ޗައިނާގެ އެހީގައި ވިލިމާލޭގައި ތަަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ނިމުމުގެ އެއްބަސްވުމުގައި މިއަދުު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ކޮންސްޓްރަކްޝަން މިނިސްޓްރީގައެވެ.
އެގޮތުން މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުއްތަލިބް އެވެ. އަދި ޗައިނާގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިސިން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދެން ކުރިއަށް އޮތީ ޑިޒައިނިންއާއި ޓެންޑަރިންގ ސްޓޭޖް ކަމަށާއި، އެ މަސައްކަތަށް ލަފާކުރެވޭ ގޮތުގައި ހަ މަސް ދުވަސް ނަގާނެ ކަމަށެވެ.
ހަމަ އެހެންމެ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި މި ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަަށް ލަފާ ކުރެވޭ ކަމަށާއި އުއްމީދަކީ 2027 ވަނަ އަހަރު ތެރޭގައި މި ހޮސްޕިޓަލުގެ މަސައްކަތް ނިންމާލައި ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ކުރެވި އެ ހިދުމަތް އެހާތަނަށް ލިބިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.