ކޭކުއަޅާ މީހާގެ ދަރި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ކޭކުއަޅާ މީހަކު އުޅުނެވެ. އޭނާގެ ނަމަކީ މަރިޔަމެވެ. މަރިޔަމަކީ މަސައްކަތަށް ވަރަށް ފަރުވާތެރި މީހެކެވެ. މަސައްކަތުގައި މަކަރުހަދައި އޮޅުވައިލުމަކީ އޭނާ ނުވެސް ދަންނަ ކަމެއް ފަދައެވެ. އެހެންކަމާއެކު އޭނާ ވެފައިވަނީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު މީހަކަށެވެ. ގިނަ ބަޔަކު އެމީހުންގެ އެންމެ ޚާއްޞަ ދުވަސްތަކަށް ކޭކު އެޅުމަށް އޯޑަރުދެނީ އޭނާއަށެވެ. 

މަރިޔަމުގެ ބޮޑު އަންހެން ދަރިއަކު ހުރެއެވެ. ނަމަކީ ފާތުމަތެވެ. މަރިޔަމާ ޚިލާފަށް ފާތުމަތަކީ ކުރާ ކަންކަމުގައި އެހާ ފަރުވާތެރި ކުއްޖެއް ނޫނެވެ. އެކަމާ މަރިޔަމް ވަރަށް ހިތާމަކުރެއެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް ފާތުމަތު އެކަމެއް ބަދަލެއް ނުކުރެއެވެ.

މަރިޔަމް ވަނީ ފާތުމަތަށް ވަރަށް ގިނަ މަސައްކަތް ވެސް ދަސްކޮށްދީފައެވެ. ފެހުމާއި، ކޭކު އެޅުމަކީ ފާތުމަތު ކުރާހިތްވާ މަސައްކަތްތައް ކަމަށް ވާތީ އެކަންކަން ވެސް ވަނީ ރަނގަޅު ފެންވަރަކަށް ދަސްކޮށްދީފައެވެ. ނަމަވެސް ޢަމަލީގޮތުން މިއިން އެއްވެސް ކަމެއް ފާތުމަތު ނުކުރެއެވެ. 

އެއްފަހަރަކު މަރިޔަމް ގަސްތުކުރީ ފާތުމަތުލައްވައި ހެދުމެއް ފައްސާށެވެ. މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކަށް ޕާޓީ ހެދުމެއް ފަހައިދޭންވެއްޖެއޭ މަރިޔަމް ފާތުމަތު ގާތުގައި ބުންޏެވެ. ފަހަންވީ ފާތުމަތުގެ މިނަށް، ފާތުމަތަށް އެންމެ ރީތި ކުލަޔަކުން ކަމުގައި ބުންޏެވެ. ފޮތި ގަތުންވެސް ހަވާލުކުރީ ފާތުމަތަށެވެ. ފެހުމުގެ އަގެއްގެ ގޮތުން ފާތުމަތަށް އެއްހާސް ރުފިޔާވެސް ދީފިއެވެ. ފާތުމަތު ހިތަށްއެރިއެވެ. އަގުހެޔޮ، ފޭރާންދެރަ ފޮއްޗަކުން ހެދުމެއް ފަހާލާނީއެވެ. އޭރުން މަންމަ ދިން ފައިސާގެ ބޮޑުބައި ފާތުމަތަށް ލިބުނީއެވެ. އެހެންނޫނަސް އެމީހަކު މި ހެދުން ލާނީވެސް އެންމެ ދުވަހަކު ވިއްޔާއެވެ. 

ފާތުމަތު ހެދުން ނިންމުމަށްފަހު މަންމައާ ހަވާލުކޮށްފިއެވެ. ހެދުން ވަރަށް ރީއްޗޭ ބުނެފައި މަރިޔަމް ހެދުމާ ހަވާލުވެއްޖެއެވެ. އަދި އިތުރަށްވެސް ފާތުމަތަށް ފައިސާ ދީފިއެވެ. އަދި އެކުއްޖާގެ އުފަންދުވަހު ދޭނީއޭ ބުނެފައި އަލަމާރިއަށް ހެދުން ލައިފިއެވެ.

 ޖެހިގެން އައި ހުކުރުދުވަހަކީ ފާތުމަތުގެ އުފަންދުވަހެވެ. މަރިޔަމާއި ފާތުމަތުގެ ބައްޕަ އިބުރާހީމު ވަނީ ބޮޑު ޕާޓީއެއް ބޭއްވުމަށް ރާވާފައެވެ. ޕާޓީ ޚާއްޞަކޮށްލުމަށްޓަކައި އިބުރާހީމުގެ އޮފީހުގެ ވެރިންނަށްވެސް ވަނީ ދަޢުވަތު އަރުވާފައެވެ. ޕާޓީ ބާއްވާ މާލަމުގެ ކަންކަމުގައި އިބުރާހީމު އުޅެމުންދިޔައިރު މަރިޔަމް އުޅުނީ ހެދުން ތައްޔާރުކުރުމާއި ގަހަނާއާއި މޭކަޕުގެ ކަންކަން ހަމަޖެއްސުމުގައެވެ. އަސުރުން ފައިބައިގެން މަރިޔަމް އަވަސްވެގަތީ ހެދުންއަޅައި ރީތިވެގެން އަވަހަށް ޕާޓީއަށް ދިއުމަށެވެ. ހެދުން މަންމަގެ ކޮޓަރީގައި ތައްޔާރުކޮށްފައި ހުންނާނެ ވާހަކަ ފާތުމަތު ގާތުގައި މަރިޔަމް ބުންޏެވެ. 

ފާތުމަތު ގޮސް މަންމަގެ ކޮޓަރި ހުޅުވައިލުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. މަންމަ އެ ހެދުން ފެހީ ފާތުމަތަށް ހަދިޔާއަށް ދޭން ކަމެއް ފާތުމަތަށް ކުޑަކޮށްވެސް އެނގިފައެއް ނެތެވެ. ފާތުމަތު ދެރަވެސް ވިއެވެ. އެހާ ފޭރާން ދެރަ ފޮތިން ފަރުވާކުޑަކޮށްލައިގެން އޭނާ އެ ފެހީ އޭނާގެ އަމިއްލަ ޕާޓީ ހެދުންކަން ކުޑަކޮށްވެސް ރޭކާނުލީތީއެވެ. އެހެންނަމަވެސް އެ ހެދުން ލުން ނޫން އެހެން ގޮތެއް ދެނެއް ނެތެވެ. 

އިރުކޮޅަކުން މަރިޔަމަށް އިވުނީ ފާތުމަތު ވަރަށް ބާރަށް މަންމާއޭ ކިޔާފައި ގޮވާއަޑެވެ. މަރިޔަމް ދުވެފައި ދިޔައިރު ހެދުމުގެ ޒިބު ވަނީ ފަތިން މޮހިފައެވެ. އަލުން ޒިބު ހަރުކޮށްގެން ޕާޓީއަށް ދާނެހާ އިރެއްވެސް ނެތެވެ. ފާތުމަތު އަޑުން އަޑުނަގައި ރޯންފެށިއެވެ. ދެން ހަދާނީ ކިހިނެއްހޭ މަންމަ ގާތުގައި ކިޔަައި ރޮމުންދިޔައެވެ. ދަރިފުޅު ފަތިޖެހިއިރު ރަނގަޅަށް ނުބަލަންހޭ މަރިޔަމް އެހިއެވެ. ފާތުމަތު މަންމަ ގާތުގައި ރޮމުން މާފަށް އެދުނެވެ. ފަރުވާކުޑަކޮށް ހެދުން ފެހުނީތީއެވެ. ގިނަ ފައިސާ ބޭނުންވެގެން ވެސް މިފަހަރު މި ކެހިދެވުނީ އަމިއްލަ ނަފުސަށޭ ފާތުމަތު ހިތަށްއެރިއެވެ. 

އިރުކޮޅަކުން އިބުރާހީމު ކޮޓަރީގައި ޓަކިޖަހަންފެށިއެވެ. ގަޑި ކުޑަތަންވަނީކަން ހަނދާންކޮށްދިނެވެ. މި ނިމެނީއޭ ބުނެފައި މަރިޔަމް އަލަމާރި ކައިރިއަށް ދިޔައެވެ. އަދި ހަމަ އެކަހަލަ ހެދުމެއް ނަގާފައި ފާތުމަތު އަތަށް ދިނެވެ. އަދި ބުންޏެވެ. ދެންވެސް ކަންކަން ކުރާއިރު ފަރުވާ ބަހައްޓާށެވެ. މިއަދު މަންމަ ދަރިފުޅަށް މި ދިނީ ފިލާވަޅެކެވެ. މި ފިލާވަޅުން ޢިބުރަތް ލިބިގަނެގެން ކުރިއަށް އޮތް ތަނުގައި ކުރާ ކޮންމެ ކަމެއްވެސް އިޚްލާޞްތެރިކަމާއެކު ކުރާށެވެ. އެދުވަހު މަންމަ އަތަށް ހެދުން ލިބުމުން މަންމަ ވަރަށް ރަނގަޅަށް ދަރިފުޅުގެ މަސައްކަތް ބެލީމެވެ. ދަރިފުޅުގެ މަސައްކަތުގައި ހުރި ފަރުވާކުޑަކަމާއި ފޮތީގެ ފޭރާންދެރަކަން މަންމައަށް ފެނުނެވެ. ހެދުން ލާއިރަށް ވާނީ މިކަހަލަ ގޮތެއްކަން މަންމައަށް ވިސްނުނެވެ. އެހެންވެ ހަމަ އެކަހަލަ ހެދުމެއް މޮޅު ފޮތިން އަލުން ފެހީއެވެ. މިއަދު މިހެން ވުމުން ދަރިފުޅަށް ޕާޓީއަށް ނުދެވޭނެކަން މަންމައަށް ވިސްނޭތީ މިކަން މިހެން ކުރިނަމަވެސް ކޮންމެ ފަހަރަކު މިހެން ވާނެކަމަށް ދަރިފުޅު ނުދެކެއްޗެވެ. ފަރުވާކުޑަވުމުން އަތުން ކިހާ ގިނަ ޚަރަދެއްވެސް ބޭކާރުގޮތުގައި ހޭދަވެއްޖެ ހެއްޔެވެ؟ 

މަންމަގެ ނަސޭހަތް އެހުމަށްފަހު ފާތުމަތު ބުންޏެވެ. މަންމާއެވެ. އަހަރެންނަށް މާފުކޮށްދޭށެވެ! ދެން ދުވަހަކުވެސް އެކަހަލަ ކަމެއް އަހަރެންގެ ފަރާތަކުން ނުހިނގާނެއެވެ. އެއަށްފަހު ތައްޔާރުވެގެން މަންމާއި ބައްޕައާއެކު، ޕާޓީ ތައްޔާރުކޮށްފައިވާ ލޮނުޒިޔާރަތް ޕާކަށް ހިނގައްޖެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް