އަޟްޙާ އީދު ދުވަހުގެ 16.00ން 18.00އާ ދެމެދު މާލެ ސިޓީގައި ވެހިކަލް ދުއްވުން މަނާކޮށްފައި ވަނިކޮށް ވެހިކަލް ދުއްވި 154 މީހަކު ހުއްޓުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ވަގުތުގެ ތެރޭގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށް، 141 މީހަކަށް ނަސޭހަތް ދީފައިވާކަމަށެވެ.
މީގެ އިތުރުން، 3 އުޅަނދެއް ޓޯކޮށްފައިވާއިރު، 1 އުޅަނދު ޓޯކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވި މައްސަލާގައި ކަމަށް ފުލުހުން ބުނެއެވެ. އަނެއް 2 އުޅަނދުގެ ތެރޭން 1 އުޅަނދު ޓޯކޮށްފައިވަނީ ދުއްވި މީހާގެ ލައިސަންސް މުއްދަތު ހަމަވެފައިވާތީ ކަމަށާއި، އަނެއް އުޅަނދު ޓޯކޮށްފައިވަނީ ދުއްވި މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
އަޟްޙާ އީދު ދުވަހުގެ ހަވީރު 16.00ން 18.00އާ ދެމެދު މާލެ ސިޓީގައި އެއްގަމު އުޅަނދު ދުއްވުން ސިޓީ ކައުންސިލުން އޮތީ މަނާކޮށްފައެވެ.
އެހެންނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ދުއްވަންޖެހޭ އުޅަނދުތަކަށް ޚާއްޞަ ހުއްދައެއްވެސް ވަނީ ދޫކޮށްފައެވެ.
ސިޓީ ކައުންސިލުން ވަނީ، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަންވެސް ކުރިން އަންގާފައެވެ.