އިޒްރޭލުން ހިޒްބުއްލާގެ މާލީ ނެޓްވޯކަށް ހުރަސްއެޅުމަށް އަމާޒުކޮށްގެން ހަމަލާތަކެއް ދޭން ރާވާފައިވާ ކަމަށް އިޒްރޭލު ޑިފެންސް ފޯސަސްގެ ސްޕޯކްސްޕަރސަން ޑެނިއަލް ހަގާރީ އާދީއްތަ ދުވަހު ބޭއްވި ބްރީފިންގއެއްގައި ބުނެފިއެވެ.
މި ހަމަލާތައް އަމާޒުކުރާނީ ލެބަނަންގައި އަސާސްވެފައިވާ ހަނގުރާމަވެރި ގްރޫޕް ކަމަށްވާ ހިޒްބުއްލާއާ ގުޅުންހުރި އަލް-ޤަރްދު އަލް-ހަސަން އެސޯސިއޭޝަނަށް ކަމަށް ހަގާރީ ބުނެފިއެވެ.
އަލް-ޤަރްދު އަލް-ހަސަން އެސޯސިއޭޝަނަކީ 1983 ގައި އުފެދުނު، ހިޒްބުއްލާއާ ގުޅުންހުރި ނޮން-ޕްރޮފިޓް މާލީ މުއައްސަސާއެއް ކަމަށް ހިޒްބުއްލާއާ ގުޅުންހުރި ޓީވީ ޗެނަލް އަލް-މަނާރުން ބުނެފައިވެއެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިންޓްރެސްޓް ނުލައި ލޯނު ދިނުމުގެ އުސޫލުން ޝިޔާ މުޖުތަމަޢުގެ ފަޤީރުކަން ނައްތާލުމަށް އިންޓްރެސްޓް ނުހިމެނޭ ލޯނުތައް މި މުއައްސަސާއިން ދޫކުރާ ކަމަށް އަލް-މަނާރުން ބުނެފައިވެއެވެ.
ހިޒްބުއްލާގެ މާލީ ނެޓްވޯކަށް ހުރަސްއެޅުމަށާއި އަދި އެ ޖަމާޢަތާއި ޝިޔާ އާބާދީއާ ދެމެދު އޮތް އިތުބާރު ނެތިކޮށްލުމަށް ލެބަނަންގެ އެކި ހިސާބުތަކުގައި ހުރި އަލް-ޤަރްދު އަލް-ހަސަންގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް އައިޑީއެފުން ރާވާފައިވާ ކަމަށް ހަގާރީ ބުނެފިއެވެ.
ހިޒްބުއްލާގެ ޙަރަކާތްތަކަށް ފައިސާ ހޯދުމުގައި އަލް-ޤަރްދު އަލް-ހަސަން އިން މުހިންމު ދައުރެއް އަދާކުރާ ކަމަށް ހަގާރީ ބުނެފިއެވެ.
ތަހުޒީބުތަކުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މާލީ މުއައްސަސާތައް ގުޅުވައިދޭ މެސެޖިންގ ސަރވިސްއެއް ކަމަށްވާ ސްވިފްޓާ ގުޅިފައި ނެތި އަލް-ޤަރްދު އަލް-ހަސަން އިން ބޭންކެއްގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ހަގާރީ ބުނެފިއެވެ.
އޭނާ ބުނިގޮތުގައި ހިޒްބުއްލާއިން އެ މުއައްސަސާ ބޭނުންކުރަނީ އެ ޖަމާޢަތުގެ މެންބަރުންނަށް މުސާރަ ދިނުމަށާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ނިޒާމު ބޭނުންކުރަނީ ގިނައިން ޝިޔާ މަޒުހަބުގެ މީހުން ހިމެނޭގޮތަށް 300,000 އެއްހާ މީހުން ކަމަށް އޭނާ ބުނެފިއެވެ.