ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ރޭ ބުނީ ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރާން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފްލެޓު ލިސްޓު އިއުލާނު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިިނިސްޓްރީން ބުނެފައި ވެއެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ ފްލެޓު ލިސްޓު ރިވިއުކުރުމުގެ މަސައްކަތް ކުރާނީ، ވީހާ ވެސް ބޮޑަށް ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި ޝަރުތުތަކަށް ބަލައިގެން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް އަންނަނީ ތަރައްޤީ ކުރަމުންނެވެ. މީގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓް ހިމެނެއެވެ.