ރަޝިޔާއަށް ހަމަލާދޭން އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ޔުކްރެއިނަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވައިފިއެވެ.
ރަޝިޔާގެ ފުންމިނަށް ހަމަލާދިނުމަށް އެމެރިކާގައި އުފައްދާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ޔޫކްރޭނަށް ދީފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާއި ހަވާލާދީ މިއަދު މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި މިކަމުގެ މާބޮޑު ތަފްސީލެއް މީޑިއާތަކަށް ހާމަކޮށްފައި ނުވި ނަމަވެސް ޔޫކްރޭނުން ރާވާފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދުރު ރާސްތާގެ ފުރަތަމަ ހަމަލާތައް ދިނުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.
ވައިޓް ހައުސް އާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.
ޔޫކްރެއިންގެ ރައީސް އާއި އެމެރިކާއާއި ޔޫރަޕުން ދެކޭ ގޮތުގައި ރަޝިއާގެ އަމާޒުތަކަށް ހަމަލާތައް ދެވިއްޖެނަމަ ރަޝިއާ އަސްކަރީ ގޮތުން ބަލިކުރެވިދާނެއެވެ.
ރަޝިޔާގެ ފުންމިނަށް ހަމަލާދިނުމަށް އެމެރިކާގައި އުފައްދާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ޔޫކްރޭނަށް އެމެރިކާގެ ރައީސް ބައިޑްން ދެއްވާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވާއިރު، އެމެރިކާގެ ރައީސް ކަމަށް މިމަހުގެ 5 ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތުމާއެކު ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ދާދި އަވަހަށް ނިމިގެން ހިނގައިދާނެ ކަމަށް ޔުކްރެއިންގެ ރައީސް ވްލޮޑިމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
އެމެރިކާއަކީ ޔޫކްރޭނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމެވެ. ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން އަދި މި އަހަރުގެ ޖޫން މަހާ ދެމެދު 55.5 ބިލިއަން ޑޮލަރު (41.5 ބިލިއަން ޕައުންޑް) ގެ ހަތިޔާރާއި ސާމާނު ޑެލިވަރީ ކުރި ކަމަށް ޖަރުމަނުގެ ދިރާސާ ޖަމިއްޔާއެއް ކަމަށްވާ ކިއެލް އިންސްޓިޓިއުޓް ފޯ ދަ ވޯލްޑް އިކޮނޮމީ އިން ބުނެފައި ވެއެވެ.