އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) “ ގެ ނަން، ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ އަށް މިއަދު ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނެސްފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބަދަލު ގެނެސްފައިވާކަން އިޢުލާން ކޮށްފައި ވަނީ، ނަންބަރު 2025/14 ދެންނެވުމުގައި ކަމަށެވެ.
މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
މި ބަދަލު ގެނެސްފައިވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ.
އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައެވެ.