ވެށިން ފެންނަ ބައެއް ޝަޚްސިއްޔަތު ތަކުގެ ކިބައިންވެސް މިހާރު ފެންނަމުން ދާކަމަށް ބުނަންޖެހެނީ ހިތާމައާއެކުގައެވެ. 

އަމިއްލަ އެދުމުގައި ސިޔާސީ ވެށިން ފެންނަ މޫނުތައް ދިވެހިރާއްޖޭގައި ވެސް މިހާރަކަށް އައިސް މަދެކޭ ނުބުނެވޭނެއެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެގެން ދާއިރު އެ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ގެނެވޭތަނެއް ނުފެނެއެވެ. ކޮންމެވެސް އިޖުރާއަތުތަކެއް ފުރިހަމަ ނުވާތީ ކުށުން ބަރީއަ ވަނީއެވެ. ގައުމުގެ ތިޖޫރީން ވައްކަން ކުރި ބައެއް މީހުންގެ ވަނަވަރުތައް ލިބިފައިވާކަން އެތައް ގޮތަކުން ހާމަކުރުމަށްފަހު ގައިމުވެސް ރައްޔިތުންނަށް އަންގާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެފަދަ ހާމަކުރުންތައް ރައްޔަތުންގެ މަޖިލީހުގައިވެސް ( ރައްޔަތުންގެ ގޭގައިވެސް) ގޮވާނަގައެވެ. އެބުނާ ލިޔުންތަކެއް ވަތްގަނޑުތެރޭގައި އޮވެ ވާނުވާނޭގި ގެއްލެނީއެވެ. އަނެއް ބަޔަކަށް ”ނަސޭހަތްދީފައި“ ފޮނުވާލަނީވެސް މަދެއްކޮށެއް ނޫނެވެ.

ދިވެހިރާއްޖޭގައި އެއްވެސް ސިޔާސީ މީހަކު އަމިއްލައަށް ކަރު ބުރިކޮށްލައިގެން މަރު ނުވާނެއެވެ. ގައުމުގެ ތިޖޫރީ ހުސްވެ ދަރަނި އަދާނުކުރެވިގެން ބްރިޓިޝް އީސްޓްއިންޑިއާ ކުންފުނީގެ ޒަމާނުގައި ބަންގާޅުގެ ރައްޔިތުން ފަދައިން ބަނޑަށް މަރުވެގެންދާނެ ދުވަސް އައި ކަމުގައިވިޔަސް މަޖިލީހުގެ ކުރިމަތީގައި އިނގިރޭސި ވިލާތެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅަކު ކުށުން ބަރިޢަވުން ނޫން ނަތީޖާއެއް ފެނިދާނެކަމަކަށް ނުބެލެވެއެވެ. ރޯމަރު ދުވާލު ކުރާވަައްކަންވެސް މައްސަލަ ބެލޭވަރަށް އުންސުރުހަމަ ނުވާނީއެވެ.

ބަލާލަމާތޯއެވެ! ދިވެހިރާއްޖޭގައި އުފަށްދައިފައިވާ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެޗް .ޑީ. ސީ. އޭ މިކިޔާ ކުންފުނީގެ ޙަރަކާތްތައް ފެތުރެމުންދާ ގޮތުން މުސްތަގްބަލްގައި ބްރިޓިޝް އީސްޓް އިންޑިއާ ކުންފުނީގެ ދުވަސްވަރު އިންޑިއާގެ ރައްޔިތުން ކުރިމަތިލާންޖެއްސި ޙާލަތަށް ދިވެހި ރައްޔިތުން ގެނުވާފާނެކަމުގެ ބިރުވެރިކަން ނިހާޔަތައް އެބައޮތެވެ. ދައުލަތުގެ ކުންފުނިތައް ސަރުކާރުތަކުން އުފައްދައި އެތަންތަނުން އެބަޔެއްގެ ޕާޓީގެ ވެރިކަން ދެމެހެއްޓުމަށާއި އަމިއްލަ މުއްސަދިކަން ހޯދުމަށް ބޮޑުތަނުން ޚިޔާނާތްތެރިވާކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ކޮންމެބަޔެއްވެސް ވެރިކަން ހޯދުމަށް އަނެކާގެ ބޮލުގައި ބޮޑެތި އިލްޒާމު އަޅުވަތެވެ. ޙަގީގަތުގައި އިލްޒާމެއްވެސް ނޫނެވެ. ފެންނަން އޮތް ގިނަ ވައްކަމާއި ފޭރުމުގެ ވާހަކަތަކެވެ. ދެރަކަމަކީ ވެރިކަން ބަދަލުވުމަށްފަހު އެއްވެސް ބަޔަކު ވެރިކަން ހޯދުމަށްވީ ވަޢުދުތައް، ކުރިންކުރި ވައްކަންތައް ބެލުމެއްނެތެވެ. ކުރީސަރުކާރުގެ ވާހަކަތައް ގޮވުންނޫން ކަމެއް ނުކުރެއެވެ.

 ކުރީސަރުކާރުގެ ވާހަކަތައް ދައްކަމުން ކުރެވޭކަމަކީ ކުރީސަރުކާރަށްވުރެ އަވަސް ސްޕީޑްގައި ޚިޔާނާތާއި ދައުލަތުން ފޭރުން މެކްހަށް ޖެހުމެވެ. އެއްވެސް ޕާޓީ އަކުން ކުރީގެ ޕާޓީތަކުން (ގޭންތަކުން ) ރައްޔަތުނަށް ވެފައިވާ ބޮޑެތި ޚިޔާނާތްތައް ބަލާ އަދަބެއް ނުދެއެވެ. އަދި އެފަދަ ބޮޑު ވަގަކަށް އަދަބެއް ދެވިފައިވާނަމަ އޭނާ ކުރި ބޮޑުވައްކަމުން ބައިއެޅި އޭނާގެ ޙުކުމުން ބަރީޢަކޮށްދީ މާފުދޭނެއެވެ. ރައީސް އިބޫގެ ވެރިކަމަށް ބަލާލަމާތޯއެވެ. 

ރައްޔަތުންގެ އިތުބާރުގެ ގެއްލި ވޯޓުންބަލިވެ އައު ސަރުކާރަށް ދައުލަތް ހިންގުން ޙަވާލުކުރަން އޮންނަ ދުވަސްކޮޅުވެސް ޓެރެރިޒަމްގެ މައްސަލަތަކާއި މެގާ ޚިޔާނާތުގެ މައްސަލަައާއި އަދި ޚުކުމް ތަންފީޒް ކުރަނިކޮށް ޓަގުބޯޓެއްގައި ފިލަން އުޅެ އަތުލައިގެންފައިވާ މީހާއަށްވެސް މަޢާފްކޮށް ދިނީއެވެ. ސުވާލަކީ އެފަދައިން ކޮށިއަރައިގެން ރައީސްމީހާ މިފަދަ ނުރައްކާތެރި މީހުނަށް މަޢާފު ދިނުމަށް މަޖުބޫރު ކުރަނީ ކޮން ސަބަބަކާ ހުރެތޯއެވެ؟                 

ބްރިޓިޝް އީސްޓް އިންޑިއާގެ ކޮމްޕެނީގެ ބާނީ ރޮބާރޓް ކްލައިވް އަކީ ކާކު؟                         

ރޮބާރޓް ކްލައިވް އުފަންވީ 1725 ވަނައަހަރު އިނގިރޭސި ވިލާތުގެ ސްޓައިކޭ ސަރަހައްދުގެ ކުޑަކުޑަ އަވަށެއްކަމުގައިވާ ޝްޓްރޮޕްޝަޔަރ ގައެވެ. ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ފާހަގަވެގެން ގޮސްފައިވަނީ ފޮތްކިއުން ގިނަ އެކަމަކު ހޫނު މިޒާޖެއްގެ އަދި އަތް އިސްކުރުން އަވަސް ކުއްޖެއްގެ ގޮތުގައެވެ. އަދި އޭނާ ބޭނުންވާ ކަންތައް ލިބިގަތުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ޖެހިލުން ކުޑަ ކުއްޖެއްގެ ގޮތުގައެވެ.

އުމުރުން އެންމެ 19 އަހަރުގައި އިންޑިޔާގެ މަދުރާސް (މެޑްރާސް) ގައި ހުންނަ ބްރިޓީޝް އީސްޓް އިންޑިއާ ކުންފުނީގެ ކާތިބެއްގެ ވަޒީފާއަށް އޭނާ މަދަރާސްއަށް ގެނެވުނެވެ. އޭރު އެއީ ހަމައެކަނި ވިޔަފާރިކުރާ ކުންފުންޏެކެވެ. އެކަމަކު އެދުވަސްވަރު އިންޑިއާގެ ބޮޑު ސަރަހައްދެއްގައި ވެރިކަން ކުރަމުންދިޔަ މުޣަލް ދަރިފަސްކޮޅުގެ ރަސްކަލުންނާ ދޭތެރޭ އިންޑިއާގައި ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ސިޔާސީ ފިކުރުގެ ބައެއް މީހުންގެ ހިތްތަކުގައި އެދުވަސްވަރު އިނގިރޭސީންގެ މަކަރުވެރި ރޭވުމުގައި ނަފްރަތުގެ އަލިފާން ރޯ ކުރަން ފަށައިފިއެވެ. އިނގިރޭސީންގެ މި މަކަރުވެރި ކަމުގައި އުފެދެމުންދިޔަ ދެބަސްވުންތަކުން ރޮބާރޓް ކްލައިވް އިންތިޒާރު ކުރަމުންދިޔަ ހުރިހާ ފުރުސަތަކަށް މަގު އަމާންވެގެން ދިޔައެވެ.                           

ދެކުނު އިންޑިއާގައި ފެތުރެމުންދިޔަ އިނގިރޭސި ވިލާތުގެ ނުފޫޒު ނެތިކޮށްލަން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ބާރުގަދަކޮށްގެން ތިބި ފަރަންސޭސި ސިފައިން 1757 ވަނައަހަރު ޗަންދާ ސާހިބް އާއި ގުޅިގެން މަސައްކަތް ކުރިއެވެ. ޗަންދާ ސާހިބަކީ ކަރްނާޓަކާގެ ނަވާބު ދޯސްތު އަލީ ޚާންގެ ދަނބި ދަރިފުޅެވެ. ރޮބާރޓް ކްލައިވް އަކީ އޭރު އިނގިރޭސި ސިފައިންގެ ވަރަށް ޖޫނިއަރ އޮފިސަރެކެވެ. ސިފައިންގެ އިސްވެރިންނަށް އޭނާ މަޝްވަރާދިނީ ފަރަންސޭސީންގެ ބާރުގެ ދަށުގައި އޮތް އާރކޮޓަށް ޙަމަލާދީ އެ ސަރަހައްދު އިނގިރޭސީންގެ ބާރުގެ ދަށަށް ގެނައުމެވެ. 

އިނގިރޭސި 200 ސިފައިންނާއި އަދި އިންޑިއާދަރިކޮޅުގައި ތިބި އިނގިރޭސީންނަށް ވަފާތެރި  300 އިންޑިއާ ސިފައިންނާއެކު އެއަށްވުރެން ދިހަ ގުނަ އިތުރު ފަރަންސޭސި ލަޝްކަރު ބަލިކޮށް ދެކުނު އިންޑިއާގެ މޮންސޫންގެ ވިއްސާރައިގެ ތެރޭގައި މާބޮޑު ހުރަހަކާ ކުރިމަތި ލުމަކާ ނުލައި އެ ސަރަހައްދު އިނގިރޭސީންގެ ބާރުގެ ދަށަށް ގެންދެވުނެވެ.           

ބްރިޓިޝް އީސްޓް އިންޑިއާ ކުންފުނީގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި ރޮބާރޓް ކްލައިވް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަންގާޅުގެ ރައްޔިތުން ބަނޑަށްޖެހި 1769 ން 1773 ށް އެތައްބަޔަކު މަރުވެ ބަންގާޅުގެ އާންމު ޙާލަތު ވަރަށް ނިކަމެތި ފައްތަރަކަށް ވެއްޓިގެން ދިޔައެވެ. މިޙާދިސާތަކާ ގުޅިގެން އިނގިރޭސި ވިލާތުގެ ޕާރލްމެންޓަށް ތިންފަހަރެއްގެ މަތިން ރޮބާރޓް ކްލައިވް ހާޒިރުކުރިއެވެ. އެންމެފަހުން ޕާރލަމެންޓުން ނިންމާފައިވަނީ ރޮބާރޓް ކްލައިވް ގެ ކުށެއް ނެތް ކަމަށެވެ. އެހެންނަމަވެސް ބައެއް މެމެބަރުން ބުނެފައިވަނީ އޭނާއަކީ އިނގިރޭސި ތަޚްތުގެ އިމެއްނެތް ދަހިވެތިކަމުގެ ދިރިހުރި މިސާލެއް ކަމުގައެވެ.              

އޮފީހެއްގެ ކާތިބެއްގެ ވަޒީފާއަދާ ކުރަމުންގެންދިޔަ ހޫނު މިޒާޖެއްގެ ރޮބާރޓް ކްލައިވް މިލިޓްރީ ލީޑަރަކަށް ބަދަލުވެ މުސްލިމް މުޣަލް އެމްޕަޔަރ ގެ ބާރުތައްށް ކަނޑުވާލައި އިނގިރޭސި ވިލާތުގެ ބާރުގެ ދަށަށް އީސްޓް އިންޑިއާ ކޮމްޕެނީގެ ނަމުގައި އިންޑިއާގެ ހުޅަނގު ބަންގާޅު ގެނެސް އެތައް ބައިވަރު މިލްކިއްޔާތު ތަކެއް ފޭރިގަތުމަށްފަހު ކޮރަޕްޝަންގެ ތުޙުމަތުތަކާ ކުރިމަތިލާން ޖެހުނެވެ. 1774 ވަނަ އަހަރު އޭނާ މަރުވެގެން ދިޔައީ ކޮރަޕްޝަން ތުހުމަތުތަކުގެ އިތުރުން ސިއްޙީ ގިނަ މައްސަލަތަކެއްގެ ޝިކާރައަކަށް ވުމާއެކުގައެވެ.                

1774 ވަނައަހަރު ނޮވެމްބަރ މަހު ކޮންމެވެސް ދުވަހެއްގެ އިރުއަރަން ކައިރިވަމުން ދިޔަވަގުތު އިނގިރޭސި ވިލާތުގެ ލަންޑަނުގައި އެއްއަޑަކަށް ގުގުމާލައިފައި އޮތީ ބަރޯން ރޮބާރޓް ކްލައިވް އޮފް ޕްލަސީ މަރުވި ޚަބަރުންނެވެ. އެއްބަޔަކު ބްރިޓިޝް އިންޑިއާ އެމްޕަޔަރ ގެ ބާނީ އަވަހާރަވެއްޖޭ ގޮވަމުން ދިޔައިރު އަނެއްބަޔަކު ގޮވަމުން ދިޔައީ ބޮޑު ވަގު ރޮބާރޓް ކްލައިވް މަރުވެއްޖެ ކަމަށެވެ.                           

ހޮރޭސް ވަލްޕޯލް ގެ ނަމުން މަޝްހޫރުވެފައިވާ ޕޮލިޓިޝަން ބުނެފައިވަނީ ރޮބާރޓް ކްލައިވް އަމިއްލައަށް ކަރު ބުރިކޮށްލައިގެން މަރުވީ ކަމަށެވެ. އިނގިރޭސި ވިލާތުގެ ނޯބެލް އަންހެނާ ލޭޑީ މޭރީ ކޯކް އެކަމަނާގެ ދުވަހުފޮތުގައި ރޮބާރޓް ކްލައިވް އަމިއްލައަށް މަރުވީ ކަމަށް ލިއެފައިވާއިރު އޭނާގެ މަރުވެފައިވާ ހަށިގަނޑު ކައިރީގައި ރޭޒަރު ތިލައެއް އޮތްކަމަށް ބައެއްމީހުން ބުނެފައިވާކަމަށްވެސް ލިއެފައި ވެއެވެ.. އަދި ބައެއް އެހެންމީހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ގިނައަދަދަކަށް އަފިހުން ބޭނުންކުރުމުން ކަމަށެވެ. ކޮރޯނަރގެ ރިޕޯރޓުގައި އޭނާ މަރުވު ސަބަބު ސާފުކޮށް ބުނެފައެއް ނުވެއެވެ. 

އެހެންނަމަވެސް އިނގިރޭސީ ވިލާތުގެ އާންމު ރައްޔިތުން ގަބޫލު ކުރާގޮތުގައި އިނގިރޭސި ވިލާތުގައި އެދުވަސްވަރު އެންމެ ބޮޑު މަޝްހޫރު ނަމެއްގެ ގޮތުގައި ފާހަގަކުރެވުނު ރޮބާރޓް ކްލައިވް ނުވަތަ ނަބޯބް ( އުރުދޫ ބަހުގެ ނަވާބު އިނގޭރިސިކޮށްފާ ) މަރުވެފައިވަނީ އަމިއްލައަށެވެ.  އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ ޢިއްޒަތާ މުއްސަނދިކަން ހާސިލުކުރީ ވަރަށް އަނިޔާވެރި ގޮތުގައެވެ. އޭނާ އަމިއްލައަށް ކަރު ބުރިކޮށްލްއިގެން މަރުވުމަކީ ދިރިތިބީންނަށްޓަކައި ވަރަށް ރަނގަޅު ފިލާވަޅެއްގެ ގޮތުގައި ފުދޭކަމަށް ލިޔެފައިވެއެވެ.                            

އިނގިރޭސި ވިލާތުގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި ރޮބާރޓް ކްލައިވް އަކީ ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ ގެ ބާނީއެވެ. އަދި އިނގިރޭސި ވިލާތުގެ ބާރުގެ ދަށަށް އިންޑިއާ ގެނައުމުގެ ޙިކުމަތްތެރި ބަތަލެވެ. އެކަމަކު އިނގިރޭސި ވިލާތުގެ މަޝްހޫރު ލިއުންތެރިޔާ ވިލިއަމް ޑަލްރީމްޕަލް ސިފަކޮށްފައިވާ ގޮތުގައި ރޮބާރޓް ކްލައިވް އަކީ އިންސާނިއްޔަތު ކަމުގެ އެއްވެސް މިންވަރެއް ލިބިފައިނެތް މުދާ ފޭރުންތެރި އެކެވެ. އިނގިރޭސި ވިލާތު ސިފައިންގެ ގައުމީ ދާރުލް އާސާރުގައި އޭނާ ސިފަކޮށްފައިވަނީ ދަހިވެތިކަން ހައްދުފަހަނަޅާ ގޮސްފައިވާ އޮޅުވާލުންތެރި މައްކާރެއް ކަމުގައެވެ.

 ބްރިޓިޝް އީސްޓް އިންޑިއާ ކުންފުނި ތަރައްގީ ކުރަމުން ގެންގޮސްފައިވަނީ ތަރައްގީގެ ބޮޑު ފައިދާއެއް އަމިއްލަ ޖީބަށް އަޅަމުންނެވެ. އޭނާގެ މުޅިދިރިއުޅުން ބިނާކޮށްފައިވަނީ ޙަލާލު ޙަރާމަކަށް ބެލުމެއްނެތި މުދާ އެއްކުރުމުގައެވެ. އިންސާނިއްޔަތާއި އިންސާނީ ކަރާމަތަކީ އޭނާ ދަންނަ  އެއްޗަކަށް ނުވެއެވެ. އިނގިރޭސި ވިލާތުގެ ބާރުގެ ދަށަށް އިންޑިއާ އަޅުވެތި ކުރުމުގެ ވަރަށް މުހިންމު ދައުރެއް އޭނާ އަދާކޮށްފައިވީ ނަމަވެސް މިއަދުވެސް އިނގިރޭސި ވިލާތުގައި އޭނާ އަކީ ރަސްމީގޮތުން މުހިންމު ޝަޚްސިއްތަކަށްވެސް ނުވިއެވެ. އެހެންނަމަވެސް ޕާރލަމެންޓްގެ ނިންމުމަކީ އޭނާއަކީ ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ޙާސިލު ކުރުމުގައި ކުށެއްނެތް މައުސޫމެކެވެ.                              

މިއީ ސަރުކާރުތަކުން ދައުލަތެއް ލޫޓްވުމަށް ފަހިކޮށްދިނުމާއެކު ގައުމުތަކުގައި ލުޓޭރުން އުފެދި އަދި އެމީހުންގެ ނިމުން އަންނަ ގޮތުގެ މިސާލެކެވެ. ދައުލަތުގެ ނަމުގައި ސަރުކާރުތަކުން އުފަށްދާ ކުންފުނިތަކަކީ ޢާންމުގޮތެއްގައި ރައްޔަތުން ނިކަމެތިކޮށް އަޅުވެތިކަމުގައި ބޭތިއްބުމަށް ހީލަތްތެރިކަމާއިއެކު ރޭވިގެން ހިންގާ ބޮޑު ޖަރީމާއެވެ. ޝައްކެއްނެތެވެ!   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް