އަސްކޮއި ޙައްޖު އެންޑް ޢުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން، ޢުމްރާއަށް ގެންދާނެކަމަށް ބުނެ ބަޔަކަށް އޮޅުވާލި މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންގެ ޚިދުމަތުގެ ކްރައިމް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.
އަސްކޮއި ގުރޫޕުން ވަނީ ޢުމްރާއަށް ގެންދާނެކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، މި މަހުގެ 24ވަނަ ދުވަހު ފުރަން އޮތް ދަތުރު ފަސްކުރެވިފައިވާކަމަށް ބުނެ މެސެޖު ފޮނުވާފައެވެ. އަދި އޭގެ ފަހުން ގުރޫޕުގެ ވެރިޔާގެ ފޯނު ނިއްވާލާފައި ވާކަމަށް، ޢުމްރާއަށް ދިއުމަށް ފައިސާދެއްކި މީހުން ވަނީ ބުނެފައެވެ.
ފުލުހުން އެދިފައިވަނީ، އެ ގުރޫޕުގެ ފަރާތުން މިފަދަ ކަމެއް ދިމާވެފައިވާ މީހަކު ހުރިނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅުމަށް، ނުވަތަ ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް އެދިފައެވެ.