ކުންފުންޏަށް އެންމެ ރަނގަޅު ގޮތް ހޯދަން ސަރުކާރާއި ގުޅިގެން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން ކަމަށް މިފްކޯގެ ޗެއާމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މި މަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރިއަށް ދިޔަ، ”މިފްކޯ އިފިޝެންސީ އެކްސަސައިޒް“ ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ހިންގުން ހަރުދަނާ ކުންފުންޏަކަށް ބައްޓަން ކުރުމުގައި އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާ ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކުރުމަކީ އިސްރާފު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަަމަށް ވެސް ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”މުވައްޒަފުންނަށާއި ކުންފުންޏަށް އޮތް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމުގައި އަޅުގަނޑު މިހުރީ ސަރުކާރާއި ގުޅިގެން ބޯޑު ލެވެލްގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް.“ ބޯޑުގެ ނިންމުންތައް ބިނާވާނީ ކުންފުނީގެ ކުރިމަގަށް ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި އެއީ މުޅި ބޯޑުގެ ވެސް ވިސްނުންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވޮ ގޮތުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި މެނޭޖުމެންޓަށް އިތުބާރު އެބައޮތެވެ.
އަދި ކުންފުނި ހިންގުމުގެ ތެރެއަށް ދަތިވާ ކަން ކަން ހައްލުކުރުމަށް ބޯޑު ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ކުންފުންޏަށް އެންމެ ލާބަހުރި ގޮތްތަކަށް ބޯޑު މެންބަރުންގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރެެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މިފަދަ މަހާސިންތާ ތަކުގެ ސަބަބުން ކަންކަން އޮންނަ ގޮތާއި، ކަން ހިނގަމުން އަންނަގޮތް ސާފުވެގެންދާ ކަމަށާއި އެކަމަކަށް އޮންނަ އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުމަށް މަޝްވަރާކޮށް، އެންމެ ފަހުގެ އިސްތިރާޖީ ވިސްނުންތައް ކުރިއަށް ނެރެގެން ދެމެހެއްޓެނިވިކަމާއެކު، ޒަމާނީ އައު ގޮތްތައް ހޯދައިގެން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާ ކަމަށެވެ.
މި އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަސް މެނޭޖުމަންޓާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހަރުދަނާކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރިކަން ވެސް ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އައު މާކެޓްތައް ހޯދުމުގައި މެނޭޖުމެންޓުން ކުރާ މަސައްކަތުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަންޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވަނީ މިފްކޯގެ މެނޭޖުމެންޓާއި ހީވާގި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.