ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ނަންފުޅު ހިމެނިވަޑައިގަންނަވާ ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބައެއް ތަސައްވުރުތައް ހަގީގަތަކަށް ހައްދަވައިފިއެވެ.
މިދިޔަ ފަސް އަހަރުގައި ޑރ. ޝަހީމް ވަނީ ރާއްޖޭގައި އިސްލާމީދީން ނެގެހެއްޓުމާ ގުޅޭ ގޮތުން ގިނަ ތަސައްވުރުތަކެއް ކުރައްވައިފައެވެ. އެމަނިކުފާނުގެ އެ ތަސައްވުރުތައް ލިޔުމުގެ ޒަރީއާއިން މިދިޔަ ދައުރުގައި ވަނީ އާންމު ކުރައްވައިފައެވެ.
އޭގެތެރެއިން މި ބަލައިލަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ތަސައްވުރުގެ މައްޗަށެވެ.
ކުރިން ވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރުކަން ކުރައްވައިފައިވާ ޑރ. ޝަހީމް ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު ކުރިން މަގާމާ ހަވާލުވެވަޑައިގަތް ވަގުތަކީ ރާއްޖޭގެ ޙައްޖުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެކެވެ. އަދި ޙައްޖަށް މީހުންގެންދާ ބައެއް ޖަމާޢަތްތަކުން ރައްޔިތުން އަތުން ފައިސާ ނަގައިގެން ޙައްޖަށް ނުގެންދެވި އެތައް ބަޔަކު ޙާލުގައި ޖެހިފައިވީ ވަގުތެކެވެ.
އެގޮތުން މިކަމަށް ދާއިމީ ޙައްލެއް ހޯދައި ޙާލުގައި ޖެހިފައިވާ މީހުން ޙައްޖަށް ފޮނުވޭނޭ ގޮތްތަކެއް ވޭތޯ މަސައްކަތް ފެށްޓެވިއެވެ. ޙާލުގައި ޖެހިފައިވާ ބައެއް މީހުންނަށް ސަރުކާރުގެ މާލީ އެހީތެރިކަން ހޯދައިދެއްވިއެވެ.
ޑރ. ޝަހީމް ވިދާޅުވި ގޮތުން ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ނިޒާމު ޒަމާނީ އުޞޫލެއްގެ ތެރެއަށް ފެއްތުމަށް ދައުލަތުގައި ޙައްޖު މުއައްސަސާއެއް އުފެއްދުމަށްޓަކައި ބޭރު ގައުމެއްގެ ޙައްޖު މުއައްސަސާއަކާ ވާހަކަ ދެއްކުމުން އެކަމުގައި އެމީހުންނަށް ފީއެއް ދައްކަން ޖެހޭ ކަމަށް މަޢުލޫމާތު ލިބިވަޑައިގަތެވެ. އެގޮތުން ގާތް ގަނޑަކަށް 1.5 މިލިޔަން ޑޮލަރުގެ ފީއެއް ދައްކަންޖެހެއެވެ. އެއީ ތަޖުރިބާ ހިއްސާކުރުމާއި ރާއްޖޭގައި އެފަދަ މުއައްސަސާއެއް ގާއިމު ކުރުމުގައި އެހީތެރިވެދިނުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ ބަދަލެއްގެ ގޮތުންނެވެ.
ނަމަވެސް އެވަރުގެ މާލީ ކުޅަދާނަ ކަމެއް އެވަގުތު ރާއްޖޭގެ އިސްލާމީ ވުޒާރާގައި ނެތެވެ.
“ދެން އަޅުގަނޑުމެން ވިސްނީ އަޅުގަނޑުމެންނަށް އެހެން ބައެއްގެ އެހީތެރިކަމެއްނެތި އެކަން ކުރެވޭނޭ މަގެއް ހޯދުމަށެވެ.“
އެގޮތުން ޙައްޖުގެ ނިޒާމު ރާއްޖޭގައި ގާއިމު ކުރުމަށްބވުޖޫދު ކުރުމަށް އެދި ރައީސް ޑރ. މުޙައްމަދު ޥަހީދު ޙަސަން އަށް ދެންނެވިއެވެ. އެއަށްފަހު މި ކޮންސެޕްޓް ރަނގަޅަށް އެގި ވަޑައިގަންނަވާ ޢިލްމީ ބޭފުޅެއްކަމުގައިވާ ޑރ. އައިޝަތު މުނީޒާ ލިޑަރޝިޕްގެ ދަށުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދުކުރުމަށްޓަކައި މަސަތްކަތް ފެށްޓެވިއެވެ.
އެގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފެއްދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެ ކޯޕަރޭޝަންގެ ޢަމަލީ މަސައްކަތްފަށައި ފުރަތަމަ ދަތުރުގައި 500 މީހުންނާއެކު ޑރ. ޝަހީމް ވެސް ޙައްޖުގައި ބައިވެރިވެވަޑައިގަތެވެ.
8 ޖޫން 2019 ގައި ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ބްލޮގްގައި ޙައްޖު ކޯޕަރޭޝަނާމެދު އޮތް އުންމީދާއި ބައެއް ޚިޔާލުތައް ހިއްސާކުރައްވައިފައެވެ.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ އެތަނުގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް އޮންނަ ތަނަކަށް ވެގެން ނުވާނެ. އެތަނަކީ މިނިވަންކަމާއެކު ހިނގާ ތަނަކަށް ވާންޖެހޭނެ.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ޗެއާމަން އަކީ ކަމާ ގުޅޭ ދާއިރާގެ ޢިލްމާއި ތަޖުރިބާ ހުރި އިސްލާމީ މާލީ އަދި އިގުތިސާދީ ފަލްސަފާގެ ޢިލްމު ދަންނަ މީހަކަށް ވާންޖެހޭނެ.
- ޙައްޖު ކޯޕަރޭޝަންގެ ޙައްޖު އޮޕްރޭޝަނަލް މެނޭޖަރަކަށް ހުންނަންވާނީ ޙައްޖުގެ ކަންކަން ރާވާތަރުތީބު ކުރާ ގޮތް ދަންނަ އިދާރީ ތަޖުރިބާހުރި މީހެއް.
4 ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ހުންނަންވާނީ މާލީ އަދި އިގުތިސާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ވިޔަފާރީގެ އުޞޫލުތައް ދަންނަ އަދި އިސްލާމީ އިގުތިސާދީ ދާއިރާގެ ޢިލްމާއި ތަޖުރިބާ ހުރި މީހެއް.
- ޙައްޖު ކޯޕަރޭޝަނަށް ގާނޫނެއް ހަދައި ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ދޭންވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓްތައް އަންނަންޖެހޭ. މިކަންކުރުމަށް އިސްތިރާތީޖީ އެކްޝަން ޕްލޭނެއް އެކުލަވާލެވެންޖެހޭ. ކޯޕަރޭޝަން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ދައުލަތުގެ އެހީތެރިކަން ދޭންވާނެ.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީ ކުރުމަށްޓަކައި ދުރާލާ ރައްޔިތުން ޑިޕޮސިޓް ކުރެވޭނެ އުޞޫލު ޤާއިމުކޮށް އެ ފަންޑު ދުރާލާ އިންވެސްޓްކުރެވޭނޭ ގޮތްތަކެއް ހޯދަންޖެހޭނެ.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށާއި އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ބެލުމުގެ ދަށުން ހިންގުމަށްޓަކައި އެކުންފުންޏަކީ ޕަބްލިކް ލިސްޓަޑް ކުންފުންޏަކަށް ހަދަންޖެހޭ.
ޑރ. ޝަހީމްގެ ތަސައްވުރުތަކާ އެއްފަދައިން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ 17 ޑިސެމްބަރު 2023 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މީގެކުރިން ޙައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އާންމުން ކޮށްފައިވެއެވެ. އަދި ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، ވުޒާރާއިން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ޙައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދެއެވެ. އެހެންކަމުން،ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ހަމަޖެއްސެވުމުން މި މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.
ވަޒީރު ވިދާޅުވެފައިވާ ގޮތުން މިއަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބެވެ.
ވަޒީރު ވިދާޅުވި ގޮތުން މިފަހަރު ހައްޖުގައި ދިވެހި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެވުނެވެ. އަދި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނެވެ.
“ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން، ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ތިބި. އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު.
އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު.“
މީގެއިތުރުން މަގު އޮޅުނު 100 އެއް ހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު ކަމަށާއި ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށާއި ބަލި މީހުން ވެސް ޢަރަފަރާތަށް ގެންދެވުނު ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
“ޢަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ.
މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި.“ އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތް ރިޔާސީ ވަޢުދު ދަށުން 50 މީހުން މިއަހަރު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.
One Response
ދެންްމިއިންތިޒާރުކުރެވެނީ މިއަށްވުރެވެސް ހައްޖައް ގެންދިއުމުގެ އަގުކުޑަވި ހަގީގީ ހަބަރަކަން އެކަންއެގޮތައް މިންވަރު ކުރަށްވާށި. انشاالله އަދިތިބާގެގާބިލުކަން ދުވަހަކަންވުރެ ދުވަހެން އަތުރުކުރައްވާ ހެޔޮވިސްނުމާއެކު ހެޔޮރަހުމަތްލައްވާށި