އަރބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ތަޞްދީޤު ކުރައްވައިފިއެވެ. މިއީ 2024 ނޮވެންބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ ބޭނުމަކީ އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމާގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ތަރައްޤީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، ”އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ“ ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.