ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު އިސްލާހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަން މިއުޅެނީ ހުރިހާ ބާރެއް ވެރިކަންކުރާ ޕާޓީއަަކަށް ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުން ކަމަށެވެ. ނަތީޖާއަކީ ގާނޫނު އަސާސީގައި ސަރުކާރަށް ފާރަވެރިވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވާހަކަ ދައްކައިފިވނަމަ ނުވަތަ ވޯޓު ދެއްވައިފިނަމަ، އޭނާ ވަކިކުރެއްވުން ކަމަށެވެ.
“ދާއިރާގެ ހައްގުގައި ނުވަތަ ގައުމީ މަޞްލަޙަތުގައިވެސް ޕާޓީއާ ދެކޮޅަށް ދެނެއް ވާހަކަ ނުދެއްކޭނެ. ރައްޔިތުންގެ ބާރު އެއްކޮށް ކެނޑުނީ!“
ދުނިޔޭގެ ކުރިއަރާފައި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައިވެސް މެމްބަރަކު ޕާޓީގެ ވިސްނުމާ ދެކޮޅަށް ވޯޓު ދިނުމުން ވަކިކުރެވޭނީ ޕާޓީއިން ނުވަތަ އޭނާގެ ވިޕް ވިތްޑްރޯ ކުރެވެނީ ކަމަށާއި، މަޖިލިސްގެ ގޮނޑި ނުގެއްލޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
“ރާއްޖޭގައިވެސް ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ސަރުކާރު ޖަވާބުދާރީ ކުރުމަކީ މެމްބަރުންގެ ޒިންމާ ކަމަށް ވާއިރު އެކަން ދެން ކުރާނީ ކިހިނެތް؟ ގައުމު ވިއްކަން ފާސްކުރަން ދިމާކޮށްފައިވާ ހާލަތުގައިވެސް ޕާޓީއާއި ދެކޮޅަށް، ނުވަތަ ދާއިރާގެ ހައްގުގައި ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކައިފިނަމަ، ޕާޓީން ވަކިކޮށް ގޮނޑި ގެއްލޭނެ. ދާއިރާގެ ހައްގުގައި، ނުވަތަ ގައުމީ މަސްލަހަގައި ވާހަކަ ދެއްކުމުން ގޮނޑި ގެއްލުމަކީ ޣައިރު ދުސްތޫރީ ވިސްނުމެއް!“ ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން ހުށަހަޅާފައިވާ އިސްލާހަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު އިސްލާހެއް ކަމަށާއި ޗެކް އެންޑް ބެލެންސް އެއްކޮށް ނެތިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އިސްލާހު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
މިވެސް ގާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ބޮޑު ބަހުސެއް އޮތް ކަމެއް ކަމަށާއި، އިސްލާހު ފާސްކުރިޔަސް ތިކަމެއް ނުނިމޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.
މިއަދު މި ފެނުނީ އެއްވެސް އެއްބަޔަކަށް މިހާ ބޮޑު ސުޕަރ މެޖޯރިޓީއެއް ދިނުމުގެ ނުރައްކާ“ ޖަމީލު ވިދާޅުވިއެވެ.
One Response
ސުޕަރ މެޖޯރިޓީއެއް ދިނީތަ ނުވަތަ ގަނެލީތަ؟