ރައީސުލްޖުމްހޫރިއްޔާ ”މީޑިއާ ފެންޑާ“ ރަސްމީކޮށް ހުޅުވައިދެއްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މީޑިއާ ފެންޑާ“ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މީޑީއާ ފެންޑާގައެވެ.

މިއީ ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ ތަން ބަލަހައްޓަން ހަމަޖެހިފައި ވަނީ ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

އެގޮތުން މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ކަމަށާއި ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ޙާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

މީޑިއާ ފެންޑާ ބޭނުންކުރެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚާއްޞަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައެވެ.

މީޑިއާ ފެންޑާއަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށް ވެސް ހިނގާނެއެވެ.

މީޑިއާ ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް