ޔޫކްރޭންގައި ރަޝިޔާގެ ސިފައިން ތަމްރީނު ކުރަން އީރާނުން އެހީވާ ކަމަށް ބުނާ ތުހުމަތު އެ ޤައުމުން ދޮގުކޮށްފިއެވެ.
އީރާނުގެ ސިފައިން ޔޫކްރޭންގެ ބިމުގައި ރަޝިޔާގެ އަސްކަރީ ބާރުތައް ތަމްރީނު ކުރަމުން އަންނަ ކަމަށް ބުނާ ތުހުމަތު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންއާނީ ވަނީ ދޮގުކުރައްވާފައެވެ.
ރަޝިޔާގެ ސިފައިން ތަމްރީނު ކުރުމަށް ޔޫކްރޭންގެ ބިމުގައި އީރާނުގެ އަސްކަރީ އޮފިސަރަކު ހުރި ކަމަށް ބުނާ ވާހަކައަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ކަންއާނީ ވަނީ ވިދާޅުވެފައެވެ.
މިފަދަ އަސާސެއް ނެތް ވާހަކަތަކަކީ ވަކި ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމަށް ކުރެވޭ ތުހުމަތުތަކެއް ކަމަށާއި، އެ ތުހުމަތުތަކަކީ ޔޫކްރޭންގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ މެދު އީރާނުން ދެކޭގޮތާއި ފުށުއަރާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ މިހެން ވިދާޅުވީ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކުގައި ރަޝިޔާއަށް އެހީތެރިވި ކަމަށް ޝައްކު ކުރެވޭ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ)ގެ ޖެނެރަލަކާ ދެކޮޅަށް މައްސަލައެއް ހުޅުވާލާފައިވާ ކަމަށް ޔޫކްރޭންގެ ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވެފައި ވަނިކޮށެވެ.
އަންޑްރީ ކޮސްޓިން ތުހުމަތު ކުރި ގޮތުގައި ތަހުގީގުން އެނގުނު ގޮތުގައި ޖުލައި މަހާއި އޮގަސްޓް 2022 އާ ދެމެދު ރަޝިޔާގެ އަސްކަރީ މަންދޫބުން އީރާނާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ޝާހެދު-136 އަދި މޮހާޖެރު-6 ހަމަލާ ޑްރޯންތަކާއި އެއާ ގުޅުން ހުރި ސާމާނު ގަތުމަށެވެ.
ރަޝިޔާ އާއި ޔޫކްރޭންގެ އަސްކަރީ ހަމަނުޖެހުންތަކުގައި ބައިވެރިވާ ކަމަށް ކުރާ ތުހުމަތައް އީރާނުން ދަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.