އިސްރާއީލުން ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުއްލާގެ މީޑިއާ ހެޑް ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުއްލާއިން ވަނީ ބެއިރޫތުގެ މެދުތެރޭގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ މީޑިއާ ރިލޭޝަންސް ޗީފް މުހައްމަދު އަފީފް ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހުގެ ރޭ ދަންވަރު ނެރުނު ބަޔާނެއްގައިވެސް ވަނީ އަފީފް ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން އާދީއްތަ ދުވަހު ބުނެފައިވާއިރު، އެ އިމާރާތަށް އަމާޒުކޮށްފައި ވަނީ އިންޒާރެއް ނެތި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބެއިރޫތުގެ ދެކުނު ސަބަރބްސްގައި އިސްރާއީލުން ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގިނަ ލުބުނާނު ރައްޔިތުން ވަނީ އެ ސަރަހައްދުގެ އަވަށްޓެރި ހިސާބުތަކުން ހިމާޔަތް ހޯދާފައެވެ.
ހިޒްބުއްލާގެ އަލް މަނާރު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ އާދީއްތަ ދުވަހު ލުބުނާނަށް ދެވަނަ ހަަމަލާއެއްވެސް ދީފައެވެ.އެގޮތުން ދެވަނަ ހަަމަލާގައި ލުބުނާނުގެ މެދުތެރޭ ސަރަހައްދަކަށް ދިން އެ ހަމަލާގައި ދެ މީހަކު ޝަހީދުވެ 22 މީހުން ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ވައިގެ ހަމަލާތައް ގިނައިން އަމާޒުކުރަމުން އަންނަނީ ހިޒްބުއްލާ ޖަމާއަތުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ބެއިރޫތުގެ ދެކުނު ސަބަރބްތަކަށެވެ.