ޤަތަރު ފައިނޭންޝަލް ސެންޓަރާއެކު މާލީ އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާ އާއި ޤަތަރު ފައިނޭންޝަލް ސެންޓަރ (ކިއުއެފްސީ) އާ ދެމެދު ފަހުމުނާމާއެއްގައި (އެމްއޯޔޫ) ސޮއިކުރައްވައިފިއެވެ.

މިއާއެކު ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ ކުންފުނިތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވިފައިވާ ކިއުއެފްސީގެ ވިޔަފާރި މަރުކަޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މި އެމްއޯޔޫގެ ސަބަބުން އިރުމަތިއާއި ހުޅަނގާ ދެމެދު ވިޔަފާރީގެ ގޮތުން ޤަތަރުގެ މަޤާމު ވަރުގަދަވެ، ދެ ޤައުމުގެ އިޤްތިޞާދީ މަސްރަޙު ފުޅާވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކިއުއެފްސީން އެމްއީޑީޓީއާ އެކު މާލީ މެނޭޖްމަންޓް، ޤާނޫނީ އޮނިގަނޑު އަދި ހިންގުމުގެ ސްޓްރެޓެޖީތަކާ ގުޅޭ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވަމުން ގެންދާނެއެވެ. މީގެ އިތުރުން ވަރުގަދަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މާލީ މުއައްސަސާތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، އިންޑަސްޓްރީގެ މާހިރުންނާ ގުޅުން ބަދަހިކޮށް، ވިއުގަ ފުޅާކުރުމުގެ ފުރުޞަތުތައް ކިއުއެފްސީން ތަނަވަސްކޮށްދޭނެއެވެ.

ކިއުއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔޫސުފް މުޙައްމަދު އަލް-ޖައިދާ ވިދާޅުވީ، ”މި ބައިވެރިވުމަކީ ދުނިޔޭގެ މާލީ މުއައްސަސާތަކާއެކު ދެމެހެއްޓެނިވި އަދި އަސަރުގަދަ ގުޅުންތައް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ. އަދި މީގެ ސަބަބުން ޤަތަރާއި ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރިކަން އިތުރަށް ބަދަހިވެ، އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެއެވެ.“

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސަޢީދު މި އެމްއޯޔޫގެ މުހިންމުކަން ފާހަގަކުރައްވަމުން ވިދާޅުވީ، ”ދިވެހިރާއްޖޭގައި ވަރުގަދަ ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމުކުރުމަށް މި އެއްބަސްވުން އެހީތެރިވެދޭނެއެވެ. ކިއުއެފްސީއާ އެކު ކުރެވޭ މި މަސައްކަތުން އަގުހުރި އިރުޝާދާއި އެހީތެރިކަން ލިބޭނެކަމާމެދު އަޅުގަނޑުމެން ޔަޤީންކުރަމެވެ.“

މި ބައިވެރިވުމުގެ ސަބަބުން ދެ ޤައުމަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށާއި، އެކުގައި މަސައްކަތްކޮށް، ތަޖުރިބާ ހިއްސާކުރުމުގެ ތެރެއިން ކުރިއެރުމާއި އައު ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް