ކުރީގެ އިނޮކޮމިކް މިނިސްޓަރު: ސަރުކާރުގެ ސިއްރު ސިޔާސަތުތަކުން މާލީ ބޮޑު ހަލާކަކަށް

Loading

Facebook
Twitter
WhatsApp

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް މިހާރުގެ ސަރުކާރުން މާލީ ނިޒާމު ބަލަހައްޓަމުންދާ ގޮތާމެދު ފާޑުކިޔުއްވައިފިއެވެ. އެބޭފުޅާ ވަނީ ފަހުގެ ސިޔާސަތުތަކުގެ ސަބަބުން އެތެރޭގެ އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް އިންޒާރު ދެއްވާފައެވެ. ފައްޔާޒުގެ މި ފާޑުކިޔުންތައް ސަރުކާރަށްއަމާޒުކުރައްވާފައި ވަނީ ގައުމުގެ މާލީ މުއައްސަސާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިޔާސީގޮތުން އައްޔަންކުރެވޭ ފަރާތްތަކަށް ބޭންކުތަކުގެ ބޯޑުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ދޭގޮތަށް އިސްލާހު ގެނައުމާ ގުޅިގެންނެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހީނަރު ކުރަމުންނެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ”މިހާތަނަށް އެއްވެސް ސަރުކާރަކުން މިގޮތަށް މިކަން ނުކުރީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމަށް. މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު. ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ޤާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން. މިއީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް.“

ދުޅެހެޔޮ އިޤްތިޞާދެއް ބިނާކުރުމުގައި ހާމަކަން ބޮޑުކަމުގެ މުހިންމުކަން ކުރީގެ މިނިސްޓަރ ފާހަގަކުރެއްވިއެވެ. ”ދުޅަހެޔޮ އިޤްތިޞާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެ އަދި އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑުއެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު،“ އެބޭފުޅާ އިތުރު ކުރެއްވިއެވެ.

ފައްޔާޒުގެ މި ފާޑުކިޔުންތައް އައިސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޭގެ ގަވާއިދުތަކަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ބޭންކުތަކުގެ ބޯޑުގައި ހިމެނުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. މީގެ ކުރިން، ގަވާއިދުގައި ކަނޑައެޅިގެން މަނާކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެއްވެސް ފަރާތެއް ބޭންކު، އިންޝުއަރެންސް ނުވަތަ މާލީ ކުންފުނިތަކުގެ ބޯޑުގައި ނުހިމެނުމެވެ. ނަމަވެސް، އައު ގަވާއިދުގެ ދަށުން ސަރުކާރު މިނިސްޓްރީތަކުގެ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓް މެންބަރުން މި މަގާމުތަކަށް އައްޔަން ކުރުން މަނާކޮށްފައިވެއެވެ.

މި ބަދަލަކީ އެމްއެމްއޭގެ އައު ގަވަރުނަރު އަޙްމަދު މުނައްވަރުގެ ދަށުން ގެނެވުނު އިސްލާހުތަކުގެ ބައެކެވެ. ގަވާއިދުތަކަށް ބަދަލު ގެނައުމުގެ އިތުރުން، އެމްއެމްއޭއިން ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލައި، މެނޭޖިންގ ޑިރެކްޓަރުންގެ މަގާމު އުފައްދައި، މި އައު މަގާމުތަކަށް ފަސް މީހުން 5 އަހަރުގެ މުއްދަތަށް ހޯދުމަށް އިޢުލާންކޯށްފައެވެ. ކުރީގެ އެސިސްޓެންޓް ގަވަރުނަރުން ވަނީ ގަވަރުނަރުގެ ލަފާދޭ ފަރާތްތަކުގެ ގޮތުގައި އައްޔަންކޮށްފައެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މި ސަރުކާރުގެ މާލީ ނިޒާމު ބަލަހައްޓަމުންދާ ގޮތާމެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައި ވާއިރު، ސަރުކާރުގެ ކޯލިޝަނުން ވެސް ވަނީ މި ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޚާއްސަކޮށް މީގެ މާލީ ނަތީޖާތަކާ ބެހޭގޮތުންނެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރުމާމެދު ފާޑުކިޔުއްވައި، މި ބަދަލަކީ ޚަރަދުބޮޑުވާނެ ބަދަލެއް ކަމަށް ވިދާޅުވިއެވެ. ”އެހެންކަމުން ޚަރަދު ކުޑަ ކުރުމަށް ލީޑަޝިޕްގެ ސްޓްރަކްޗަރ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އިލްތިމާސްކުރަން،“ ނާޒިމް ވިދާޅުވިއެވެ.

މި މާލީ އިސްލާހުތަކާ ބެހޭގޮތުން ބަހުސް ކުރިއަށްދަނިކޮށް، ފައްޔާޒުގެ ފާޑުކިޔުއްވުމުން ފާހަގަކޮށްދެނީ މިހާރުގެ ސަރުކާރުން ގައުމުގެ އިޤްތިޞާދު ގެންދަން ބޭނުންވާ މިސްރާބާ ބެހޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް