ފަނޑިޔާރުން މަދުކުރުން ގޯހެއް ނޫން!

Loading

Facebook
Twitter
WhatsApp

 ގޯސްވީ އެކަން ކުރަން ޤަޞްދުކުރި ގޮތް

ސްޕްރީމް ކޯޓަކީ ކޮންމެ ވެރިކަމަކަށް ވެސް މުހިއްމު ތަނެކެވެ. އެހެންކަމުން އެއިރަކު ވެރިކަމުގައި ތިބޭބަޔަކަށް ސްޕްރީމް ކޯޓުގެ މައްޗަށް އިތުބާރު އޮތުން ވެސް މުހިއްމު ވެއެވެ. ރާއްޖޭގައި ނޫނަސް މިކަން އޮންނަނީ މިގޮތަށެވެ. ވީމާ 7ން 5ށް ފަނޑިިޔާރުން މަދުކުރުމަކީ މައްސަލައެއް ނޫނެވެ. ގޯސްވީ އެކަން ކުރަން އުޅުނުގޮތެވެ. ރާއްޖޭގައި ސްޕްރީމް ކޯޓު އުފެދުނު ފަހުން އެކޯޓަށް އެންމެ ބޮޑު ނުފޫޛެއް ފޯރުވާފައިވަނީ، އެމް.ޑީ.ޕީ އަށް ވެރިކަން ލިބުނު ދެފަހަރުކަން ފާހަގަކުރެވުނެވެ. ސަބަބުތައް ވެސް ގިނައެވެ.
ފުރަތަމަ ސަބަބަކީ ، އެމް.ޑީ.ޕީ ގެ އިސް ސަފުގައި  ތިބީ ވެރިކަން ހިންގުމުގައި ދީނީ ކަންކަމުގެ އަސަރު ސިޔާސަތަށް ނުކުރާނެ ގޮތަކަށް ސެކިއުލަ ފިކުރުގެ މައްޗަށް ވެރިކަން ހިންގުމުގެ ވިސްނުމުގެ އެކްޓިވިސްޓުންކަން ފާހަގަ ކުރެވުނެވެ.

ދެވަނަ ސަބަބަކީ،ޙައްޤު އެއްފަރާތްކޮށް އިންސާފަކީ ސެކިއުލަ ވިސްނުމުގެ ޢަޣުލަބިއްޔަތު އޮތް ބަޔަކު ނިންމާ ނިންމުމަކަށް ހެދުމެވެ. ތިންވަނަ ސަބަބަކީ، މާދިއްޔަތު އިސްކޮށް ހުޅަގުގެ އާދަކާދަތަކާއި، ދީނާއި ފުށުއަރާ ބިދުޢަތަކާއި ޚުރާފާތްތަކާއިއެކު ޝިރުކުގެ ޖީލެއް ބިނާކުރުމޭވެސް ބުނެވިދާނެއެވެ. ހަތަރުވަނަ ސަބަބަކީ، މިސިޔާސަތާއި ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކީ ހައްދު ފަހަނައަޅާފައިވާ މީހެއް ގޮތުގައި ލޮބީކޮށް ބާކީކުރުމެވެ.

އެހެންކަމުން ސްޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢާ ނުދަންނަ ހުޅަގުގެ މަޞްލަޙަތަށް ބުރަވާ ސެކިއުލަ ފިކުރުގެ ފަނޑިޔާރުން ތިބުން މުހިއްމުކަމުގައި އެމް.ޑީ.ޕީ.ގެ ކޮންމެ ސަރުކާރަކުން ވެސް ދެކުނެވެ. އިސްލާމީ ޝަރީޢަތް އުގެނިގެން ތިބި ބަޔަކު ސްޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި ތިބުމަކީ މިކަންކަން ކުރުމަށް  ހުރަހަކަށް ވެދާނެ ކަމެއްކަމަށް ވެސް ދެކުނެވެ. 

އެހެންކަމުން، ސިޔާސީ ބޭނުމުގައި މިހާރު ޖަހާ ބެރާއި  ފަސާދައިގެ އަޑުތަކާއި ޢަމަލުތައް ހުއްޓުވަން އޮތް އެންމެ ކުރު ފަސޭހަ މަގަކީ ، ސްޕްރީމް ކޯޓަށް ޢައްޔަނު ކުރެވޭ މީހުންގެ ކިބާގައި ފުރިހަމަ ވާން ޖެހޭނެ ޝަރުޠު ބަދަލުކުރުން ކަމުގައި ދެކެމެވެ. 

 އޭރުން އެމް.ޑީ.ޕީ ޢައްޔަނުކުރި ސެކިއުލަ ފަނޑިޔާރުން  އޭގެ ޒާތުގައި އޮޓޯއިން ވަކިކުރެވި އަލުން ރާއްޖެއަށް ބޭނުންވާ ސައިޒުގެ  ފަނޑިޔާރުން  ޢައްޔަނު ކުރެވިދާނެ ކަމަށް ފެނެއެވެ.

އެގޮތުން ރާއްޖޭން ޤަބޫލުކުރާ އިސްލާމީ ޤައުމެއްގެ ޔުނިވަރުސިޓީއަކުން  ނުވަތަ ރާއްޖޭގެ ޔުނިވަރސިޓީއަކުން އިސްލާމީ ޝަރީޢާއިން ދަށްވެގެން މާސްޓާސް އެއް، ނުވަތަ ޕީ.އެޗް.ޑީ.އެއް އޮތުމާއިއެކު ޤާނުނީ ގޮތުން ޑިގްރީއެއް އޮތުން ޝަރުޠުކުރުމެވެ. އަދި ސްޕްރީމް ކޯޓެކޭ އެއްފަދައިން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ވެސް ޝަރުތަކީ މިއީ ކަމަށް ކަނޑައެޅުމެވެ. 

މިގޮތަށް ކަނޑައެޅިއްޖެ ހަމަޖެހިގެން ހިގައްޖެ ނަމަ ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރެވިދާނެއެވެ. އަދި ސްޕްރީމް ކޯޓުން ނެރޭ ޙުކުމްތަކާއި ޢަމުރުތަކުގައި އިސްލާމީ ކުލަ ޖެހިދާނެއެވެ. ހަމަ އެހެންމެ އެފަދަ ފަނޑިޔާރުންނަކީ މުޖުތަމާގައި ހެޔޮލަފާ ކަރަޕްޓް ނޫން ބައެއްގެ ގޮތުގައި ދެކޭ ބަހޔަކަށް ވުންވެސް ލާޒިމެވެ.
ޙައްޤާއި އިންސާފު ޤާއިމު ކޮށްދޭނެ މަގު އޮތީ ، އިސްލާމީ ޝަރީޢަތުގައެވެ. އެއީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ.

Loading

2 Responses

  1. މިލިއުމުގައި ފާހަނގަ ކޮށްފައިވާ ޚާއްޞަ ޝަރުޠު ތަކަށް އަހުރެން ނުހަނު ތާއީދު ކުރަމެވެ.
    ސްޕްރީމްކޯޓާއި ، ހައިކޯޓް އެކަނޏެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މިންބަރަކަށް ވުމުގެ ޝަރުޠު ވެސް އެފަދައަކުން ކަނޑައެޅި ބަޔާންވެއޮތުމީ ހަމަޖެހުމެކެވެ.
    އަހުރެން އެކަންޏަކުނޫނެވެ 90 އިންސައްތަ ރައްޔިތުން ތާއީދުކުރައްވާނޭ ޝަރުޠު ތަކެކެވެ.

  2. ވަރަށް ރަނގަޅު ވާހަކައެއް. ނަމަވެސް ހެޔޮ ލަފާ ވެރިޔަކު ނެތި އެ ވެސް ކަމެއް ރަނގަޅެއް ނުވާނެ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް