އިސްރާއީލާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހަޅަން ލުބުނާނުން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނު ސަރަހައްދަށް ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހަށް އިސްރާއީލާ ދެކޮޅަށް މައްސަލަ ހުށަހަޅަން ލުބުނާނުން ވަނީ ނިންމާފައެވެ.
ލުބުނާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނުގެ އަސްކަރިއްޔާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ކައުންސިލަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ނިއުޔޯކްގައި ހުންނަ އދ.ގެ ދާއިމީ މިޝަނަށް އަންގާފައިވާ ކަމަށެވެ
ލުބުނާނުގެ ދެކުނުގައި އޮންނަ ހަސްބައިއްޔާ ޑިސްޓްރިކްޓްގެ މަރީ އަވަށުގެ އަސްކަރީ އައުޓްޕޯސްޓަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ދެ ސިފައިން ޝަހީދުވެ، އެކަކުގެ ހާލު ސީރިއަސް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މިއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ލުބުނާނުގެ އަސްކަރިއްޔާގެ ސިފައިންގެ އަދަދު ވަނީ 36 އަށް އަރާފައެވެ.
މީގެ އިތުރުން ލުބުނާނުގެ ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި ލުބުނާނުގެ ސިފައިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ ސިފައިންގެ ފުރިހަމަ ވާޖިބުތައް އަދާކުރުމުގައި އެހީތެރިވުމަކީ ލުބުނާނުގެ ބޯޑަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ވަރަށް މުހިންމު ކަމެކެވެ.