އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއްދީފިއެވެ.
ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއްދީފައި މި ވަނީ އެ ގެއަށް ޑްރޯން ހަމަލާއެއްދިންތާ މަހެއްހާ ދުވަސް ފަހުންނެވެ.
އެގޮތުން ފަލަސްތީނުގެ ސިޒޭރިއާގައި ހުންނަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއްދީފައިވާކަން ހާމަކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ.
އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ދެ ސިގްނަލް ފްލޭއާ ވެއްޓިފައި ވަނީ ނަތަންޔާހޫ ގޭގެ ބަގީޗާތެރެއަށެވެ. އިސްރާއީލު ސިފައިންގެ ރަސްމީ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފްލޭއާތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ވަގުތު ނަތަންޔާހޫ އާއި އޭނާގެ އާއިލާ ގޭގައި ނެތް ކަމަށް އެ ޤައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.
މީގެ އިތުރުން މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.