އަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ހައްޖުވެރިންނަކަށް ނުގެއްލޭ: ވަޒީރު

Loading

June 8, 2025
profile
Facebook
Twitter
WhatsApp

ހައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ އަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ހައްޖުވެރިންނަށް ނުގެއްލޭކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިނާގައި ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ، މީގެ ކުރިން ދިވެހި ހައްޖުވެރިންނަށް އަރަފާތަށް ލަހުން ދެވިފައި އެބަހުރިކަމަށެވެ. އެކިއެކި ސަބަބުތަކާ ގުޅިގެން އެހެން އަހަރުތަކުގައި އަރަފާތަށް ދިއުން ލަސްވިނަމަވެސް މި އަހަރު އެކަން އިންތިޒާމުކޮށްފައި ވަނީ އަރަފާތު ބިމުގައި އެންމެ ވަގުތުކޮޅެއްވެސް ނުގެއްލޭނެގޮތް ބަލައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން، ހެނދުނުހެނދުނާ ގޮސް އިރުއޮއްސެންދެން އަރަފާތު ބިމުގައި ތިބުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ވަނީ މި އަހަރު ހައްޖުވެރިންނަށް ހޯދައިދީފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ބަލި މީހުންނާއި ދުވަސްވީ މީހުންނަށް އިސްކަންދީގެން އަރަފާތު ބިމަށް އެންމެ އަވަހަށް ދެވޭނެ އިންތިޒާމު ހަމަޖެހުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ފަހަރުގެ ހައްޖުގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތާމެދު ވަރަށް ހިތްޕުޅު ހަމަޖެހޭކަމަށާއި، ނަމަވެސް އަދިވެސް ރަނގަޅުކޮށްލަންޖެހޭ ބައެއް ކަންކަމުގެ ވާހަކަ ބައެއް ހައްޖުވެރިން ދަންނަވާފައި ވާކަމަށެވެ. އެހެންކަމުން މުސްތަގުބަލުގައި އެ ކަންކަމަށް ސަމާލުކަން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖުމުލަ ގޮތެއްގައި މި ފަހަރުގެ ހައްޖުގެ ކަންކަން ދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކަން ފާހަގަކުރައްވައި، ހައްޖުވެރިންގެ ފަރާތުން ފެނިވަޑައިގަތް ކެތްތެރިކަމާއި ހިތްވަރަށްޓަކައި ހުރިހާ ހައްޖުވެރިންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ނިމުމަކަށް އައިސްފައިވާއިރު، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް