އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެސްޓްހައުސް ވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ދާއިރާ ކުރިއެރުވުމުގެ ފުރުސަތުތަކާ މެދު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، ގެސްޓްހައުސް ހިންގާ ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރި ހިންގުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވައި، އަދި ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ތަފާތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުދި އަދި މެދު ފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ އަޒުމް އައުކުރައްވާފައެވެ. ރައީސް ވަނީ ގެސްޓްހައުސްތަކަކީ މުޖުތަމަޢުގެ ތަރައްޤީއަށާއި ފުޅާ އިޤްތިޞާދަށް މުހިންމު ހިއްސާއެއް ކުރާ ބައެއްކަން ފާހަގަކުރައްވާފައެވެ.
ސަރުކާރުން ދަނީ ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކޮށް، މި ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް އިސްކަންދޭ ސިޔާސަތުތަކަށް އަހައްމިއްޔަތުކަން ދެމުންނެވެ. މީގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ދަތިތައް ހައްލުކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުން ހިމެނެއެވެ.
ގެސްޓްހައުސް ވެރިންނާއެކު ރައީސް ސީދާ ބައްދަލުކުރެއްވުމަކީ އެންމެންނަށް ހިމެނޭގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތެއް އުފެއްދުމަށް އެ މަނިކުފާނު ގެންގުޅުއްވާ ޢަމަލީ އުސޫލުގެ ރަމްޒެކެވެ. މިއީ ރާއްޖެ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، މި ދާއިރާގެ ފުޅާވުމުން ރަށްރަށުގެ މުޖުތަމަޢުތަކަށް ފައިދާވާކަން ކަށަވަރުކުރުމަށް އެޅުއްވި ފިޔަވަޅެކެވެ.