ފަލަސްޠީނުގެ ރައްޔިތުން ދިރިތިއްބާ އަލިފާނުން އަނދަމުން ދާއިރު ދެ ޙަރަމުގެ ޚާދިމުގެ ހިތަށް އަސަރެއް ނުކުރެއެވެ.

Loading

Facebook
Twitter
WhatsApp

ފަލަސްޠީނުގައި ދިރިތިއްބައި އެތަށް ބަޔަކު އަލިފާނުގައި އެދަނީ އަނދައި އަޅިއަށް ހަދަމުންނެވެ.

ނަމަވެސް ޢަރަބި ޤައުމުތަކުގެ ވެރިންގެ ލޮލުން ކަރުނައެއް ނާޅައެވެ. ހިތުގައި އިންސާނިއްޔަތުކަމުގެ ޒައްރެއް ނެތްތަނުގައި ޣީރަތްތެރިކަމެއް ޟަމީރެއް ނެތީތޯއެވެ؟ ހިތުގައި އީމާންތެރިކަމުގެ ކުޑަވެސް މިންވަރެއް ނެތީތޯއެވެ؟ ޢަރަބި ޤައުމުތަކުގައި އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ވެސް އިންޞާފު ހޯދައި ނުދެވޭތާނގައި ވެރިކަމުގެ ސިޔާސަތަށް ފާޑުކިޔުމުން ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް ބަލާއިރު އިޒްރޭލުން ހިންގާ ޖަރީމާތަކަށް ފިޔަވަޅެއް އަޅަން ނުކެރުމަކީ ވެދާނެ ކަމެކެވެ.

މިޞްރާއި އުރުދުން އެ އޮތީ ފަލަސްޠީނުގެ ބިމާއި އެއްބިމަކުން ބޯޑަރުން ގުޅިފައެވެ. ސަޢޫދީ އަރަބިޔާ އާއި ޔޫ.އޭ.އީ .ގައި ހުރި ތެލާއި ޤުދުރަތީވަޞީލަތްތައް މަދެއް ނޫނެވެ. އެމެރިކާއިން ގަނެފައިވާ ހަތިޔާރާއި އަސްކަރީ ބަރުހަތިޔާރުތަކާއި ބޮންއަޅާ ބޯޓުތަކާއި މިސައިލުތައް މަދެއް ނޫނެވެ. ސައޫދީ އުފައްދާފައިވާ ކޯލިޝަން އެ ހަތިޔާރުތަކުން ޢަރަބި އިސްލާމީ ޤައުމެއްކަމަށްވާ ޔަމަނުގެ ރައްޔިތުން ޝަހީދުކޮށް ޔަމަނު ސުންނާފަތިކުރެއެވެ.

ނަމަވެސް އެ ތަކެއްޗަކީ އަމިއްލަ ޤައުމުގެ ރައްޔިތުންނާއި މުސްލިމުންނާއި ދެކޮޅަށް ނޫންގޮތަކަށް ބޭނުން ކުރަން ހުއްދަ ތަކެތި ކަމަށް ނުވަނީ ނޫން ހެއްޔެވެ. އެމެރިކާއިން ގަންނަ ހަތިޔާރު މުސްލިމުންނާއި ދެކޮޅަށް ނޫން ގޮތަކަށް ބޭނުން ކުރުމުގެ ހުއްދަ ނޯންނަނީތާއެވެ. އޯއައިސީ ވެސް ހަމަ އެފަދައެވެ. އޯއައިސީ އަކީ ވެސް އެމެރިކާ އެދޭގޮތަށް ސައޫދީން ޤައިދު ކޮށްފައިވާ އިސްލާމީ ޤައުމުތައް ހިމެނޭ ޖަމާޢަތަކަށްވާތީ ދިމާވާ ގޮންޖެހުންތަކެއް ހުރީ ކަމަށް ވެދާނެތާއެވެ ؟!

ދުނިޔޭގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ އެއްވެސް ކަމަކަށް އޯއައިސީ މެދުވެރިކޮށް ހައްލެއް ހޯދައި ދެވިފައި ނުވުމަކީ، މި ވާހަކައަށް ބާރުދޭ ކަމެވެ. އެހެން ނަމަވެސް މި ހުރިހާކަމެއް މިގޮތަށް ހުރިއިރު އެމެރިކާ އާއި އިނގިރޭސިވިލާތާއި އިސްލާމީ ޤައުމުތަކުގެ ސިފައިން ހިމެނޭގޮތުން ލަސްކަރެއް އެކުލަވާލައި، ސަޢޫދީން ވަނީ ޔަމަނަށް ހަމަލާދީ އެތައް ހާސް ބަޔަކު ޝަހީދުކޮށް އެތަކެއް މިލިޔަން މީހުން ބަނޑަށްޖައްސައި އެތައްލައްކަ ބައެއްގެ ގެދޮރު ސުންނާފަތިކޮށްފައެވެ. ހަމަ ޔަޤީނުންވެސް ޔަމަނު ސުންނާފަތިކުރުމަށްވުރެ ފަލަސްޠީނު މިނިވަން ކުރުން ޙަޤުކަން ބޮޑު ނޫން ހެއްޔެވެ.

ފަލަސްޠީނުގެ އިތުރުން ބަރުމާގެ މުސްލިމުންނަށާއި، ފިލިޕީންސްގެ މެންޑަނާއޯގެ މުސްލިމުނަށާއި އިންޑިޔާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތައް ދެމިގެން އަންނައިރު މުސްލިމުންގެ މަޞްލަޙަތުތަކާއި ޙައްެޤުތައް ދިފާއުކުރުމަށް މުސްލިމު ޤައުމުތައް ހިމެނޭ އޯ. އައި. ސީ . ޖަމާޢަތް ނުކުޅެދިފައި ވަނީ ސަޢޫދީޢަރަބިއްޔާގެ ސަބަބުން ކަމަށް ދެންނެވުން ކުށަކަށް ވެދާނެތޯއެވެ. އެހެން ނޫންނަމަ އިސްލާމީ އުއްމަތުގެ ދިފާއުގައި ތުރުކީ އާއި ޕާކިސްތާނާއި މެލޭޝިޔާ އާއި އީރާނާއި އާޒަރުބައިޖާން އިސްލާމީ ލަސްކަރެއް އުފެއްދުމަށް މަސައްކަތް ފެށުމުން ސައޫދީން އެކަމަށް ހުރަސްއެޅުމުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް