ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ބިންވެެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.
އޭގެތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދާއި، އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލު ރަޝީދު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް އެޗްޑީސީން ގޯތި ދިފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، އޭގެތެރޭގައި ފަޒީލު ވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަޙްމަދު ނާސިފް ފިޔަވައި އެޗްޑީސީގެ ބޯޑުގެ ހުރިހާ މެންބަރުންނާއި، އެމްޑީ ފަޟުލް ވަނީ ސަސްޕެންޑްކޮށްފައެވެ.
މީގެއިތުރުން ފަޒީލު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ފޯޖަރީގެ ތުހުމަތުކުރާއިރު، މި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ސުވާލުކޮށްފައިވާ ހަ މީހުންގެ ތެރޭގައި ފަޒީލު ވެސް ހިމެނެއެވެ.
ފޮޓޯ: މިހާރު
One Response
Vakkan kuranvee