ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކު ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
މިއީ އެޗްޑީސީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގުޅިގެން ”ކޮރަލް ގާޑެން ޕްރޮޖެކްޓް“ ނަމުގައި މިއަދު ފެށި ހަރަކާތެކެެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ވައްތަރެއްްގެ މުރަކަ އެ ސަރަހައްދުގައި މޫދު އަޑީގައި އިންދާފައެވެ. އެގޮތުން އެ މުރަކަތައް ހެދި ބޮޑުވާ ގޮތް ބެލުމަށް ބޭނުންކުރާ ހާއްސަ ވަސީލަތެއް ކަމަށްވާ ”މާސް ފްރޭމްސް“ ބޭނުންކޮށްގެން މޮނިޓާކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށެވެ.
މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލެ ޗެނަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އަދި ތިން އިދާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުވައްޒަފުން ވެސް ބައިވެރިވެފައި ވެއެވެ.