ރިޒާވް އިތުރުވެ، މާލީ ޙާލަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެވޭ: އެމްއެމްއޭ

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޖުމްލަ އަދި ބޭނުން ކުރެވޭ ރިޒާވް އިތުރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. ފާއިތުވި މަހުގެ ނިޔަލަށް ޖުމްލަ ރިޒާވް 444 މިލިއަން ޑޮލަރުގައި ހުރި އިރު، ޖުލައި މަހު މި އަދަދު ހުރީ 395 މިލިއަން ޑޮލަރުގައެވެ. ބޭނުން ކުރެވޭ ރިޒާވް 61.22 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ކުރިއަށް އޮތް ތަނަށް ބަލާއިރު، ބޭނުން ކުރެވޭ ރިޒާވާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހިމެނޭ ރަސްމީ ރިޒާވް މި އަހަރުގެ ނިޔަލަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.

ރަސްމީ ރިޒާވް އިތުރު ކުރުމަށް އަމާޒުކޮށްގެން ސަރުކާރާއި އެމްއެމްއޭ އިން ގްރީން ބޮންޑެއް ދޫކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެމްއެމްއޭ އިން އަލިއަޅުވާލާފައި ވެއެވެ. މީގެ އިތުރުން، ސާކް އޮނިގަނޑުގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ހެދުމުގެ ޓެކްނިކަލް މަސައްކަތް ނިމި، އަވަހަށް ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީއާ އެއްގޮތަށް ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް އަމާޒުކޮށްގެން އަޅަމުންދާ ފިސްކަލް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ޙާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން އުއްމީދުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް