ސަޢޫދީ އަރަބިއްޔާގައި ބޭއްވުނު އަރަބި-އިސްލާމީ ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ މައްސަލައިގައި ވަރަށް މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މި ސަމިޓުގައި ރާއްޖޭގެ ރައީސް ވަނީ ފަލަސްތީނު މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއިން ވަނީ ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ހުށަހަޅާފައިވާ ޖެނޮސައިޑްގެ މައްސަލައިގައި ބައިވެރިވުމަށް ނިންމާފައެވެ. މިއީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސަމިޓުގެ ތަޤްރީރުގައި ރައީސް މުއިއްޒު ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޔޫ.އެން ސެކިއުރިޓީ ކައުންސިލަށް ގޮވާލައްވާފައެވެ. ”ހަނގުރާމައިގެ ހަތިޔާރު“ ފޯރުކޮށްދެމުންދާހާ ހިނދަކު ސުލްހަ ނުވާނެކަމަށާއި، ވިއްކޭ ކޮންމެ ހަތިޔާރަކުން މި ޖެނޮސައިޑް އިތުރަށް ފުޅާވަމުންދާކަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު އެކަނި ގާތްގަނޑަކަށް 50,000 ފަލަސްތީނު ރައްޔިތުން މަރުވެފައިވާކަން ފާހަގަކުރައްވައި، އަންރުވާ (UNRWA) އުވާލުމަށް އިޒްރޭލުން ނިންމި ނިންމުމަކީ ”ނުރައްކާތެރި ނިންމުމެއް“ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މި ޖަމްޢިއްޔާއަށް އެހީތެރިވުމަށް ހުރިހާ ޤައުމުތަކަށް ރައީސް ގޮވާލެއްވިއެވެ.
ސަމިޓުގައި ރައީސް މުއިއްޒު ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ލީޑަރޝިޕް ފާހަގަކުރައްވައި، ދެ ދައުލަތުގެ ހައްލަށް އެ ޤައުމުން ކުރައްވާ މަސައްކަތްތައް ތަޢުރީފު ކުރެއްވިއެވެ. ”އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި މިހާރު ސާބިތު ފިޔަވަޅުތަކެއް ނާޅާނަމަ، ތާރީޚު އަޅުގަނޑުމެންނާމެދު ނިންމާނީ ހަރުކަށި ގޮތަކަށް“ ކަމަށް ވިދާޅުވެ، މުސްލިމް އުއްމަތުގެ އެއްބައިވަންތަކަމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.