އއ. މާޅޮހުގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޢަބްދުއްރަޙްމާން އާދަމްގެ އަނބިމީހާ، ނާޡިމާ އިބްރާހީމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.
ޢަބްދުއްރަޙުމާނަށް ހަމަލަދީފައިވަނީ އޭނާގެ ގޭގައި ނިދާފައި އޮއްވާ، މި މަހުގެ 13 ވިލޭރޭ ދަންވަރުގެ ވަގުތެއްގައެވެ.
އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޒަޚަމްތަކަކާއެކު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި އޮއްވައެވެ. އޭނާ ނިޔާވެފައިވަނީ ލިބިފައިވާ ޒަހަމްތަކަށް އއ. މާޅޮހު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޢަބްދުއްރަޙްމާނަށް ހަމަލަދިންއިރު އެގޭގައި ދިރިއުޅެމުންދިޔައީ އޭނާއާއި އޭނާގެ އަނބިމީހާކަމަށާއި، އެ ހާދިސާ ހިނގި ވަގުތު އޭނާގެ އަނބިމީހާ ނިދާފައި އޮތީ އެ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށްވެއެވެ.
ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް، އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.