އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ކޮންމެ މީހެއްގެ ވެސް ޢާއިލާއެއް އޮންނާނެ ކަމަށާއި މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ ކަމަށެވެ.
“ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފުރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން. ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް.“
ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ޙަޤީގަތާއި
ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަންޖެހޭ ކަަމަށާއި އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދައި ޚަރާބު ކުރާއިރު އެކަމާ ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށެބެ.
“މިފަދަ ނުބައި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން.“
ޝާހިދު މިހެން ވިދާޅުވެފައިވަނީ ޑރ. ޝަހީމް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ, “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓަކުން ވީޑިއޯތަކެއް އާންމުކުރުމުންނެވެ. ނަމަވެސް އެއީ ފޭކް ވީޑިއޯތަކެއްކަން ވަނީ ހާާމަވެފައެވެ.
ވީޑިއޯ އާންމުކުރި ކުރުސީގެ އެކައުންޓުން ވަނީ އެއީ ފޭކު ވީޑިއޯއެއް ކަމަށާއި އެކަން ކުރެވުމުން ޑރ. ޝަހީމްގެ އިތުރުން އޭނާގެ އާއިލާގެ ކިބައިން މާފަށް ވެސް އެދިފައެވެ.
ކުރުސީ ވަނީ މިކަމުގެ ސަބަބުން ޑރ. ޝަހީމަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެދާނެ ގެއްލުމަކަށް ހިތާމަކުރާ ކަމަށެވެ. ނުކުރާ ކަމެއްގެ އިލްޒާމު އެއްވެސް މީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށް ވެސް ކުރުސީ ބުނެފައިވެއެވެ.